އިންޑިއާގައި މިހާރު ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑް ކަޕްގައި ޕާކިސްތާން އަތުން ބަލިވެ މި ފަހަރުގެ މުބާރާތަށް އެންމެ ފުރަތަމަ އަލްވަދާއު ކީ ޓީމަކަށް ބަންގްލަދޭޝް ވެއްޖެއެވެ.

ކޮލްކަޓާގެ އެޑެން ގާޑެންސްގައި ކުޅުނު މި މެޗު ޕާކިސްތާނުން ކާމިޔާބުކޮށްފައިވަނީ ހަތް ވިކެޓުންނެވެ.

މި މެޗުން ބަލިވުމާ އެކު ބަންގްލަދޭޝްވެފައިވަނީ މި ފަހަރުގެ މުބާރާތުގެ ސެމީފައިނަލުން ޖާގަ ނުލިބޭނެކަން ކަށަވަރުވި ފުރަތަމަ ޓީމަށެވެ. އެއީ، އެ ޓީމަށް ބާކީ ދެ މެޗު އޮތް އިރު މި ވަގުތު ލިބިފައިވަނީ އެންމެ ދެ ޕޮއިންޓެވެ. އަދި، ބާކީ އޮތް ދެ މެޗު ކާމިޔާބު ކުރި ނަމަވެސް ގަދަ ހަތަރަކުން ޖާގަ ނުލިބޭނެކަން ވަނީ ޔަގީންވެފައެވެ.

މި މެޗުގެ ޓޮސް ދިމާވުމުން ބަންގްލަދޭޝްއިން ނިންމީ އެންމެ ފުރަތަމަ ބެޓް ކުރާށެވެ. ނަމަވެސް އެ ޓީމުގެ ފެށުން ދިޔައީ އެހާ ރަނގަޅަކަށް ނޫނެވެ. މެޗުގެ ފަސްވަނަ ބޯޅައިން ޕާކިސްތާންގެ ޝާހީން އަފްރީދީ ވަނީ ބަންގްލަދޭޝްގެ ތަންޒީރު ހަސަން އެލްބީޑަބްލިޔު ކޮށްފައެވެ. މި ވިކެޓް ވެގެންދިޔައީ އެއް ދުވަހުގެ މެޗުތަކުގައި ޝާހީން ނެގި 100 ވަނަ ވިކެޓަށެވެ.

މެޗުގައި ބަންގްލަދޭޝް ޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ 56 ލަނޑު ހަދައިދިން މަހްމުދުﷲ އެވެ. އަދި، ލިންޓޮން ޑާސް 45 ލަނޑު ހަދައިދިން އިރު ކެޕްޓަން ޝަކީބް އަލް ހަސަން ވަނީ 43 ލަނޑު ހަދައިދީފައެވެ. މި އީނިންގްސްގައި ޕާކިސްތާން ޓީމަށް އެންމެ ރަނގަަޅަށް އުކާފައިވަނީ ނުވަ އޯވަރު 23 ލަނޑަށް ތިން ވިކެޓު ނަގައިދިން ޝާހީން އާއި އަށް އޯވަރު އެއް ބޯޅަ 31 ލަނޑަށް ތިން ވިކެޓް ނަގައިދިން މުހަންމަދު ވަސީމެވެ.

ޖަވާބުގައި ޕާކިސްތާނުން ކުޅެން އަރައި 32 އޯވަރު ތިން ބޯޅައަށް ތިން ކުޅުންތެރިން ނުބައިވެގެން 205 ލަނޑު ހަދާ މެޗު ކާމިޔާބުކުރިއެވެ. އެ ޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ 81 ލަނޑު ހަދައިދިން ފަހަރު ޒަމާނެވެ. އަދި، އަބްދުﷲ ޝަފީގީ ވަނީ 68 ލަނޑު ހަދައިދީފައެވެ. ބަންގްލަދޭޝް ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ ނުވަ އޯވަރު 60 ލަނޑަށް ތިން ވިކެޓް ނަގައިދިން މެހިދީ ހަސަނެވެ.

މި މެޗުން މޮޅުވުމުން ޕާކިސްތާން ވަނީ ކުޅުނު ހަތް މެޗުން ލިިބިފައިވާ ހަ ޕޮއިންޓާ އެކު ތާވަލްގެ ފަސްވަނައަށް ކުރިއަށް ޖެހިލައިފައެވެ.