01 Nov 2023, 11:30
ހިޔާ ފްލެޓްގެ ކުލި ކުޑަކުރުމުން، ކުލީގެ ގޮތުގައި މަދުވާ ހަމަޖެއްސުމަށް ޓަކައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި 177 މިލިއަން ރުފިޔާ ހިމަނައިފިއެވެ.
ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ ބަޖެޓުގައި، އެ އަދަދު ހިމަނައިފައިވަނީ ހައުސިން ސަބްސިޑީގެ ނަމުގައެވެ. ޖުމްލަ ހިމަނައިފައިވަނީ 177،408،000 ރުފިޔާއެވެ. މި އަދަދު ލިބޭނީ އާބަންކޯއަށެވެ.
ހިޔާގެ ކުލި 5،300 ރުފިޔާއަށް ކުޑަކުރަން ނިންމީ މި އަހަރުގެ އެޕްރީލް މަހުގެ ފަހުކޮޅެވެ.
ހިޔާ ފުލެޓުތަކުގެ ކުރީގެ ކުއްޔަކީ 7،500 ރުފިޔާއެވެ. އަދި، މެއިންޓަނެންސް ފީއާ އެކު 8،500 ރުފިޔާ ކޮންމެ މަހަކު އާބަންކޯއަށް އޭރު ނަގައެވެ.
ހިޔާ ފުލެޓުތަކަށް ކުލީގެ ގޮތުގައި ދައްކަން ޖެހޭވަރު ބޮޑުވެގެން ގިނަ ބައެއްގެ ކަންބޮޑުވުން ތަކުރާރުކޮށް ވަނީ އެ ތަނުގައި އުޅޭ ރައްޔިތުން ފާޅުކޮށްފައެވެ. ނަމަވެސް، އޭރު ސަރުކާރުގެ ޖަވާބަކަށްވީ އެ އަދަދަށް ކުލި ކުޑަކުރެވެން ނެތް ކަމެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްގެ ވެރިކަމުގައި އިމާރާތްކޮށްފައިވާ ހިޔާގެ 16 ޓަވަރުގައި 7،000 ފްލެޓު ހުރެއެވެ. އެ ވެރިކަމުގައި ހިޔާ ފްލެޓުގެ ކުލީގެ ގޮތުގައި އޭރު ކަނޑައަޅާފައިވަނީ 5،600 ރުފިޔާއެވެ.
އެހެންވެ 25 އަހަރުން 27 އަހަރަށް ކުލި ދައްކަން ޖެހޭ މުއްދަތު ވަނީ އިތުރުކޮށްފައެވެ. އެކަމަކު އާބަންކޯއިން ކުރިން ބުނި ގޮތުގައި އިތުރުވާ މުއްދަތަށް ލޯނަށް އިތުރު އިންޓްރެސްޓެއް ނުނަގާނެއެވެ.