01 Nov 2023, 15:09
"މައާލް ބޭނުންވަނީ ވަރިވާން…"
މުނީރު އެހެން ބުނެލުމުން ވެސް އިސް އުފުލާ ބަލައިލާކަށް ރާދިންއަކަށް ނުކެރުނެވެ. އޭނާގެ މުޅި ނަފްސު ވަނީ ހިމޭންވެފައެވެ. ބުނާނެ އެއްޗެއް ދުލުކުރިއަކަށް ނާދެއެވެ. މައާލްއަށް މިއަދު އެހެން ބުނުމުގެ ހައްޤުވެސް އޮތްކަމުގައި އޭނާއަށް ގަބޫލުކުރެވޭތީ ހިމޭނުން ހުންނަން އޭނާގެ ނަފްސު މަޖުބޫރުކުރަނީއެވެ.
"ރާދިން… ބައްޕަ މި ވާހަކަ ދައްކަނީ ރާދިންއާ އޭ…. މައްސަލައެއް ޖެހޭއިރަށް ވަރިވުމަކީ ހައްލެއް ނޫނެއްނު. ގުޅުން އެހާ ރަނގަޅު ވެފަ އޮއްވާ ތިހާ ހިސާބަށް ދާން ޖެހުނު ސަބަބެއް އެއްގޮތަކަށްވެސް ބައްޕައަކަށް ނުވިސްނުނު. ވެގެން އުޅޭ ގޮތެއް މައާލް ބައްޕައަކަށް ކިޔައެއް ނުދޭ. އެކަމަކު ބައްޕައަށް ވެސް އެނގޭ ބޮޑު ކަމެއް ނުވާނަމަ ވަރީގެ ވާހަކަ މައާލް ނުދައްކާނެ ކަން. މީގެ ކުރިންވެސް މައާލްގެ ކެތްތެރިކަން ބައްޕައަށް ވަނީ ފެނިފަ." މުނީރަށް އެއްވެސް ހަޤީގަތެއް ނޭނގޭކަން އެނގި އެ ހިތްހަމަ ޖެހުން ރާދިންއަށް ލިބުނު ނަމަވެސް، އޭނާގެ ނަފްސަށް ކުޑަވެސް ހަމަޖެހުމެއް ނުލިބެއެވެ.
"އަނެއްކާ ރާދިން ބޭނުންވަނީ…" މުނީރުގެ ވާހަކަ ހުއްޓުނީ ރާދިންގެ އަޑެވެ.
"ނޫން. އަޅުގަނޑު ބޭނުމެއް ނޫން މައާލް ވަރިކުރާކަށް." މުނީރުގެ ވާހަކަ ރާދިންއަށް ހުއްޓުވުނީ މައާލްއާ ވަކިވާން އޭނާ ބޭނުންނުވާތީއެވެ. މައާލްއާ ދުރުގައި އުޅޭކަށް އޭނާއަކަށް ކެތެއް ނުވާނެއެވެ. އެއަށްވުރެ ބޮޑަށް އޭނާ މައާލް ދެކެ ލޯބިވެއެވެ. އެހެންނަމަވެސް، މިއަދު އޭނާ އެހުރި ޙާލަތަކީ އެކަން މީހަކަށް ޔަޤީންކޮށްދެވޭނެ ޙާލަތެއް ނޫނެވެ. ގޯސް ހެދީ އޭނައެވެ. މައާލް ބުނާގޮތަށް ބުނާނަމަ، މައާލްގެ ނުކުޅެދުންތެރިކަމުގެ ފައިދާ ނަގާ މައާލްއަށް ބާފަވާތެރިވީ ވެސް އޭނާއެވެ. ކުރެވުނު ކުށުގެ ބޮޑުކަމުން ރާދިންއަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގި ހިނދުކޮޅަކު ހުރެވުނެވެ.
