10 Aug 2010, 05:42
10:35
ޤާނޫނު އަސާސީގެ ސިފަޔަކަށް ލޮޅުމެއް އަރައިފިކަމަށް ފެނިއްޖެހިނދެއްގައި، އެކަން ރަނގަޅުކުރުމަށް ކުރެއްވެންއޮތް ކޮންމެ މަސައްކަތެއް ކުރެއްވުމަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަސްއޫލިއްޔަތެއް ކަމަށް މަޝްއޫރު ޤާނޫނީ ވަކީލު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ގޮނޑި ފުރުއްވަމުން އަންނަ މުހައްމަދު ނަޝީދު އޭނާގެ އަމިއްލަ ބްލޮގުގައި ލިޔުއްވާފައި ވަނީ، ޖިނާއީ ކުށެއްގެ ދަޢުވާ ދައުލަތުގެ ފަރާތުން އުފުއްލެވުމުގެ އިތުރުން، ޕީޖީ އަށް ކޯޓެއްގައި އެހެން ދަޢުވާއެއް އުފުއްލެވިދާނެތޯ އެއީ މިހާރު އުފެދައިވާ އެއް ސުވާލު ކަމަށެވެ.
ނަމަވެސް އެއީ ކޮން ދައުވާއެއް ކަމެއް އޭނާ ވިދާޅެއް ނުވެފައެއް ނުވެ އެވެ.
ޤާނޫނުއަސާސީގެ އެންމެހައި ހަމަތަކާއި، ޤާނޫނާއި، އެންމެހައި ފަރުދުންގެ ޙައްޤުތަކާއި މިނިވަންކަން ނެގެހެއްޓުން އެއީ ޕީޖީއާ އާ ޙަވާލުވެގެންވާ ޚާއްސަ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި ޤާނޫނު އަސާސީގެ ސިފަޔަކަށް ލޮޅުމެއް އަރައިފިކަމަށް ފެނިއްޖެ ހިނދެއްގައި، އެކަން ރަނގަޅުކުރުމަށް ކުރެވެންއޮތް ކޮންމެ މަސައްކަތެއް ކުރުމަކީ، ޕީ.ޖީގެ މަސްއޫލިއްޔަތެއް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
އެހެންކަމުން ސުޕްރީމް ކޯޓުގެ ތަޅުދަނޑި ހިފެހެއްޓުމުގެ ސަބަބުން އެ ތަޅުދަނޑި ދޫކުރުމަށް ޑިފެންސް މިނިސްޓްރީއަށް ޕީޖީއަށް އެންގިދާނެ ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ. އަދި އެކަމަކީ، ކޮށްގެންވާނެކަމެއް ނޫންކަމަށް ފާޅުގައި ހާމަކުރެވިދާނެ ކަމަށާއި ޕީޖީ މިފަހަރު އެ އިޚްތިޔާރުކުރެއްވި ގޮތަށް ކޯޓު އަމުރަކަށްވެސް އެދެވިޑައިގެންނެވޭނެ ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.