ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް ކުރިއަށްނުދާތީ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ތަދައްޚުލް ވާން ޕީޕީއެމާއި ޕީއެންސީން ނިންމައިފިއެވެ.

ޕީޕީއެމްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަށް ޕީޕީއެމް ޕީއެންސީން ތަދައްޚުލް ވާން ނިންމާފައިވާ ކަމަށެވެ.

ނަޝީދުގެ ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްއިން ވެސް އިއްޔެ ވަނީ އެ މައްސަލައަށް ތަދައްޚުލް ވާނެ ކަމަށް ބުނެފައެވެ.

ނަޝީދުގެ އިތުބާރު މައްސަލަ މިދިޔަ އާދިއްތަ ދުވަހާއި ހޯމަ ދުވަހާއި މިއަދަށް ތާވަލުކުރި ނަމަވެސް އެމަނިކުފާނުގެ ކޮއްކޯފުޅު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާން ވިދާޅުވުމުން ޖަލްސާ ނުބޭއްވުނެވެ.

އެ ޖަލްސާ ނުބާއްވަނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއްގައި ރިޔާސަތުގައި ހުންނަވަން ވާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް ގަވާއިދުގައި އޮންނާތީ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.

ނަމަވެސް އެމްޑީޕީން ވަނީ އެ ނިންމުން ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދާ ޚިލާފު ކަމަށް ބުނެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަަހަޅާފައެވެ. އަދި މިދިޔަ ހޯމަ ދުވަހު އެ ކޯޓުން މައްސަލަ ބަލައިގަނެ، އަންނަ ހޯމަ ދުވަހަށް އެ މައްސަލައިގެ އަޑު އެހުންވަނީ ތާވަލުކޮށްފައިވާ ކަމަށެވެ. އަޑުއެހުން އޮންނާނީ، އެ ދުވަހު ހެނދުނު 10:00 އާއި 12:00 އާ ދެމެދު ކަމަށް އެ ކޯޓުން ބުންޏެވެ.

އެމްޑީޕީން ހުށަހެޅި މައްސަލައިގައި ވަނީ، އެ ގަރާރުގެ މައްސަލަ ނުނިމެނީސް މަޖިލީހުގެ އިތުރު މަސައްކަތެއް ކުރުމަށް ޖަލްސާއެއް ނުބޭއްވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދިފައެވެ. އޭގެ ސަބަބުން، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ހުރަސްއެޅިދާނެ ކަމާމެދު ކަންބޮޑުވުން ވަނީ އުފެދިފައެވެ.

އެމްޑީޕީން ވަނީ، މި މަހުގެ 17 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އެ ރަސްމިއްޔާތަށް ހުރަސް އެޅުމުގެ ރޫހެއް އެ ޕާޓީގެ ޕާލިމެންޓަރީ ގުރޫޕުގެ ނެތް ކަމަށް ބުނެފައެވެ. ނަމަވެސް މަޖިލީހުގެ ރިޔާސަތުގައި ނަޝީދު ހުންނަވަނިކޮށް އިންތިޚާބީ ރައީސް ކުރައްވާ ހުވައެއް ގަބޫލުނުކުރާނެ ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.