"މައާލް ކޮބާ؟ މައާލް ރަނގަޅުތަ؟" ހިތްވަރުކޮށްފައި އިސް އުފުލާލާފައި ރާދިން ވާހަކަ ދެއްކިއެވެ. މައާލްގެ ޙާލެއް އޮޅުން ފިލުވަން އޭނާގެ ކެތްތެރިކަން ކޮޅުން ލަމުން ދިޔައެވެ.
"މައާލް ހަމަޖެހިފަ ހުރީ. ވަރަށް ރުއި. ޝާކިރުމެން ނިޔާވިފަހުން މައާލް އެހާ ވަރަށް ރޮނިކޮށް ބައްޕައަށް އަދި އަލަށް މި ފެނުނީ." ރާދިންގެ އަޑުން ވެސް މަޑުމޮޅިކަމާއި ހިތާމަ މުނީރަށް ފަހުމް ވިއެވެ. އެެހންކަމުން އޭނާ މައާލްގެ ޙާލަތު ރާދިންއަށް އޮޅުން ފިލުވައިދިނެވެ.
"މައާލް ކައިރިއަށް ދާން ބޭނުން…" ރާދިންއަށް ބުނެވުނެވެ.
"ރާދިން ބޭނުން ވަގުތަކު ދާންވީ ހަމަ. އެކަމަކު މިރޭ ދެން މައާލްއަށް އަރާމުކޮށްލަން ފުރުސަތު ދީ. ރާދިންއާ ވާހަކަ ދައްކާކަށް މައާލް ބޭނުމެއް ނުވޭ." މުނީރު ބުންޏެވެ. ރާދިން އެއްޗެއް ނުބުނެ ބޯ ޖަހާލީއެވެ.
"ބައްޕައަށް އެނގޭ ވީ އާދައިގެ ކަމެއް ނޫންކަން. ރާދިންގެ މޫނުމަތިން ތިޔަ ފެންނަނީ މީގެ ކުރިން ބައްޕައަށް ދުވަހަކުވެސް ފެނުނު އަސަރުތަކެއް ނޫން. ދަރިފުޅުމެން ދެކުދިން ވަރިވާކަށް ބައްޕަ ފަހަރެއްގައިވެސް ބޭނުމެއް ނޫން. އެކަމަކު މައްސަލަ ހައްލުކުރަން ވެގެން އުޅޭ ގޮތެއް ކޮންމެވެސް ވަރަކަށް ބައްޕައަށްވެސް އެނގެން ޖެހޭނެކަންނޭނގެ. ނޫންތަ؟" ރާދިންގެ ކޮނޑުގައި ޖަހާލާފައި މުނީރު ވާހަކަ ދެއްކީ އޯގާތެރިކަމާއެކުގައެވެ. އެކަމުން ރާދިންއަށް އިތުރު ހިތްދަތިކަމެއް ލިބިގެން ދިޔައެވެ. ހަޤީގަތް އެނގޭނަމަ ބައްޕަ އޭނާއާ ދިމާލަށް ބަލައިވެސް ނުލާނެކަން ރާދިންއަށް އެނގެއެވެ. މިހާރު ސިއްރުކުރެވުނުނަމަވެސް، ކޮންމެވެސް ދުވަހަކުން އެ ހަޤީގަތް ބައްޕައަށްވެސް އެނގޭނެއެވެ. އެ ދުވަހަކުން ވާނެ ގޮތްވެސް ލަފާކޮށްލާކަށް އޭނާއަކަށް ނޭނގެއެވެ.
"ހަމަޖެހިލާ އިހަށް. މައާލް ހަމައަކަށް އެޅުނީމަ ބައްޕަ ރާދިންއަށް ގުޅާނަން. ކޮފީއެއް އެއްޗެއް ނުބޯނަންތަ؟." މުނީރު ބުނެލިއެވެ.
