އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް 61 މިލިއަން ރުފިޔާ ބަޖެޓުކޮށްފިއެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ފިނޭންސް މިނިސްޓްރީން ވަނީ 61 މިލިއަން ރުފިޔާ އެކަމަށް ޚާއްސަކޮށްފައެވެ. އަދި އަންހެނުންގެ ތަރައްގިއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ބައިއިލެކްޝަންތަަކަށް 1.5 މިލިއަން ރުފިޔާ ޚާއްސަކޮށްފައެވެ.

މަޖިލިސް އިންތިޚާބުގެ ބަޖެޓާ ގުޅޭގޮތުން "ސަން"އާ ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އެ އަދަދަކީ އިލެކްޝަންސް ކޮމިޝަނުން އެދުނު އަދަދު ކަމަށެވެ. އަދި އެ ފައިސާއިން މަޖިލިސް އިންތިޚާބުގެ ޚަރަދުތައް ހަމަޖެއްސޭނެކަމުގެ ޔަގީންކަން ދެއްވިއެވެ.

"އަޅުގަނޑުމެން ހަމަ އެދުނު އަދަދު އެއޮތީ ހިމަނައި ދެއްވައިފައި. އިރާދަކުރެއްވިޔާ ހަމަ އަޅުގަނޑުމެންނަށް ހަމަ އެ މިންވަރުން ވާނެ،" ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ މިއީ މިދިޔަ މަޖިލީހުގެ އިންތިޚާބާ އަޅައިބަލާއިރު އިތުރު އަދަދެއްކަމަށެވެ. އެ އަދަދު އިތުރުވީ، ވޯޓުލާ މަރުކަޒުގެ އަދަދު އިތުރުވުމުން އެކަމަށް ޚަރަދުތަކެެއް ހިނގާނެތީކަމަށް ހަބީބު ވިދާޅުވިއެވެ.

އެގޮތުން އިތުރުވާ މަރުކަޒުތައް ހޯދަން ކުރާ ޚަރަދާއި އެ މަރުކަޒުތަކުގެ އޮފޝަލުން ހޯދަން އިތުރު ޚަރަދުކުރަން ވެސް ފައިސާ ހޭދަވާނެކަމަށް ހަބީބު ވިދާޅުވިއެވެ.

މަޖިލީހުގެ ކޮންމެ ދައުރަކަށް ފަހު، މެންބަރުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ. އެގޮތުން، 17 ވަނަ މަޖިލީހުގައި 77 މެންބަރުން ތިއްބެވިއިރު، 18 ވަނަ މަޖިލީހުގައި 85 މެންބަރުން ތިއްބެވިއެވެ.

އަދި، މި ހިނގާ 19 ވަނަ މަޖިލީހުގައި 87 މެންބަރުން ތިއްބަވާއިރު އަންނަ 20 ވަނަ މަޖިލީހުގައި 93 މެންބަރުން ތިއްބަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ.