ޓެލްއަވީވު (01 ނޮވެންބަރު 2023): ޣައްޒާގެ އުތުރަށް ވަދެގަނެގެން އުޅުނު އިސްރާއީލު ސިފައިންގެ ބައިގަނޑަކާ ކުރިމަތިލައި ބަދަލުކުރި ހަމަލާތަކެއްގައި އިސްރާއީލު ސިފައިންގެ ނުވަ މީހަކު މަރާލިކަމަށް ފަލަސްތީނުގެ ރެސިސްޓެންސް (މުޖާހިދުން) ހާމަކޮށްފިއެވެ.

ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސްއާއި އިސްލާމިކް ޖިހާދު ޖަމާއަތުން ނެރުނު ގުޅިފައިވާ ބަޔާނެއް ބުނާ ގޮތުން އިސްރާއީލު ސިފައިންނާ މުޖާހިދުންނާ ދެމެދު ރޭ ވަރަށް ވަރުގަދަ ހަމަލާތަކެއް ބަދަލުކުރެވުނެވެ. މި ހަމަލާތަކުގައި އިސްރާއީލު ސިފައިންގެ ނުވަ މީހުން މަރުވުމާ އެކު ދެން ތިބި ސިފައިން މައިދާން ދޫކޮށް ފިލަން ދުއްވައިގަތެވެ. ނަމަވެސް އޭގެ ތެރެއިން ވެސް ބައެއް މީހުންގެ ގަޔަށް އުންޑައަރައި އެ މީހުންނަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާނެ ކަމަށާއި އަދި އިސްރާއީލުގެ ގިނަ އަދަދެއްގެ އަސްކަރީ އާލާތްތައް ވެސް ހަލާކުކޮށްލެވުނު ކަމަށް މުޖާހިދުންގެ ބަޔާން ބުނެއެވެ.

އިސްރާއީލުން ވެސް ވަނީ ޣައްޒާގެ އުތުރަށް ވަދެގެން އުޅުނު އިސްރާއީލު ސިފައިންގެ ނުވަ މީހަކު ހަމާސްގެ ހަމަލާތަކެއްގައި މަރުވިކަމާއި އިތުރު ބަޔަކު ޒަޚަމްވިކަމަށް އެއްބަސްވެފައެވެ.

އިސްރާއީލު ސިފައިންގެ މި ނުވަ މީހުން މަރާލާފައިވަނީ އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ޣައްޒާގެ މެދުތެރޭގައި ހުންނަ ފަލަސްތީނުގެ ޖަބަލިއާ ރެފިއުޖީ އަވަށުގެ އިމާރާތްތަކަށް ބާރުގަދަ ބޮންތަކަކުން އިއްޔެ ހަވީރު ހަމަލާދީ 150 މީހުން ޝަހީދުކޮށްލައި 300 އަށް ވުރެ ގިނަމީހުން ޒަޚަމްކޮށްލި ގަތުލުއާންމަށް ފަހުގައެވެ.

މުޖާހިދުންގެ ހަމަލަތަކެއްގައި އިސްރާއީލުގެ ޓޭންކެއް ހަލާކުކޮށްލާފައި ---

މި ނުވަ މީހުންގެ އިތުރުން ވެސް މުޖާހިދުން ވަނީ އިސްރާއީލު ސިފައިންގެ އިތުރު ދެ މީހަކު އެހެން ކުރިމަތިލުމެއްގައި މަރާލައިފައެވެ. އިސްރާއިލުން ވަނީ މި ދެ މީހުން މަރާލިކަން ވެސް ކަށަވަރުކޮށްދީފައެވެ.

ޖަބާލިޔާ ގަތުލުއާންމު އިސްރާއީލު ހިންގީ އެމެރިކާއާއި ޔޫރަޕްގެ ބާރުތަކުގެ ލީޑަރުން ޣައްޒާގެ އާންމުންގެ ބޮލަށް ބޮންއެޅުމުގައި ކުރިއަށް ދިޔުމަށް އިސްރާއީލަށް ހިތްވަރުދީ އެ ކަމަަށް ވާގިވެރިވަމުން ގެންދާ ދަނޑިވަޅެއްގައެވެ.

މިޑިއާ ރިޕޯޓްތައް ބުނާގޮތުން ފާއިތުވި 24 ގަޑީއިރު ތެރޭގައި އިސްރާއީލުން ވަނީ ޣައްޒާގެ އާންމުންނަށް އަމާޒުކޮށް 18 ގަތުލުއާންމެއް ހިންގާފައެވެ. މި ގަތުލުއާންމުތަކުގައި ވެސް ގިނައިން ޝަހީދުވެފައިވަނީ ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިން ކަމަށް ވެސް އެ ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލުން މި މަހުގެ ތެރޭގައި ޣައްޒާގައި ހިންގި ގަތުލުއާންމުތަކުގައި ފަލަސްތީނުގެ 8،700 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި، އިސްރާއީލުން ބޮންއެޅުމުގެ ސަބަބުން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ދެ ހާހެއްހާ މީހުން (ކުޑަކުދިން ހިމެނޭގޮތަށް) ތާށިވެފައި ނުނެގި އެބަތިބިކަމާ އެ މީހުން ސަލާމަތް ކުރެވޭނެކަމުގެ އުންމީދު ގެއްލިފައިވާ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ އިދާރާއިން ބުނެއެވެ.

ޖަބާލިޔާ ރެފިއުޖީ އަވަށުގެ އާންމުންނާ ދެކޮޅަށް އިސްރާއީލުން އިއްޔެ ހިންގި ގަތުލުއާންމާ ދެކޮޅު ހެދުމުގެ ގޮތުން ލެޓިން އެމެރިކާގެ ގައުމެއް ކަމަށްވާ ބޮލީވިއާއިން ވަނީ އިސްރާއީލާ ޑިޕްލޮމެޓިކް ގުޅުންތައް އެއްކޮށް ކަނޑާލައި އެ ގައުމުގައި ތިބޭ އިސްރާއީލުގެ ޑިޕްލޮމޭޓުން 24 ގަޑީއިރު ތެރޭގައި ބޭރުވުމަށް އެ މީހުންނަށް އަންގައިފައެވެ.

ލެޓިން އެމެރިކާގެ އެހެން ގައުމެއް ކަމަށްވާ ޗިލީން ވަނީ އެ ގައުމުގައި ހުންނަ އިސްރާއީލުގެ ސަފީރު ބޭރުކޮށްލުމަށް ނިންމައި އޭނާ އެ ގައުމުން ގެންދިޔުމަށް އިސްރާއީލުގެ ސަރުކާރަށް އަންގާފައެވެ. އޭގެ ކުރިން ލެޓިން އެމެރިކާގެ އެހެން ގައުމެއް ކަމަށްވާ ކޮލަންބިއާއިން ވެސް ވަނީ އިސްރާއީލުގެ ސަފީރު އެ ގައުމުން ބޭރުކޮށްލައިފައެވެ.

ޖަބާލިއާ އަވަށުގައި އިސްރާއީލު ހިންގި ގަތުލުއާންމު ކުށްވެރި ކުރަމުން އެމެރިކާގެ ނިޔުޔޯކް ސްޓޭޓްގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާގެ ވެރިޔާ ކްރެއިޑް މޮޚިބާ ވަނީ އިސްރާއީލުން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތަކުގެ ފަހަތުގައިވަނީ ހުޅަނގުގެ ބާރުތައް ކަމަށް ވިދާޅުވެ ހުޅަނގުގެ ގައުމުތަކުން އެމީހުންގެ އިސްތިއުމާރީ ދުވަސްވަރު ދުނިޔޭގައި ހިންގި ލާއިންސާނީ ޖަރީމާތައް އަލުން ތަކުރާރުކުރާ މަންޒަރު ފަލަސްތީނުން ފެންނަން ފަށާފައިވާ ކަމަށް ވިދާޅުވެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ހުޅަނގުގެ ގައުމުތަކަކީ ބޭރުފުށުން އިންސާނީ ހައްގުތަކުގެ ކުލަވަރު ދައްކާ ގައުމުތަކަކަށް ވިޔަސް ހުޅަނގުގެ ގިނަ ގައުމުތަކަކީ އެމެރިކާ އެކޭ އެއްގޮތަށް މިލިޔަނުން މީހުން މަރައި އިންސާނިއްޔާތާ ޚިލާފު ބޮޑެތި ގަތުލުއާންމުތައް މިދިޔަ ގަރުނުތަކުގައި ހިންގާފައިވާ ނުރައްކާތެރި އިސްތިއުމާރީ ގައުމުތަކެކެވެ. މިހާރު ވެސް ހުޅަނގުގެ ބޮޑެތި ބާރުތަކުގެ ލީޑަރުންގެ ވިސްނުމާއި ފިކުރާ އަދި އަމަލުތައް ހުންނަނީ ހިޓުލަރުގެ ވިސްނުމާ އެއްގޮތަށް ކަމަށް ގިނަ މުފައްކިރުން ވިދާޅުވެއެވެ.