17 May 2012, 16:09
ލ. މާމެންދޫގެ އިންޖީނުގެ ގެއަށް ބޭނުންވާ ޑީސަލް ގަތުމުގައި މާމެންދޫ ކުރީގެ ކަތީބު އިބްރާހިމް ޝިޔާމާއި ކުޑަކަތީބު އަބްދުﷲ ވަހީދުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފުވެފައިވާ ކަމަށް ބުނެ އެ ދެ ބޭފުޅުންގެ މައްޗަށް އެއް މިލިއަނަށްވުރެ ގިނަ ރުފިޔާގެ ހިޔާނާތްތުގެ މައްސަލައެއްގައި ދައުވާކޮށް ދިނުމަށް އެދި އެންޓި ކޮރަޕްޝަންސް ކޮމިޝަން (އޭސީސީ) އިން އެމައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅައިފި އެވެ.
އޭސީސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެކޮމިޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެކޮމިޝަނުން އެމައްސަލަ ބެލިބެލުމުން މާމެންދޫ އިންޖީނުގެއަށް ޑީސަލް ގަތުމުގެ އަމަލްކުރަން ޖެހޭ ގަވާއިދާ ހިލާފަށް އިޢުލާންކުރުމެއް ނެތި، އެއްބަސްވުމަކާ ނުލައި 2007 ވަނަ އަހަރާއި 2008 ވަނަ އަހަރުގެ ބައެއްގައި އިންޖީނު އަށް ޑީސަލް ގަނެފައިވާ ކަން ލިޔެކިޔުންތަކުން އެނގެން އޮތް ކަމަށެވެ.
އެގޮތުން މާމެންދޫ އިންޒީނުގެ ގެއަށް ބޭނުންވާ ޑީސަލް ގަތުމަށް އެރަށުގެ އަމިއްލަ ފަރާތަކާ އެކު ހަދާފައިވާ އެގްރީމެންޓް 25 މާޗް 2007 ގައި ހަމަވެފައިވާތީ 24 ޖޫން 2007 ވަނަ ދުވަހު މާމެންދޫގެ އެހެން ފަރާތަކުން އެގްރީމެންޓެއް ކުރުމަކާ ނުލާ އިންޖީނުގެ އަށް ޑީސަލް ގަނެފައިވަނީ މާލިއްޔަތު ގާނޫނާއި ހިލާފަށް ކަމަށެވެ.
މިމުއްދަތުގައި 1،57،465.00ރ ( އެއްމިލިއަން ފަސްސަތޭކަ ހަތްދިހަ އެއްހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ފަހެއް) ރުފިޔާގެ ޑީސަލް ގަނެފައިވަނީ ގަވާއިދާ ހިލާފަށް ކަމަށާއި ގަވާއިދާ ހިލާފަށް ގަނެފައިވާ ޑީސަލަށް ހަރަދުކޮށްފައިވާ ފައިސާގެ ތެރެއިން 819،205.00ރ (އަށްސަތޭކަ ނަވާރަ ހާސް ދުއިސައްތަ ފެހެއް) ރުފިޔާ ހަރަދުކުރުމުގެ ހުއްދަ އަބްދުﷲ ވަހީދު ދެއްވާފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ވަކި ފަރާތަކަށް ނާޖާއިޖު ފައިދާއެއް ހޯދައިދެއްވުމަށް ކަމަށް ބެލެވޭ ކަމަށްވެސް އޭސީސީން ބުނެފައިވެ އެވެ.
އޭސީސީން ބުނެފައިވަނީ ޑީސަލް ގަތުމަށް މިފައިސާ ހަރަދުކޮށްފައި ވަނީ މާމެންދޫ ކުރީގެ ކަތީބް އިބްރާހިމް ޝިޔާމްގެ މަސްލަހަތު ހިމެނޭ ފިހާރައަކުން ކަމަށާއި އެފިހާރައިން 812،260.00ރ (އަށްސަތޭކަ ތޭރަހާސް ހަތްސަތޭކަ ފަސްދޮޅަސް) ރުފިޔާގެ ޑީސަލް މާމެންދޫގެ އިންޖީނުގެ ގެއަށް ގަނެފައިވެ އެވެ. މީގެއިތުރުން 713،760.00 ( ހަތްސަތޭކަ ތޭރަހާސް ހަތްސަތޭކަ ފަސްދޮޅަސް) ރުފިޔާ ހަރަދުކުރުމުގެ ހުއްދަދީފައިވަނީ އިބްރާހިމް ޝިޔާމުކަން ލިޔެކިޔުންތަކުން އޭގެ ކަމަށްވެސް އޭސީސީން ބުންޏެވެ. ނަމަވެސް އެފިހާރައިގެ ނަމެއް އޭސީސީން ބަޔާންކޮށްފައެއް ނުވެ އެވެ.
" އެފިހާރައަކީ އިބްރާހިމް ޝިޔާމުގެ ގާތްމީހެއްގެ ފިހާރައަކަށްވާތީ އާއި އެފިހާރައިން ޑީސަލް ގަތުމުގައި އޭރު އަމަލްކުރަމުން ގެންދިޔަ ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމާ ހޭދަކުރުމާއި ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ގަވާއިދާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބުނެފައިވާ ގޮތަށް އޭސީސީގެ ހުއްދައެއް ހޯދާފައިނުވާތީ ޑީސަލް ގެނަފައިވަނީ ސަރުކާރުގެ ގަވާއިދާ ހިލާފަށް ކަމަށް ބެލެވޭ،" އޭސީސީގެ ބަޔާނުގައިވެ އެވެ.
އޭސީސީން ބުނީ އެކޮމިޝަނަށް ލިބިފައިވާ ލިޔެކިޔުންތަކުން މިމައްސަލާގައި ކޮރަޕްޝަނަށް މަގުފަހިވާ އެތައް ކަމެއް ހިމޭނެތީ ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމާ ބެހޭ ގާނޫނުގެ ދަށުން ފިޔަވަޅު އަޅަން ނިންމައި، އެމައްސަލަ ޕީޖީއަށް މިދިޔަ މަހުގެ އެޕްރީލް 15 ވަނަ ދުވަހު ފޮނުވާފައިވާ ކަމަށެވެ.