"އަޅުގަނޑު ބޭނުމެއް ނޫން. ބައްޕަ ކޮފީއެއް ބޭނުންވަންޏާ ގްރޭސީ ކައިރީގަ ބުނެފާނަން ތައްޔާރުކޮށްލަން." ރާދިން އެހެން ބުނެލުމާއެކު، މުނީރު ނޫނެކޭ ބުނެލިއެވެ. ހަޤީގަތުގައި އޭނާގެ ބޭނުން ވީ ރާދިން ހަމަ ޖެއްސުމެވެ. އެކަމާ ރާދިން ދެކޮޅު ހެދުމުން ކޮންމެހެން ކޮފީއެއް އޭނާ ބޭނުން ނުވީއެވެ.
"ބައްޕަ ދަނީ ދެން. އެކަމަކު ރާދިންއަށް ކުށެއް ކުރެވިފަ ވާނަމަ މައާލް ގާތުން މާފަށް އެދޭތި. މައާލް ގެއްލިއްޖެނަމަ ރާދިންއަށް އެ ގެއްލުނީ އަގު ބޮޑު ޖަވާހިރެއް. ލޮލަށް ނުފެނުނު ނަމަވެސް، އެއަށްވުރެ ރަނގަޅު ކުއްޖެއް ރާދިންއަކަށް ނުލިބޭނެ. ބައްޕަ ބޭނުންވާ ކަހަލަ ރާދިންއަށް ބައްޕައަށް ހޯދަދިނީ މައާލް. ބައްޕައަށް އެނގުނު ވަރީގެ ވާހަކަ މައާލް ބުނީ ދެރަވެފައި ހުރިވަރުންކަން. އެހެން ބުނެލިއިރު އެކަނިވެސް އެ ދެލޮލުން ރާދިންއަށްޓަކައި ވާ ލޯބި ބައްޕައަށް ފެނުނު." ފަހު ފަހަރަށް އެހެން ބުނެލާފައި މުނީރު ކޮޓަރިން ނުކުތުމުން ރާދިން އަނެއްކާވެސް އޮށޯވެލީ ސޯފާގައެވެ.
އެގޮތަށް އޮންނަން ވުމުން ހިތަށް އެއްވެސް ހަމަ ޖެހުމެއް ލިބޭގޮތެއް ނުވިއެވެ. އަށެއް ޖަހާ ބޮޑުވިއިރުވެސް ރާދިންއަށް އެ އޮތްގޮތަށް އޮވެވުނެވެ. ނަމާދު ނުކޮށް ހުރެވުނުކަން ހަނދާންވުމާއެކު އޭނާ ތެދުވިއެވެ. ވުޟޫކޮށްލައިގެން ނުކުމެ ނަމާދުކޮށްލުމުން ނަފްސަށް ކުޑަ ހިތްހަމަޖެހުމެއް ލިބުނެވެ. އަނބުރާ ސޯފާއަށް ގޮސް އޮށޯވެލުމާއެކު މައާލްގެ ހަނދާންތައް އައިސް އޭނާއަށް ގޯނާކުރަން ފެށިއެވެ. ލޯ މަރާލުމާއެކު، ސިފަވަނީ މައާލްގެ ކަރުނުން ފުރިފައިވީ ދެލޮލެވެ. މައާލްގެ ކުރެހިފައިވާ އަޑުން އޭނާއާ ދިމާލަށް ބުނެފައިވާ ބަސްތައް ކަންފަތުގައި ގުގުމަން ފެށުމާއެކު ރާދިންއަށް ކަންފަތުގައި އަތް އަޅާލެވުނެވެ. އެޅިފައިވާ ބޭވަފާތެރިކަމުގެ "ޓެގުން" ސަލާމަތް ނުވެވޭނެކަން އެނގި މީހާ ހީވަނީ މޮޔަވާހެންނެވެ. ސަޖާ އޭނާގެ ދަރިއަކަށް ބަނޑު ބޮޑުވެދާނެކަން ރާދިންއަށް ގަބޫލުކުރެވެނީ އެ ދެމެދުގައި އެފަދަ ގުޅުމެއް ހިނގާފައިވާތީއެވެ. ގަބޫލުކުރަން ބޭނުން ނޫން ނަމަވެސް އެއީ ހަޤީގަތެވެ.
