01 Nov 2023, 18:16
އާބަންކޯއިން ބަލަހައްޓާ ފްލެޓްތަކަށް ގަވާއިދުން ކުލި ދައްކާ މީހުންނަށް ހުޅުވާލި ''ޕޭ އެންޑް ވިން''ގައި ބައިވެރިވި މީހުންގެ ތެރެއިން ގުރުއަތުން ނަގައި، ހަތަރު މީހަކަށް އުމްރާ ދަތުރު ދީފިއެވެ.
އާބަންކޯއިން ބުނީ، އޭޕްރިލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ގަވާއިދުން ކުލި ދެއްކި މީހުންގެ ތެރެއިން ދެ މީހަކަށް އުމްރާ ދަތުރު ދީފައިވާ ކަމަށެވެ. އަދި ބާކީ ދެ ދަތުރު ދިނީ ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ގަވާއިދުން ކުލި ދެއްކި މީހުންގެ ތެރެއިން ނެގުނު ގުރުއަތުން ހޮވުނު ދެ މީހަކަށެވެ.
އާބަންކޯއިން ބުނީ މި ޕްރޮމޯޝަން ނިންމާލުމުގެ ގޮތުން، އޮކްޓޯބަރު މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ގަވާއިދުން ކުލި ދައްކާ މީހުންގެ މެދުގައި އަންނަ އަހަރުގެ ޖެނުއަރީ މަހު ގުރުއަތު ނަގާނެ ކަމަށެވެ.
"ޕޭ އެންޑް ވިން" އަކީ އާބަންކޯއިން ދޫކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓުތައް ލިބިފައިވާ މީހުންނަށް ހުޅުވާލާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ކުލި ދައްކާ މީހުންނަށެވެ.
އާބްންކޯއިން ބުނިގޮތުގައި، އެ ކޯޕަރޭޝަންގެ މަގްސަދަކީ ވީހާވެސް ގިނަ ބަޔަކަށް ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދީ، ގަވާއިދުން ކުލި ދެއްކުމަށް ބާރުއެޅުމެވެ. އެހެންކަމުން، އެކި ސަބަބުތަކާ ހެދި ފައިސާ ނުދެއްކިފައިވާ ފަރާތްތަކަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް ޕޭމަންޓް ޕްލޭންއަކަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ވެސް ފަހިކޮށްދީފައިވާ ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.