އެންބީއޭ ބާސްކެޓު ބޯޅަ މުބާރާތުގައި ސެން އެންޓޯނިއޯ ސްޕާސް އާއި ފީނިކްސް ސަންސް ބައްދަލުކުރި މެޗު ސްޕާސް ކާމިޔާބުކޮށްފިއެވެ.

ފީނިކްސްގެ ފުޓްޕްރިންޓް ސެންޓާގައި ކުޅުނު މި މެޗު ސްޕާސް ކާމިޔާބުކުރީ 115 ޕޮއިންޓު 114 ޕޮއިންޓުގެ ކުޑަ ތަފާތަކުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ދެ ކުއާޓާ ނިމުނު އިރު ސަންސް ކުރީގައި އޮތް ނަމަވެސް ސްޕާސްއިން ވަނީ ތިންވަނަ ކުއާޓާއާއި ފަހު ކުއާޓަރުގައި އެ ޓީމުގެ ކުޅުން ރަނގަޅުކޮށް މެޗު އެ ޓީމު ކޮޅަށް އަނބުރާލައިފައެވެ. ހާއްސަކޮށް ހަތަރުވަނަ ކުއާޓަރުގައި ސްޕާސް ވަނީ 14 ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ.

މުބާރާތުގައި ލޮސް އެންޖަލިސް ކްލިޕާސް އާއި އޯލާންޑޯ މެޖިކް ބައްދަލުކުރި މެޗު 118 ޕޮއިންޓް 102 ޕޮއިންޓުން ކާމިޔާބުކުރީ ކްލިޕާސްއެވެ.

މީގެ އިތުރުން ނިއުޔޯކް ނިކްސް އާއި ކްލީވްލަންޑް ކެވެލިއާސް ބާއްދަލުކުރި މެޗު 109 ޕޮއިންޓް 91 ޕޮއިންޓުން ކާމިޔާބުކުރީ ނިކްސްއެވެ. މި މެޗުގައި ނިކްސްގެ ޖޫލިއަސް ރެންޑްލް ވަނީ 19 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގައިދީ ދެ އެސިސްޓް ކޮށްފައެވެ. އަދި، ކެވެލިއާސްގެ ޑޮނޮވަން މިޝޭލްވަނީ 26 ޕޮއިންޓް ހޯދައިދީ ތިން ރީބައުންޑް ނަގައިދީ ތިން އެސިސްޓް ދީފައެވެ.