އިސްރާއީލާއި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސްއާ ދެމެދު އޮކްޓޫބަރު މަހު ހަތް ވަނަ ދުވަހު ހަނގުރާމަ ފެށި ފަހުން ޣައްޒާ އާއި މިސްރު ގުޅޭ ރަފާ ބޯޑަރު ފުރަތަމަ ފަހަރަށް އާންމުންނަށް ހުޅުވާލައިފިއެވެ.

ޣައްޒާގެ ބޯޑާސް އެންޑް ކްރޮސިންސް އޮތޯރިޓީއާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި، ޣައްޒާގައި ތިބި ބިދޭސީން ހިމެނޭހެން 500އަށް ވުރެ ގިނަ މީހުންނަށް ޣައްޒާއިން ނުކުތުމަށް ހުއްދަ ދޭން ވަނީ ހަމަޖެހިފައެވެ. އަދި ބޯޑަރު ހުރަސް ކުރެވޭނެ މީހުންގެ ނަންތައް ހިމެނޭ ލިސްޓެއް ވެސް އޮތޯރިޓީން މިހާރު ވަނީ އާންމުކޮށްފައެވެ.

ޒަޚަމްތަކުގެ ސަބަބުން މިސްރުން ފަރުވާ ބޭނުންވާ ފަލަސްތީނުގެ 10 ވަރަކަށް މީހުންނަށްވެސް ބޯޑަރު ހުރަސް ކުރުމުގެ ހުއްދަ ދޭން ނިންމާފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓުކުރެއެވެ.

ޣައްޒާއަށް އިންތިހާއަށް ބޭނުންޖެހިފައިވާ އެހީގެ ޓްރަކްތައް މިދިޔަ މަހުން ފެށިގެން ރަފާ މެދުވެރިކޮށް ޣައްޒާއަށް ވަނުމުގެ ހުއްދަ ދީފައި އޮތް ނަމަވެސް، މިއަދާ ހަމައަށް އެއްވެސް މީހަކަށް ބޯޑަރު ހުރަސްކޮށް ދިއުމުގެ ހުއްދަ ދީފައެއްނުވެއެވެ.

މިއަދު ހެނދުނުން ފެށިގެން ޣައްޒާ ފަޅިން ބޯޑަރު ކައިރީ އޮތީ ކިޔޫ ހަދާފައެވެ. ޒަޚަމްވި މީހުން މިސްރަށް ގެންދިއުމަށް މިސްރު ފަޅިން އެމްބިއުލާންސްތައްވެސް އޮތީ ތައްޔާރަށެވެ.

އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ޣައްޒާއިން މިހާތަނަށް ވަނީ 8000އަށް ވުރެ ގިނަ މުސްލިމުން ޝަހީދުވެފައެވެ. އެތައް ބަޔަކު ޒަޚަމްވެފައިވާއިރު، ރަނގަޅަށް ބޭސް ފަރުވާ ކުރެވޭނެ ގޮތެއްވެސް ނެތެވެ.

ފެނާއި ކާނާ ފޯރުކޮށްދިނުން ވެސް އިސްރާއީލުން ކޮންޓްރޯލު ކޮށްފައި އޮތްއިރު އެހީގެ ސާމާނު ހިފައިގެން ދާ ގިނަ ޓްރަކްތައް މިހާރުވެސް ރަފާ ބޯޑަރު ކައިރީ ޣައްޒާއަށް ވަނުމުގެ ހުއްދަ އަދި ނުލިބި އެބަ އޮތެވެ.

އަނެއްކޮޅުން ހަމަލާތައް އިތުރަށް ވަރުގަދަކުރުމަށް އިސްރާއީލުން ދަނީ ތައްޔާރުވަމުންނެވެ.