ޕީޕީއެމް ޕީއެންސީން ފަރާތުން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވަން ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ނިންމަވައިފިއެވެ.

މިކަމާ ގުޅިގެން އާޒިމާ ނެރުއްވި ބަޔާނެއްގައި ވަނީ، މާލޭ ސަރަހައްދަށް އަންނަމުންދާ ބަދަލުތަކާ އެކު ހިންގުމުގެ އޮނިގަނޑު އިތުރަށް ވަރުގަދަކޮށް، ހިންގުން ހަރުދަނާ ކުރުމުގެ ބޭނުންތެރިކަން ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާކަމަށެވެ.

ނަމަވެސް، ކައުންސިލާއި ސަރުކާރާ ދެމެދު ހިނގަމުން ދިޔަ ދެބަސްވުމާއި ޖެއްސުންކުރުމުގެ ވިސްނުންތަކުގެ ތެރެއިން މާލޭ ސަރަހައްދުގެ ތަރައްގީއާއީ ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތައް ގާތްގަނޑަކަށް ނިމުމަކަށް އައިސްފައި ވާކަމަށް އެ ބަޔާނުގައި ވެއެވެ.

އޭނާ ދެކިލައްވާ ގޮތުގައި މިވަގުތު މާލޭގެ މޭޔަރުކަމަށް އަންނަން ޖެހޭނީ މާލެ ހަގީގީ މާނައިގައި ތަރައްގީކުރެވޭނެ ގާބިލްކަން ހުރި ތެދުވެރި މީހެއް ކަމަށް އެ ބަޔާނުގައި ވެއެވެ. މިކަން ކުރުމަށް މިހާރުގެ މޭޔަރު އަދި އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ މާލޭގެ ސްޓްރެޓެޖިކް އެކަޝަން ޕްލޭން ތަންފީޒު ކުރަން ޖެހޭނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.

"އަޅުގަނޑު ތިބޭފުޅުންނަށް އަރުވާ ޔަގީން ކަމަކީ އަޅުގަނޑަކީ މުރާލިކަމާއެކު ރެއާއި ދުވާލު ޚިދުމަތުގައި ދެމިހުންނާނެ، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތް ކުރާނެ މީހަކަށް ވާނޭ ކަމެވެ،" އެ ބަޔާނުގައި ވެއެވެ.

މާލޭގެ މޭޔަރުގެ މަގާމު ހުސްވަނީ މިހާރު އެ މަގާމުގައި ހުންނެވި ޑރ. މުއިއްޒު ރައީސް ކަމަށް އިންތިޚާބުވެ، މިމަހުގެ 17ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާނެތީއެވެ.

މި މަގާމަށް ކުރިމަތިލާކަން މިހާތަނަށް ހާމަކުރައްވަފައިވާ މީހުންގެ ތެރޭގައި ޕީޕީއެމްގައި ސިޔާސީ މަސައްކަތް ކުރެއްވި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު ވެސް ހިމެނެއެވެ.

މީގެ އިތުރުން މިހާރުގެ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު ވެސް ވަނީ މޭޔަރުކަމަސް ކުރިމަތިލާކަން އިއުލާނު ކުރައްވަފައެވެ.

ޕީޕީއެމް ޕީއެންސީގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރައީސް އޮފީހުގެ ލީގަލް އެޑްވައިޒަރުކަން ކުރެއްވި އާޒިމާ މިދިޔަ ރިޔާސީ އިންތިޚާބުގައި އެމްއެންޕީގެ ކެންޑިޑޭޓާއެކު މަސައްކަތް ކުރެއްވިއެވެ. އަދި ދެވަނަ ބުރުގައި މުއިއްޒަށް ތާއިދު ކުރެއްވިއެވެ.