ވެރިކަން ބަދަލުވިގޮތް ބެލުމަށް އުފައްދަވާފައިވާ ނެޝަނަލް އިންކުއަރީ ކޮމިޝަން (އެންއައިސީ)ގެ ރައީސް ކަމުން އިސްތިއުފާ ދެއްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުމަކީ ހެއްދެވި އިތުރު ފުޅެއް ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ ވިދާޅުވީ އިސްމާއިލް ޝަފީއު އިސްތިއުފާ ދެއްވަން އުޅުއްވާ ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވި ވިދާޅުމަކީ އެމަނިކުފާނު ހެއްދެވި އިތުރުފުޅެއް ކަމަށާއި ޝަފީއު އެމާގާމުން އިސްތިއުފާ ދެއްވަން ނޫޅުއްވާ ކަމަށެވެ.

އޭނާ ވިދާޅުވީ ޝަފީއު އުމުރާއަކަށް މިމަހު ފަހުކޮޅު ވަޑައިގެންނަވާނެ ވާހަކަ ވިދާޅުވެފައިވާ ކަމަށާއި އުމުރާގެ ދަތުރުފުޅު ނިންމާލެއްވުމަށް ފަހު ޝަފީއު އިންކުއަރީ ކޮމިޝަނުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ޝަފީއު ނޫޅުއްވާ ދުވަސްކޮޅު އެ ކޮމިޝަނުގެ ޗެއާއަކަށް އެހެން ބޭފުޅަކު ހަމަޖައްސަވާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ބޭފުޅެއް ކަމެއް އައްބާސް ވިދާޅެއް ނުވެ އެވެ.

"އެއީ ހަމަ ކަނޑައެޅިގެން [ކުރީގެ ރައީސް ނަޝީދު] ހެއްދެވި ވަރަށް ބޮޑު އިތުރުފުޅެއް. އެއީ އެމަނިކުފާނުގެ ބުހުތާނުން ހެއްދެވި ވަރަށް ބޮޑު އިތުރުފުޅެއް. ޝަފީއު މި މަހުގެ ފަހުކޮޅު އެބަވަޑައިގެންނަވާ އުމުރާއަކަށް. ރައީސްކަން ކުރައްވާފައިވާ ބޭފުޅުން އެ ވަރު އިތުރުފުޅު ހައްދަވާތީ އެކަމާ ވަރަށް ހިތާމަ ކުރަން،" އައްބާސް ވިދާޅުވި އެވެ.

ކުރީގެ ރައީސް ނަޝީދު މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވިދާޅުވީ އިސްމާއިލް ޝަފީއުއާ ގުޅޭ ގޮތުން އެކި ފަރާތްތަކުން ޝަކުވާ ކުރަމުންދާތީ އެމަނިކުފާނު މި މަހުގެ 31ގައި އެ ކޮމިޝަނުން ވަކިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި އޭނާ ހުންނެވި މަގާމަށް އޯލްޕާޓީ ޓޯކްސްގެ ވިލަރެސްވެރިޔާ އަހުމަދު މުޖުތަބާ ވަޑައިގަނަންވާނެ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.