ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދެވުމުން، އެ ދުވަހު އޭރު އެމްޑީޕީގެ ރައީސްކަމުގައި ހުންނަވާ މިހާރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި، ބަސްފުޅު އެމްޑީޕީން ނަޝީދަށް ހަނދާން ކޮށްދީފިއެވެ.

ކުރީގެ ޕީޕީއެމް ސަރުކާރުގައި މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅިފައި އޮއްވައި، އެ މަނިކުފާނު މަޖިލިސް ތަމުސީލު ކުރައްވާތީ، ކަންބޮޑުވެ 2017 ވަނަ އަހަރު ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިތުބާރުގެ މައްސަލައާ އެކު މަސީހަކީ މަޖިލީހުގެ ގާނޫނީ ރައީސް ނޫން ކަމަށެވެ. އެހެންވެ، ބޭރުގެ ފޯރަމްތަކުގައި އެ މަނިކުފާނަށް މަޖިލިސް ތަމުސީލު ނުކުރެވޭނެ ކަމަށް އެ ދުވަހު ނަޝީދު ވިދާޅުވިއެވެ.

މިހާރު ދިމާވެފައި އޮތް، ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެން މިއަދު އެމްޑީޕީ މެންބަރުން ވަނީ މަޖިލީހުގެ އިދާރާގައި އިހްތިޖާޖު ކޮށްފައެވެ.

އެ މެންބަރުން ތިއްބެވީ ނަޝީދު އެ ވިދާޅުވި ބަސްފުޅު ބެނާއެއްގައި ލިޔުއްވައިގެން އެ ހިއްޕަވައިގެންނެވެ. އެ ބެނާގައި ބުނެފައިވަނީ ނަޝީދަކީ މިހާރު މަޖިލީހުގެ ގާނޫނީ ރައީސް ނޫން ކަމަށެވެ. އަދި، މެޖޯރިޓީގެ ނިންމުމަށް އިހުތިރާމްކޮށް، އެ މަނިކުފާނު އިސްތިއުފާ ދެއްވަން އެމްޑީޕީން ވަނީ ގޮވާލައިފައެވެ.

މަޖިލީހުގެ 56 މެންބަރުން ތިއްބަވާ އެމްޑީޕީން ވަނީ ނަޝީދު މަޖިލީހުގެ ރިޔާސަތުން ދުރުކުރަން ދެވަނަ ފަހަރަށް އެ މައްސަލަ ހުށަހަޅައިފައެވެ. އެކަމަކު، މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީސް ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއްގައި ރިޔާސަތު ބަލަހައްޓަން ޖެހޭނީ ނައިބު ރައީސެވެ.

އެހެންވެ، ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ މަޖިލީހަށް ސަލާން ވިދާޅުވާތީ، އެ މައްސަލަ އެއްގޮތަކަށް ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.

މެޖޯރިޓީ ޕާޓީ، އެމްޑީޕީން ވަނީ އެ މައްސަލައިގައި ވަކި ގޮތެއް ނުނިމެނީސް މަޖިލީހުގެ އިތުރު އެއްވެސް މަސައްކަތަކަށް އެއްބާރުލުން ނުދޭން ނިންމައިފައެވެ. އެ ޕާޓީން ބުނީ، މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ރިޔާސަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުމުން އިތުރު މަސައްކަތެއް ކުރެވޭނީ އެ މައްސަލައާ މެދު ވަކި ގޮތެއް ނިންމުމަށް ފަހުގައެވެ.

އެ ޕާޓީން މިހާރު ވަނީ މަޖިލީހުގެ މައްސަލައަށް ހައްލެއް ހޯދަން ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ. އެ މައްސަލައިގެ އަޑުއެހުން އަންނަ ހޯމަ ދުވަހުގެ ހެނދުނަށް ވަނީ ތާވަލުކޮށްފައެވެ.