04 Mar 2010, 15:50
19:00
މާލޭ ޖަލުގެ ބައެއް ގައިދީން މިދިޔަ އަންގާރަ ދުވަހު އެ ޖަލުގެ ތެރޭގައި ހަމަނުޖެހުން ހިންގައި ބައެއް ތަކެއްޗަށް ގެއްލުން ދީފި އެވެ.
ޑީޕީއާރުއެސްގެ ފަރާތުން ވާހަކަ ދެއްކެވި އިސް އޮފިޝަލަކު ވިދާޅުވީ އެފަދަ ހަމަނުޖެހުމެއް ހިނގާފައިވާ ކަމަށާއި އެހެން ނަމަވެސް މާބޮޑަށް ކަންތައް ގޯސް ނުވަނީސް އެކަން ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ. އަދި ގައިދީން ކޮންޓްރޯލްކުރެވުނީ ރަޔަޓް ގިޔަރުގައި ތިބި ފުލުހުން ގޮސްގެން ކަމަށް އޭނާ ވިދާޅުވި އެވެ. އޮފިޝަލު ވިދާޅުވީ އެފަދަ ހަމަނުޖެހުން ތަކަކީ އަބަދުވެސް ޖަލުގެ ގައިދީން ހިންގަމުންދާ ހަމަނުޖެހުން ތަކެއް ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަންގާރަ ދުވަހު ހިނގި ހަމަނުޖެހުމަކީ މިހާތަނަށް މާލޭ ޖަލުގައި ހިނގި އެންމެ ބޮޑު ހަމަނުޖެހުމެވެ.
އެގޮތުން ގައިދީންތައް ރުޅި އައިސް ޖަލަށް ގެންލުން ދޭންފެށީ ޑީޕީއާރުއެސްގެ ނަމުގައި ހުޅުވާފައިވާ ގައިދީންގެ އެކައުންޓްތަކަށް އާއިލާތަކުން ޖަމާކޮށްފައިވާ ފައިސާގެ މުއާމަލާތްތައް ލަސްވަމުންދާތީ ކަމަށް ވަނީ މަޢުލޫމާތު ލިބިފަ އެވެ.
އެގޮތުން މާލޭ ޖަލުގެ ފާހާނާތަކުގެ އިސްކުރުތައް ހަލާކުކޮށްލާ، ފާހާނާތަކުގެ ފްލޭޝް ޓޭންކްތަކުގެ މަތިތައް ނައްޓާލައި ގޮޅިތަކުން ބޭރަށް ވަނީ އުކާލާފަ އެވެ. މީގެ އިތުރުން މި ހަމަނުޖެހުންތަކުގެ ތެރޭގައި ގައިދީން ބަލަހައްޓާ މީހުން ތިބޭ ޑިއުޓީ ޕޯސްޓްތަކުގެ ބިއްލޫރިތައް ވެސް ތަޅާލާފައިވާ ކަމަށް ވަނީ މަޢުލޫމާތު ލިބިފަ އެވެ.
އަދި ގާތްގަނޑަކަށް 35 ގައިދީން ތިބޭ 10 ނަމްބަރު ސެލްގައި ހުރި އެނދެއް ލުހެލައިގެން އެ ތަނުގެ މައި ދޮރު ވައްޓާލަން ވެސް މަސައްކަތް ކުރަނިކޮށް، އެ ސެލްގެ ދަގަނޑު ދޮރު ވައްޓާލަން މަސައްކަތްކުރާ އަޑަށް ކޮމްބެޓް ޔުނިފޯމްގައި ތިބި މީހުން އެ ތަނަށް ދިއުމުން ގައިދީން މައިތިރިވެފައިވާ ކަމަށް ވެސް ވަނީ މަޢުލޫމާތު ލިބިފަ އެވެ.
މަޢުލުމާތ ލިބިފައިވާ ގޮތުގައި މާލޭ ޖަލުގައި ތިބި ބައެއް ގައިދީން މިހާރު ތިބި ކަމަށް ވަނީ ދޫނިދޫގަ އެވެ.