ޣައްޒާގެ ޖަބަލިޔާ ރެފިއުޖީ ކޭމްޕަށް އިޒްރާއީލުން ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފިއެވެ.

ޣައްޒާގެ ޖަބަލިޔާ ރެފިއުޖީ ކޭމްޕަށް ދިން މި ހަމަލާ ކުށްވެރިކޮށް ދިވެހި ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ޢައްޒާގެ ގިނަ ބަޔަކު ދިރިއުޅެމުންގެންދާ ޖަބަލިޔާ ރެފިއުޖީ ކޭމްޕަށް އިޒްރާއީލުން ދިން ހަމަލާ އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކޮށްފައެެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އާންމު ރައްޔިޔުންނާ ދެކޮޅަށް އިޒްރާއީލުން ދެމުންގެންދާ ހަމަލާތަކާއި ކުރަމުންގެންދާ ލާއިންސާނީ އަމަލުތަކަކީ ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ޤާނޫނުތަކާ ޚިލާފު އަމަލުތަކެއް ކަމަށް ދިވެހި ސަރުކާރުން ދެކޭ ކަމަށެވެ.

ސަރުކާރުން ވަނީ ފަލަސްޠީނުގެ ކުށެއްނެތް އާންމު ރައްޔިތުންނާ ދެކޮޅަށް ދެމުންދާ ހަމަލާތަށް ހުއްޓުވުމަށާއި އދ.ގެ އާންމު މަޖިލީހުން މި ދިޔަ ހުކުރު ދުވަހު ފާސްކޮށްފައިވާ ޤަރާރާ އެއްގޮތަށް ކުރެވެން ހުރި އެންމެހާ މަސައްކަތެއް ކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލައި ގޮވާލުން ތަކުރާރު ކޮށްފައެވެ.

އަދި، ފަލަސްޠީނުގެ ރައްޔިޔުންނަށް އެއްވެސް ހުރަހެއްނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލައިފައެވެ.

އަލްމަޔާދީން ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޖަބަލިޔާ ކޭމްޕަށް އިސްރާއީލުން އެޅި ހަ ބޮމާ އެކު ސަތޭކައަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައިވާއިރު، ޖުމުލަ 300 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. މީގެ ތެރޭގައި ގިނަ އަދަދަކަށް ކުޑަކުދިން ހިމެނެއެވެ.

ޔަހޫދީންގެ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ޣައްޒާއިން ޝަހީދުވީ މުސްލިމުންގެ އަދަދު މިހާރު ވަނީ 8500 އަށް ވުރެ މަތިވެފައިވާ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާގެ ތަރުޖަމާނާ ހަވާލާދީ އަލްމަޔާދީން ނޫހުން ބުނެއެވެ. އެތައް ބަޔަކު ޒަޚަމްވެފައިވާއިރު، އެތައް ސަތޭކަ ބަޔަކު ވަނީ ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުގައެވެ.