ފްރާންސްގެ ޗީޒެއް، ''އީކޮލައި'' ޖަރާސީމުން ތަޣަޔަރުވުމުގެ ފުރުސަތު އޮތުމާ ގުޅިގެން ރާއްޖޭގައި އެ ވިއްކުން، ފުޑް އެންޑް ޑުރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.

މި މަހުގެ ތިން ވަނަ ދުވަހު މުއްދަތު ހަމަވާ، "ފްރޮމެޖާ ޑި އަފިނޯއިސް" ނަމަކަށް ކިޔުނު މި އުފެއްދުން ރާއްޖެއަށް އެތެރެކޮށް ވިއްކުމާއި ބޭނުންކުރުން ވަނީ އެމްއެފްޑީއޭއިން މަނާކޮށްފައެވެ.

އެ ޗީޒް ވިއްކުން މަނާ ކުރީ ޖަރާސީމުން އެ ތަޢައްޔަރުވުމުގެ ފުރުސަތު އޮތީތީއެވެ.

އެމްއެފްޑީއޭއިން މިއަދު ނެރުނު ނޫސްބާޔާނެއްގައި ބުނެފައިވަނީ، މި ބާވަތުގެ ޗީޒްއެއް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ އިންޓާނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީ ނެޓް ވޯކް އަދި ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑްއިން އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށެވެ.

މީގެ އިތުރުން މި އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސް ދެނެގަތުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.