17 May 2012, 17:35
އެމްޑީޕީގެ ގައުމީ މަޖިލީހުގައި ބޭއްވި ކުއްލި ބައްދަލުވުމެއްގައި އެ ޕާޓީގެ ރައީސްގެ މަގާމުން ޑރ. އިބްރާހީމް ދީދީ (ޑީޑީ) އަދި ނައިބް ރައީސް ކަމުގެ މަގާމުން އަލްހާން ފަހުމީ ވަކިކުރި މައްސަލަ ޝަރީއަތަށް ހުށަހަޅުއްވާނެ ކަމަށް ޑރ. ޑީޑީ ވިދާޅުވެއްޖެ އެވެ.
ޑީޑީ މިއަދު ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ މައްސަލާގައި އެ ކޮމިޝަނުން އޭނާ އަށް މިއަދު ފޮނުއްވާފައިވާ ސިޓީގެ ޖަވާބުގައި ވެސް ވަނީ އެ މައްސަލާގައި ޝަރީޢަތަށް ދާން ޖެހޭ ކަމަށް ދޭހަވާ ފަދަ ގޮތަކަށް ކަމަށެވެ. އެގޮތުން އެ މައްސަލަ ބެލޭނެ ގާނޫނީ ހައިސިއްޔަތެއް އެ ކޮމިޝަނަށް ލިބިގެންނުވާ ކަމަށާއި ސިޔާސީ ޕާޓީތަކުގެ ދާހިލީ މައްސަލަތަކުގައި ވަކި ގޮތެއް ނިންމުމުގެ ބާރު އެ ކޮމިޝަނަށް ލިބިގެން ނުވާ ކަމަށް ބުނެފައިވެ އެވެ.
އެމްޑީޕީގެ އިންތިހާބީ ރައީސް ވިދާޅުވީ، އޭނާ އާއި އެ ޕާޓީގެ ނައިބު ރައީސް އަލްހާން ފަހުމީ ވަކިކުރި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ބޭފުޅުންގެ ގާނޫނީ ޓީމާ ހަވާލުކުރުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.
ޑީޑީގެ އަދި ވިދާޅުވީ އެ މައްސަލައާ ގުޅިގެން އޭނާ އެ ކޮމިޝަނަށް ޝަކުވާ ހުށަހެޅުއްވި އިރު ވެސް އިލެކްޝަންސްގައި ދަފްތަރުކޮށްފައި ވަނީ މާކުރީގެ އަސާސީ ގަވާއިދެއް ކަމަށާއި ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ގެނެސްފައިވާ ގަވާއިދު، އެ ކޮމިޝަންގައި ދަފްތަރުކޮށްފައި ވަނީ މިއަދު ކަމަށް ސިޓީގައި ބުނެފައިވާ ކަމަށް ޑީޑީ ވިދާޅުވި އެވެ.
"އިސްލާހު ކުރެވިފައިވާ އެމްޑީޕީގެ އަސާސީ ގަވާއިދު އެ ކޮމިޝަންގައި ދަފްތަރުކުރީ މިއަދު ކަމަށް އެސިޓީގައި ވަނީ ބުނެފައި. އެހެންވެ އެ ގަވާއިދުގެ ދަށުން އަޅުގަނޑުމެން މަގާމުން ދުރެއް ނުކުރެވޭނެ. އަދި އެ މައްސަލާގައި އެ ކޮމިޝަނަށް ގާނޫނީ ހައިސިއްޔަތު ލިބިގެންނުވާ ކަމަށް ބުނެފައިވާ އިރު ޝަރުއީ ކޯޓަކަށް ނުގޮސް އެ މައްސަލަ ނުބެލޭނެ ކަން ދޭހަވާ ފަދަ ޖަވާބެއް ދެއްވާފައި ވަނީ. އަޅުގަނޑު އެކަމުގެ ޝަކުވާ ހުށަހެޅި އިރު އިސްލާހުކުރި އެމްޑީޕީގެ އަސާސީ ގަވާއިދު ފޮނުވާފައެއް ނުވޭ،" ޑީޑީ ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ނަމަ އެ ޕާޓީއެއްގެ އަސާސީ ގަވާއިދަށް އުނިއިތުރެއް ގެނެސްފި ނަމަ އެކަމެއް ލިޔެކިޔުމާ އެކު އެ ކޮމިޝަނަށް ހުށަހަޅަން ޖެހެ އެވެ.
ނަމަވެސް އިލެކްޝަނުން ޑރ. ޑީޑީ އަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ ސިޔާސީ ޕާޓީތަކުގެ އަސާސީ ގަވާއިދަށް ގެނެސްފައިވާ ބަދަލު އެ ކޮމިޝަންގައި ދަފްތަރުކޮށްފައި ނެތުމަކީ އެ ބަދަލު ބަލައި ނުގަނެވޭނެ ކަމެއް ކަމަށް ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައި ބުނެފައިނުވާ ކަމަށެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން ބޭއްވި ކުއްލި ބައްދަލުވުމެއްގައި ޑީޑީ އާ އެކު މަގާމުން ދުރުކޮށްފައިވާ އަލްހާން ވެސް ވިދާޅުވެފައި ވަނީ އެ މައްސަލަ ޝަރީއަތަށް ހުށަހަޅުއްވާނެ ކަމަށެވެ.