01 Nov 2023, 14:44
އެމްޑީޕީން ހުށަހަޅާފައި އޮތް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާކޮށް މާދަމާ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.
އެ ޖަލްސާ ބާއްވަން ނިންމާފައި ވަނީ މައްސަލައާ ގުޅިގެން މަޖިލިސް ހުއްޓުމަކަށް އައިސްފައި ވަނިކޮށް، މާދަމާއަށް ޖަލްސާއެއް ބާއްވައި ދިނުމަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން މަޖިލީހުގައި އެދިފަވަނިކޮށެވެ.
މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު 'ސަން'އަށް ވިދާޅުވީ، މަޖިލީހުގެ އިދާރާއަށް އެމްޑީޕީގެ ޕީޖީން ޖަލްސާއެއް ބާއްވަން އެދި ރިކުއެސްޓު ފޮނުވާފައިވާ ކަމަށެވެ. އަދި، މާދަމާ ޖަލްސާ އޮންނާނެ ކަމަށް ވެސް ޒިޔާއު ވިދާޅުވިއެވެ.
އެމްޑީޕީގެ ޕީޖީން އެގޮތަށް އެދެފައިވަނީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިޔުމުގައި ގޮތެއް ނިންމައިދިނުމަށް އެދި ސުޕްރިމް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.
އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި، އެ ގަރާރުގެ މައްސަލަ ނުނިމެނީސް މަޖިލީހުގެ އިތުރު މަސައްކަތެއް ކުރުމަށް ޖަލްސާއެއް ނުބޭއްވޭނެ ކަމަށް ކަނޑައަޅައިދޭން ވެސް ވަނީ އެދެފައެވެ.
އެ މައްސަލަ ސުޕްރިމް ކޯޓުން މިދިޔަ ހޯމަ ދުވަހު ބަލައިގެންފައިވާއިރު މިއަދު އެ ކޯޓުން ބުނީ އަންނަ ހޯމަ ދުވަހު އެ މައްސަލައިގެ އަޑު އެހުން ތާވަލުކޮށްފައިވާ ކަމަށެވެ. އަޑުއެހުން އޮންނާނީ، އެ ދުވަހު ހެނދުނު 10:00 އާއި 12:00 އާ ދެމެދު ކަމަށް އެ ކޯޓުން ބުންޏެވެ.
މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާ އެކު ހުށަހެޅި ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ތިން ޖަލްސާއެއް މި ހަފުތާގައި ތާވަލުކުރިއެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އަދި ރައީސް ނަޝީދުގެ ކޮއްކޯފުޅު އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާ މަޖިލީހަށް ވަނީ ތިން ދުވަހު ވެސް ސަލާން ފޮނުއްވައިފައެވެ.
އެ ޕާޓީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މީގެ ކުރިން ވިދާޅުވީ، ސުޕްރިމް ކޯޓަށް އެ މައްސަލަ ހުށަހެޅި މަޖިލީހުގެ އިދާރާއިން އެ ކަމަށް ހައްލެއް ނުލިބުމުން ކަމަށާއި އެހެން މުއައްސަސާއެއްގެ ލަފާ ކޮންމެހެން ވެސް ބޭނުންވުމުން ކަމަށެވެ. އަދި، އެއީ މަޖިލީހުގެ ބާރުގެ ތެރެއަށް ކޯޓުތައް ވެއްދުން ނޫން ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމްޑީޕީން ސުޕްރިމް ކޯޓުން ނިންމާ ނިންމުމަކަށް ތަބާވާނެ ކަމަށެވެ.