ކެތްތެރިކަން ކޮޅުން ލާން ފެށުމުން ރާދިން ފުންމައިގެން ތެދުވިއެވެ. އޭނާ މައާލްގެ ފޯނަށް ގުޅާލިއެވެ. ފޯނު އޮތީ ނިއްވާލާފައެވެ. ތިން ހަތަރު ފަހަރު ގުޅުމުންވެސް ލިބުނީ އެއް ޖަވާބެކެވެ. ރުޅިވެރިކަން ނަފްސު ހިޞާރުކުރަން ފެށުމާއެކު، ފޯނު އެއްލާލަން އަތް ހޫރާލުމަށްފަހު ވެސް، އަމިއްލަ ކުށުގެ އިޙްސާސްވެ ރާދިން މަޑުޖެހުނެވެ. ސޯފާ މައްޗަށް ފޯނު އެއްލާލާފައި ނިތުގައި އަތް ޖައްސާލައިގެން އޭނާއަށް އޮވެވުނެވެ. އެހެން އޮތްއިރު، އޭނާގެ ދެލޮލުގެ ހިމަކޮޅުން ކަރުނަތައް ފައިބަން ފެށިއެވެ.
*****
އެނދުގައި އޮށޯވެލައިގެން ދެލޯ މަރާލައިގެން އޮތް ނަމަވެސް، މައާލްގެ ލޮލާ ނިދިވަނީ އެތައް ހާސް މޭލެއްގެ ދުރުގައެވެ. ރާދިން ދެކެ އޭނާ ވީ މަތިވެރި ލޯބީގެ ބަދަލު އެހާ ހިތި ގޮތެއްގައި ލިބިދާނެކަމަށް ފަހަރެއްގައިވެސް އޭނާ ހީކޮށްފައެއް ނުވެއެވެ. ރާދިން އެހާ އަނިޔާވެރިގޮތެއްގައި އޭނާއަށް ބޭވަފާތެރިވާން ޖެހުނީ ކީއްވެހެއްޔެވެ؟ އެފަދަ ގޮތަކަށް އޭނާގެ ކިބައިން ބަދަލު ހިފަން ޖެހުނީ ކީއްވެގެންހެއްޔެވެ؟ އެ ފަދަ ހަޑި ހުތުރު މަގެއް ޚިޔާރުކުރުމުގެ ބަދަލުގައި އެއްފަހަރުވެސް އޭނާގާތު ދުރުވާން ބޭނުންވާ ވާހަކަ ބުނެލި ނަމައެވެ. މީހަކާ އިނދެގެން ހުރެ ރާދިން އެކުރީ ހާދަ ބޮޑު ފާފައެކެވެ. މީގެ ކުރިން ރާދިން އޭނާއާ މެދު ވި އިހުމާލާ އަނިޔާއަށް މާފު ދިން ނަމަވެސް، އެ ކަމަށް މަފު ދޭނީ ކިހިނަކުން ހެއްޔެވެ؟ އުފަލާއި ހިތްހަމަޖެހުމުގައި އުޅެވޭނޭ މަގެއް ފެނުނުއިރު، އޭނާގެ ޙަޔާތުގެ މިސްރާބު މުޅިން އެހެން ދިމާލަކަށް ބަދަލުވެއްޖެއެވެ. ހިތާމައާއި ހިތްދަތިިކަމުގައި އޭނާގެ ނަފްސު ޣަރަޤުވެއްޖެއެވެ. ސުބްޙާނަ ﷲ އެވެ. މިއީ ކޮން ފަދަ އިމްތިޙާނެއްހެއްޔެވެ؟
ކަނާއަތް ހަރަކާތްކޮށްލުމާއެކު، އެ އަތް ގެންގޮސް ބަނޑުގައި ޖައްސާލުމާއެކު، މައާލްއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. އަލަތު ދަރިފުޅަށް ބަލިވެ އިނުމުން ލިބޭ އުފަލުންވެސް އޭނާ މަހުރޫމް ވަނީހެއްޔެވެ؟ އުފަލެއް ލިބޭއިރަށް އެ އުފަލެއް އޭނާގެ އަތުން ބީވަނީ ކީއްވެހެއްޔެވެ؟ ޝަކުވާކުރަން ބޭނުން ނުވިނަމަވެސް، އަމިއްލަ ހިތުގެ އިޙްސާސްތައް ކޮންޓްރޯލްކުރުން މައާލްއަށް ވީ އުނދަގޫކަމަކަށެވެ. ބަނޑުގައި އުފެދެމުންދާ ދަރިފުޅާ މެދު ވިސްނާލާފައި ހަމަޖެހެން މަސައްކަތްކުރިނަމަވެސް، އެ ހިތާމަޔާއި ހިތްދަތިކަމުގެ ތެރޭގައި އޭނާ ގެނބިގެން ދަނީއެވެ. ރާދިންއާ މެދު މައާލްގެ ހިތުގައި ވަނީ ޝަކުވާއެވެ. އޭނާއަށް އެހާ ހިތްދަތިކަމެއް ދޭން ރާދިންއަށް ޖެހުނީ އޭނާގެ ކިބައިން ކޮން ކަމެއްގެ ބަދަލެއް ހިފަން ހެއްޔެވެ؟
ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލާފައި މުނީރު ވަނީވެސް މައާލް އެހެން އޮއްވައެވެ.
"އެއްޗެއް ކާންވީނު؟ ނުވެސް ކައެއްނު ތިއުޅެނީ އަދި." މުނީރު ސުވާލުކޮށްލުމުން މައާލް އެއްޗެއް ނުބުނެއެވެ.
"ނުކެއިމަ ކަމަކު ނުދާނެއެއްނު. ކޯންޗެއް ތައްޔާރުކުރަން ބުނަންވީ؟" މުނީރު އަނެއްކާވެސް ބުނެލިއެވެ.
'ކޮންމެ އެއްޗެއްވެސް ރަނގަޅުވާނެ." މައާލް ކާ ހިތްނުވިނަމަވެސް ބުނެލިއެވެ. އޭނާ ފަރުވާތެރިވާން ޖެހޭ އިތުރު ފުރާނައެއް އޭނާގެ ހަށިގަނޑުގެތެރޭގައި ވާތީއެވެ. އޭނާގެ ސަބަބުން އެ ފުރާނައަށް ނުރައްކާވާވަރުގެ އެއްވެސް ކަމެއް ކުރާކަށް މައާލް ބޭނުމެއް ނޫނެވެ.
ރާދިންގެ ފަރާތަކުންވެސް ވީކަމެއް މުނީރަކަށް ނޭނގެއެވެ. އެކަމާ ބެހޭގޮތުން މައާލްއާ ވާހަކަ ދައްކައިފިނަމަ، އަނެއްކާ އިތުރަށް ޙާލަތު ގޯސް ވެދާނެތީ އެވަގުތު އިތުރު ސުވާލެއް ކުރަން މުނީރު ޖެހިލުންވިއެވެ.
"އެމާ ކައިރީ ބުނާނަން އިނގޭ މައާލް ކައިރިއަށް އަންނަން" މުނީރުގެ ބުނެލުމާއެކު މައާލް ބޯ ޖަހާލިއެވެ. މުނީރު ނުކުތްތާ މާގިނަ އިރެއްނުވެ އެމާ އައިސް ކޮޓަރިއަށް ވަނެވެ. އެހާ ދުވަސްކޮށްފައި މައާލް ފެނުމުން އުފާވީނަމަވެސް، މައާލްގެ ޙާލަތު ފެނުމުން އެމާ ކަންބޮޑުވިއެވެ. ހިނގައިގަން އުޅެނީ ބޮޑުކަމެއްކަން އޭނާއަށް އެނގެއެވެ. ވީއިރު މުނީރު އެދުނު ގޮތަށް މައާލްގެ ކައިރީގައި ހުންނަން އެމާ ބޭނުންވިއެވެ.
ކާ އެއްޗެހި ހިފައިގެން ނޯކަރެއް އައުމުން މައާލްއަށް ކެއުމަށް އެހީތެރިވެފައި މައާލް އެކަނިކޮށްލަން ބޭނުން ނުވާތީ އެމާ ނިދަން ވެސް ނިންމީ މައާލްއާއެކު އެ ކޮޓަރީގައެވެ. ދުވާލު ބުރަކޮށް އުޅެފައި ޖައްސާލެވުމުން އެމާއަށް ނިދޭކަށް ގިނަ އިރެއް ނުނެގިއެވެ. އެހެންނަމަވެސް އޭރުވެސް މައާލްއަކަށް ނުނިދެއެވެ. ރާދިންއާ މެދު ވިސްނެމުން ދިޔަ ވަރަކަށް އޭނާގެ މޭގައި ތޫނު ރިހުމެއް އުފެދެމުން ދިޔައެވެ.
މައާލްއަށް ނިދުނުއިރު، ދެއެއް ޖަހާ ބޮޑުވިނަމަވެސް، ފަތިސް ނަމާދު ވަގުތަށް އޭނާއަށް ހޭލެވުނެވެ. ވަރުބަލި ނަމަވެސް، އެމާއަށް ގޮވާ އެމާގެ އެހީތެރިކަމާއެކު ފާޚާނާއަށް ގޮސް ތާޒާވެލައިގެން ވުޟޫކޮށްލިއެވެ. ނުކުމެ ނަމާދުކޮށް ނިމިގެން ހިނގައިގަތްތަނާ އޭނާގެ ބޮލަށް އެނބުރުން އަރާ ގޮތްވިއެވެ. އަރި އަޅާލި ނަމަވެސް، އެމާގެ ސަބަބުން ނުވެއްޓި ސަލާމަތް ވިއެވެ.
"މެޑަމް އޯކޭތަ؟" އެމާ ސުވާލުކޮށްލުމުން މައާލް އާއެކޭ ބުނެލިއެވެ. އެނދާ ހިސާބަށް ދެވުނީ ކިރިޔާއެވެ. އޭނާ އެނބުރުން އަރައިގަތެވެ. އެމާ މައާލްއަށް ގޮވިއެވެ. އެސްފިޔަތައް ދެފަހަރަކު ތަޅުވާލާފައި އަނެއްކާވެސް ޚަބަރު ހުސްވެއްޖެއެވެ. އެމާ ދުވެފައި ކޮޓަރިން ނުކުތްއިރު، މުނީރު ނަމާދުން އައިސް ގެއަށް ވަންނަނީއެވެ. އެމާ ހާސްކަމާއެކު ވެގެން އުޅޭ ގޮތް ސާފުކޮށްދިނުމުން މުނީރުވެސް ދުވެފައި ކަހަލަ ގޮތަކަށް ކޮޓަރިއަށް ވަނެވެ.
ލަސްނުކޮށް މައާލް ހޮސްޕިޓަލަށް ގެންދަން އޭނާ އަވަސްވެގަތެވެ. އެންބިއުލެންސްއަށް ގުޅިތާ ލަސްތަކެއްނުވެ އަތުވެއްޖެއެވެ. ގެންދިޔަ ގޮތަށް މައާލް ވެއްދީ އެމަރޖެންސީއަށެވެ. ބީޕީ ވަރަށް ދަށްވެފައި ހުރިކަމަށް ޑޮކްޓަރުން ބުނެފައި އައިވީ ފެށިއެވެ. އޭރުވެސް މައާލްއަށް ހޭވެރިކަމެއް ނުވެއެވެ.
ފަރުދާއަކުން ނިވާކޮށްލާފައިވާ އެނދުގެ އެއްފަރާތުގައި ހުރި މުނީރު ވަނީ ހާސްވެފައެވެ. އެތައް ފަހަރަކު ފޯނަށް ވެސް އޭނާއަށް ބަލާ ލެވިއްޖެއެވެ. ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި މުނީރު މަޑުޖެހިލާފައި ރާދިންއަށް ގުޅަން ވެގެން އުޅުނު ވަގުތު، ޑޮކްޓަރު ނުކުމެފައި މައާލް ހޭއެރި ވާހަކަ ބުނެލިއެވެ. އެއާއެކު މުނީރު އެތެރެއަށް ވަދެލިއެެވެ. ވަރު ދެރަ ގޮތަކަށް ލޯ ހުޅުވާލައިގެން އޮތް މައާލްއަށް ބަލާލުލަށްފަހު، ރާދިންއަށް ގުޅަމުން އެ ވާހަކަ މުނީރު ބުނެލުމާއެކު، މައާލް ދެފަރާތަށް ބޯ ހޫރާލިއެވެ.
"ނޫން…" މައާލްގެ އަޑު މަޑެެވެ.
"އެކަމަކު ރާދިންއަށް އަންގަން ވާނެއެއްނު…" މުނީރު ބުނެލި ނަމަވެސް، މައާލް އެގޮތާ އެއްބަހެއް ނުވިއެވެ. އެހެންކަމުން މުނީރު ފޯނު ކަނޑާލީއެވެ.
"މޫން ވެލީ" ގެ ގޯތިތެރެއަށް ވަދެގެން އައި ރާދިން ސައިކަލު ބަހައްޓާފައި ގެއަށް ވަންނަން ހިނގައިގަތް ވަގުތު މުނީރުގެ ކޯލެއް އޭނާއަށް ލިބުނެވެ. ނަގަން އުޅުނު ވަގުތު ފޯނު ކެނޑުމުން އޭނާ ގޮސް އެތެރެއަށް ވަނެވެ. ރާދިންގެ މޫނައް ބަލާލުމުން ރޭގައި އޭނާ އެންމެ ލޮލު ފިޔައެއް ވެސް ނުޖަހާކަން އެނގެއެވެ. ފަތިސް ނަމާދުކޮށްގެން ގެއަށް ދާން އުޅެފައިވެސް ރާދިން އެ ގެއަށް އެއައީ މައާލްގެ ޙަބަރެއް ބަލާ ނުލާ ހުންނަން އޭނާގެ ހިތަށް ކުޅަދާނަ ނުވުމުންނެވެ. މައާލްއަށް އެ ހިތާމައާ ކުރިމަތިނުލެވޭނެކަން އޭނާއަށް އެނގެއެވެ. މާފަށް އެދި އާދޭސްކުރިނަމަވެސް، މައާލް އޭނާއަށް މާފުނުދޭނެކަންވެސް ރާދިންއަށް އެނގެއެވެ. އެހެންނަމަވެސް، އޭނާ ބޭނުންވީ އެންމެ ފަހަރަކު ނަމަވެސް، މައާލްގެ އެ ސޫރަ ދެކިލުމަށެވެ. މައާލް ހެޔޮ ޙާލުގައި ހުރިކަން ޔަޤީން ކުރެވުމުންވެސް އޭނާގެ ހިތަށް ހަމަޖެހުމެއް ލިބޭނެއެވެ.
އެތެރެއިން އޭނާއަށް މަރުޙަބާކީ ފަޅުކަމާ ހަމަހިމޭންކަމެވެ. އެހެން ހުއްޓާ އެ ދިމާލަށް އައި ނޯކަރު ކުއްޖާ ލޮލުގައި އަޅައިގަތުމާއެކު އޭނާ އެ ކުއްޖާއަށް ގޮވާލިއެވެ.
"މައާލް… މައާލް ކޮބާ؟" އަވަސްވަމުން ދިޔަ ނޭވާއާއެކު ރާދިންއަށް ސުވާލުކޮށްލެވުނެވެ. އެ ކުއްޖާ އަދަބު ވެރިކަމާއެކު، މައާލް ހޮސްޕިޓަލަށް ގެންދިޔަ ވާހަކަ ބުނެލިއެވެ. ރާދިންގެ ހިތަށް ބިރުވެރިކަން ވެރިވިއެވެ. މައާލްއަށް ކިހިނެއްވީހެއްޔެވެ؟ ހޮސްޕިޓަލަށް ގެންދަން ޖެހޭ ވަރަށް މައާލްގެ ޙާލު ދެރަވީ ހެއްޔެވެ؟ ބައްޕަވެސް މައާލް ގޮވައިގެން ދިޔައިރު، އޭނާއަށް އަންގާ ނުލީތީ ހިތުގައި ޝަކުވާ އުފެދުނެވެ. ފަސްއެނބުރިފައި ބާރު ފިޔަވަޅުތަކެއްގައި ގޮސް ރާދިން ސައިކަލަށް އަރާ ދުއްވާލިއެވެ.
*****
ޕްރައިވެޓް ރޫމަކަށް ބަދަލު ކުރެވުނު މައާލްގެ ބަނޑުގައި ލުއި ލުއި ރިހުމެއްގެ އަސަރުވެރިވަމުން ދިޔައެވެ. މަޑުމަޑުން ތަދު ބޮޑުވަމުން ދިޔަހެންވެސް އޭނާއަށް ހީވިއެވެ. އަރިއަކަށް ޖެހިލާ ދެފައި ކުޑަކޮށް ކުރުކޮށްލި ގޮތް މުނީރަށް ފާހަގަ ކުރެވުމާއެކު، ސޯފާގައި އިނދެފައި އޭނާ ތެދުވިއެވެ.
"މައާލް! ދަރިފުޅު ތަނަކަށް ތަދުވަނީތަ؟" "މުނީރު ސުވާލުކޮށްލިއެވެ.
"ބަނޑަށް…" މައާލް ބުނެލިއެވެ. އޭރު އޭނާގެ ހިތަށް ބިރުވެރިކަން ވެރިވެފައިވެއެވެ.
"ބަނޑަށޭ… މި އަންނަނީ ޑޮކްޓަރު ގޮވައިގެން." އެހެން ބުނެލާފައި މުނީރު ނުކުންނަން ވެެގެން އުޅެނިކޮށް ނަސީބަކުން ޑޮކްޓަރެއްވެސް އައިސް ވަދެއްޖެއެވެ.
"ކިހިނެއްވީ؟ އުނދަގޫވަނީތަ؟" މައާލްގާތު ޑޮކްޓަރު ސުވާލުކޮށްލިއެވެ. އެއަށްފަހު އެ ދުވަހު ކެއި އެއްޗެހި ވެސް އޮޅުން ފިލުވިއެވެ.
"ބޭބީ… ބޭބީއަށް ކަމެއް ވަނީތަ؟" މައާލްއަށް އެހެން ބުނެވުނީ ބޭއިޚްތިޔާރުގައެވެ. ޑޮކްޓަރުގެ މޫނުމަތިން ވެސް ހައިރާންކަން ފެނިގެން ދިޔައެވެ. މައާލް ގެނެވުނީ ކުރިން ދުވަހު ދިޔަ ހޮސްޕިޓަލަށް ނުވުމާއެކު، އެމީހުންގެ އަތުގައި ރިޕޯޓްތަކުގެ ރިކޯޑެއް ނެތެވެ.
އައި އެމް ޕްރެގްނެންޑް…" މައާލް އެހެން ބުނެލި އިރު އޭނާ ފެންކަޅިވެއްޖެ އެވެ.
(ނުނިމޭ)