ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް އެމްޑީޕީން ސުޕްރިމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފިއެވެ.

މި މައްސަލައިގެ އަޑުއެހުން އޮންނާނީ، އެ ދުވަހު ހެނދުނު 10:00 އާއި 12:00 އާ ދެމެދު ކަމަށް ސުޕްރިމް ކޯޓުން 'ސަން'އަށް މައުލޫމާތުދިނެވެ.

މައްސަލަ ބާއްވަން ހަމަޖައްސައި މިހާރު ވަނީ އެ އަޑެހުމަށް ޗިޓު ވެސް ފޮނުވައިފައެވެ.

މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާ އެކު ހުށަހެޅި ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ތިން ޖަލްސާއެއް މި ހަފުތާގައި ތާވަލުކުރިއެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އަދި ރައީސް ނަޝީދުގެ ކޮއްކޯފުޅު އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާ މަޖިލީހަށް ވަނީ ތިން ދުވަހު ވެސް ސަލާން ފޮނުއްވައިފައެވެ.

އާދިއްތަ ދުވަހަށް އެ މައްސަލަ ތާވަލުކުރި ޖަލްސާ ނުބޭއްވުމުން އެކަމާ ހިތްހަމަނުޖެހި އެމްޑީޕީގެ މެންބަރުން ވަނީ އިހުތިޖާޖުކޮށްފައެވެ. އަދި، ހަމަ އެ ދުވަހު އެ ޕާޓީން ވަނީ ސުޕްރިމް ކޯޓުގެ ލަފާއަކަށް އެދި އެ މައްސަލަ ހުށަހަޅާފައެވެ. އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި، އެ ގަރާރުގެ މައްސަލަ ނުނިމެނީސް މަޖިލީހުގެ އިތުރު މަސައްކަތެއް ކުރުމަށް ޖަލްސާއެއް ނުބޭއްވޭނެ ކަމަށް ކަނޑައަޅައިދޭން ވެސް ވަނީ އެދެފައެވެ.

ސުޕްރިމް ކޯޓުން އެ މައްސަލަ ބަލައިގަތީ ހޯމަ ދުވަހުއެވެ.

އެއަށް ފަހު ހޯމަ ދުވަހާއި މިއަދަށް އެ މައްސަލަ ތާވަލުކުރި ޖަލްސާ ވެސް އީވާ ސަލާން ބުނުމުގެ ސަބަބުން ވަނީ ނުބޭއްވިފައެވެ. އެ ދެމެދުގައި އަންގާރަ ދުވަހަށް ސަޕްލިމެންޓްރީ ބަޖެޓުގެ މަސައްކަތް ފާސްކުރުމުން އެމްޑީޕީން ވަނީ މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖުކޮށް އިއްޔެގެ ޖަލްސާ ހުއްޓުވައިފައެވެ.

އެމްޑީޕީން ބުނާ ގޮތުގައި އިތުރު އެހެން މަސައްކަތެއް މަޖިލީހުގައި ކުރެވެން އޮތީ ނަޝީދުގެ އިތުބާރުގެ މައްސަލަ ބެލުމަށް ފަހު ކަމަށެވެ.

އެ ޕާޓީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މީގެ ކުރިން ވިދާޅުވީ، ސުޕްރިމް ކޯޓަށް އެ މައްސަލަ ހުށަހެޅި މަޖިލީހުގެ އިދާރާއިން އެ ކަމަށް ހައްލެއް ނުލިބުމުން ކަމަށާއި އެހެން މުއައްސަސާއެއްގެ ލަފާ ކޮންމެހެން ވެސް ބޭނުންވުމުން ކަމަށެވެ. އަދި، އެއީ މަޖިލީހުގެ ބާރުގެ ތެރެއަށް ކޯޓުތައް ވެއްދުން ނޫން ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީން ސުޕްރިމް ކޯޓުން ނިންމާ ނިންމުމަކަށް ތަބާވާނެ ކަމަށެވެ.