01 Nov 2023, 10:25
ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވާ މައި ޕާޓީކަމަށްވާ ޕީއެންސީއަށް 10،000 މެންބަރުން ހަމަަކުރަން އެ ޕާޓީގެ ރައީސް، އަދި އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގެވީ ޕީޕީއެމަށް ނުވަތަ އެ ޕާޓީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ދެރައެއް ދިނުމުގެ ނިޔަތުގައި ނޫން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
ދާދި ފަހުން ރައީސް ޔާމީން ރަށު ބަންދަށް ބަދަލުކުރުމާ އެކު، ޕީޕީއެމް އޮފީހުގައި ބޭއްވެވި ނުރަސްމީ ބައްދަލުވުމެއްގައި އެ މަނިކުފާނު ވަނީ ޕީޕީއެމްގެ މެންބަރުން ކޮންމެހެން ޕީއެންސީއަށް ބަދަލުވާން ނުޖެހޭ ކަމަށް ވިދާޅުވެފައެވެ.
އޭގެ ކުރިން ޑރ. މުއިއްޒު ވަނީ ޕީއެންސީއަށް 10،000 މެންބަރުން ހަމަކުރުމަށް ގަދައަޅައި މަސައްކަތް ކުރުމަށް އެ ޕާޓީގެ މެންބަރުން ކިބައިން އެދިވަޑައިގެންފައެވެ.
އޭގެ ފަހުން، ޔާމީންގެ އެ ވާހަކަފުޅު، އެ ދެ ރައީސުން ވެސް ހިމެނޭ ގްރޫޕެއްގައި ހިއްސާކުރުމާ އެކު ވެސް ޑރ. މުއިއްޒު ވަނީ މެންބަރުން ހަމަކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އިރުޝާދު ދެއްވައިފައެވެ.
އެއާއެކު، ދެކެވެމުން އަންނަ ވާހަކަތަކާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީއަށް މެންބަރުން ހަމަކުރުމުގެ މަސައްކަތަކީ ޕީޕީއެމަށް ނުވަތަ ރައީސް ޔާމީނަށް ގެއްލުން ދިނުމުގެ ވިސްނުމުގައި ކުރާ ކަމެއް ނޫން ކަމަށެވެ.
އަދި، އެ މަސައްކަތުގައި ޕީޕީއެމްގައި މިހާރު ތިބި އާންމު މެންބަރުން ކަނޑައިލައިގެން ޕީއެންސީއަށް ނުވަައްދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ރައީސް މުއިއްޒުގެ ލިޔުއްވުމުގައި ވެސް އޮންނާނެ 10،000 މެންބަރުން ހަމަކުރާއިރު ޕީޕީއެމްގެ އެއްވެސް މެންބަރަކު ޕީއެންސީއަށް ބަދަލުނުކުރާށޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
ޑރ. މުއިއްޒުގެ ވިސްނުންފުޅަކީ ތިން މަހުގެ ތެރޭ އެ އަދަދު ހަމަކުރުމެވެ. އަދި، މަޖިލިސް އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީން އެކުގައި ވާދަކޮށް މެޖޯރިޓީ ހޯދުމެވެ.
ޕީއެންސީ އުފެއްދީ، ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނާއި ޕީޕީއެމްގެ އޭރުގެ ޒައީމް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު އުފެެދުނު ޚިޔާލު ތަފާތުވުންތައް ބޮޑުވެ، ކޯޓަށް މައްސަލަ ހުށަހެޅި ހިސާބުން ޔާމީނަށް ޕީޕީއެމް ގެއްލިދާނެ ކަމުގެ ބިރު ހީވުމުންނެވެ.