17 May 2012, 17:04
ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު އެމްޑީޕީން ރައީސް އޮފީސް ކައިރިއަށް އެއްވާން އުޅުމުން ސަލާމަތީ ބާރުތަކުން ނުކުމެ، ބައެއް މީހުން ހައްޔަރުކޮށް، އެ ސަރަހައްދަށް އެއްވި މީހުން "ފައްސާލައިފި" އެވެ.
މިއަދު މެންދުރު ފަހު 2:30 އެހާކަންހާއިރު އެމްޑީޕީގެ އިސްބޭފުޅުންނާ އެކު ރައީސް ނަޝީދު ވެލާނާގޭ ބިލްޑިން ސަރަހައްދަށް އެއްވީ ވެށިފަހި މާލެ ޕްރޮގްރާމް މަސައްކަތް ހަލުވިކޮށް، ފުލެޓްތައް ރައްޔިތުންނަށް ދިނުން އަވަސްކުރުމަށް ގޮވާލަމުންނެވެ. ރައީސް ނަޝީދާ އެކު އެ ސަރަހައްދުގައި ތިބި އެމްޑީޕީގެ އިސްބޭފުޅުން ވާހަކަފުޅު ދައްކަވައި ނިމުމުން އެ ޕާޓީގެ މެންބަރުން ރައީސް އޮފީހާ ދިމާލަށް އެއްވި އެވެ. އެވަގުތު ރައީސް ނަޝީދު އާއި މައްޗަށް ގޮޅީ އުތުރުދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ އާއި އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސަ މަނިކާއި ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފު އެ ސަރަހައްދު ދޫކޮށް ވަޑައިގެންނެވި އެވެ.
ރައީސް އޮފީސް ކައިރިއަށް އެއްވި މީހުން ސަރުކާރާ ދެކޮޅަށް އަޑު އުފުލަން ފެށުމުން ރަޔަޓް ގިޔަރުގައި ތިބި ފުލުހުންނާއި ސިފައިން ނުކުމެ، ބާރުގެ ބޭނުންކޮށް އެ ސަރަހައްދަށް އެއްވި މީހުން ފައްސާލި އެވެ. އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދެއްކި މީހުން ވެސް ހައްޔަރުކުރި އެވެ.
ރައީސް އޮފީސް ކައިރިއަށް އެއްވި މީހުން ފައްސާލުމުން މެދުޒިޔާރަތް ކުރިމަށްޗަށް އެމްޑީޕީން އަނެއްކާ ވެސް އެއްވި އެވެ. އެތަނަށް އެއްވި މީހުން ވެސް ފުލުހުން ފައްސާލި އެވެ. އަދި އެއްވުމުގައި އިސްކޮށްތިބި ހައެއްކަ އެކްޓިވިސްޓުން ހައްޔަރު ކުރި އެވެ. އޭގެ ތެރޭގައި ބައެއް އަންހެނުން ވެސް ހިމެނެ އެވެ.
މުޒާހަރާގައި އިސްކޮށްތިބި މީހުން ހައްޔަރު ކުރަން ފެށުމުން، އެއްވެތިބި މީހުން ފުލުހުންނާ ދިމާލަށް ހަޑިހުތުރު ބަހުރުވައިން ވާހަކަތައްކައި ޒުވާބު ކުރި އެވެ. އަދި ފުލުހުންނާ ޒުވާބު ކުރި ބައެއް މީހުން ވެސް ހައްޔަރު ކުރި އެވެ.
މިއަދު ރައީސް އޮފީސް ކައިރިއަށް އެއްވާން އުޅުނު ބައެއް މީހުން ހައްޔަރުކޮށް، އެ ސަރަހައްދުން މީހުން ފައްސާލުމުން މިއަދު މުޒާހަރާ ނިންމާލީ މިއަދު ހަވީރު 3:30 ގަ އެވެ.