01 Nov 2023, 22:23
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށްނުދާތީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ޕީޕީއެމް، ޕީއެންސީން ތަދައްޚުލް ވާން ނިންމީ މަޖިލިސް މަރުތަޅަކަށް ނުގޮސް، މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމުގެ މަގުސަދުގައި ކަމަށް ޕީއެންސީން ބުނެފިއެވެ.
ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އާދަމް ޝަރީފް އުމަރު "ސަން"އަށް ވިދާޅުވީ އެ މައްސަލައިގައި އެ ކޯލިޝަނުން މަސައްކަތް ކުރާނީ މަޖިލީހުގެ ކަންތައްތައް ކުރެވޭނެ މާހައުލެއް ގާއިމު ކުރުމަށް މަސައްކަތް ކުރުމަށް ކަމަށެވެ.
"މީގައި މުހިންމު ކަމަކަށް ވާނީ ޚާއްޞަކޮށް ހުވާ ކުރުމުގެ ރަސްމިއްޔާތާއި މި ކަންކަމުގައި އެއްވެސް ހުއްޓުމެއް ނެތި ބަރާބަރަށް ކުރިއަށްދާނެ ގޮތެއް ވުން،" އޭނާ ވިދާޅުވިއެވެ.
އެ ދެ ޕާޓީން އުއްމީދު ކުރަނީ މި މައްސަލައިގެ ސަބަބުން ދައުލަތް ނުހުއްޓި ކުރިއަށްދާނެ ގޮތެއް މަގުފަހިވުން ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި ކޯޓުގައި ވަކާލާތު ކުރާނެ ގޮތާ ގުޅޭ ގޮތުން ދެ ޕާޓީން ދެން ވަކީލުންނާ މަޝްވަރާކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީން 49 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅި އިތުބާރުގެ މައްސަލަ މިދިޔަ އާދިއްތަ ދުވަހާއި ހޯމަ ދުވަހާއި މިއަދަށް ވެސް އެޖެންޑާ ކުރި ނަމަވެސް، ނަޝީދުގެ ކޮއްކޯފުޅު އަދި ނައިބު ރައީސް އީވާ އަބްދުﷲ ސަލާން ވިދާޅުވުމުން ޖަލްސާތައް ވަނީ ކެންސަލް ކުރަން ޖެހިފައެވެ.
މަޖިލީހުގެ އިދާރާއިން ޖަލްސާ ނުބާއްވަން ނިންމަނީ، މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލައެއްގައި ރިޔާސަތުގައި ހުންނަވަން ވާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވާ ވާތީއެވެ.
ނަމަވެސް އެމްޑީޕީން ބުނަނީ، ނައިބު ރައީސަށް ހާޒިރުނުވެވޭ ހާލަތެއްގައި ކަންތައް ކުރާނެ ގޮތް މަޖިލީހުގެ ގަވާއިދުގެ އެހެން މާއްދާއެއްގައި ލިޔެފައިވާ ކަމަށާއި އެ މާއްދާގައިވާ ގޮތުގެ މަތިން، ނައިބު ރައީސަށް ވަޑައިނުގަނެވޭ ނަމަ ރިޔާސަތާ ހަވާލުވެވޭނެ މެންބަރުން ތިއްބެވި ކަމަށެވެ.
މިދިޔަ އާދިއްތަ ދުވަހު އެމްޑީޕީން ވަނީ، އެ މާއްދާއަށް އަމަލު ކުރުމަށް މަޖިލީހުގެ އިދާރާއަށް ލާޒިމުކުރުމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ. މިދިޔަ ހޯމަ ދުވަހު އެ ކޯޓުން މައްސަލަ ބަލައިގަނެ، އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފައިވާއިރު، އެ މައްސަލައިގައިވަނީ އިތުބާރުގެ ގަރާރުގެ މަސައްކަތް ނުނިމެނީސް މަޖިލީހުގެ އިތުރު މަސައްކަތްތައް ކުރުމަށް ޖަލްސާއެއް ނުބޭއްވޭނެ ކަމަށް ކަނޑައަޅައިދިނުމަށް ވެސް އެދިފައެވެ.
އެހެންވެ، އެ މައްސަލައިގެ ސަބަބުން، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ހުރަސްއެޅިދާނެ ކަމުގެ ކަންބޮޑުން ވަނީ އުފެދިފައެވެ. އެގޮތުން ސުޕްރީމް ކޯޓުގައި އޮތް މައްސަލައަށް ތަދައްޚުލްވެފައިވާ، ނަޝީދުގެ ދަ ޑިމޮކްރެޓްސްއިން ވަނީ އެ ރަސްމިއްޔާތަށް އެމްޑީޕީން ހުރަސް އަޅަނީކަމަށް ތުހުމަތުކޮށް އެކަން ކުށްވެރިކޮށްފައެވެ.
އެމްޑީޕީން ވަނީ، މި މަހުގެ 17 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އެ ރަސްމިއްޔާތަށް ހުރަސް އެޅުމުގެ ރޫހެއް އެ ޕާޓީގެ ޕާލިމެންޓަރީ ގުރޫޕުގެ ނެތް ކަމަށް ބުނެފައެވެ. ނަމަވެސް މަޖިލީހުގެ ރިޔާސަތުގައި ނަޝީދު ހުންނަވަނިކޮށް އިންތިޚާބީ ރައީސް ކުރައްވާ ހުވައެއް ގަބޫލުނުކުރާނެ ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.