ޔުއޭފާ ވިމެންސް ނޭޝަންސް ލީގު ގްރޫޕް އޭ ވަންގައި ބެލްޖިއަމް އާއި އިންގްލެންޑް ބައްދަލުކުރި މެޗް ބެލްޖިއަމްއިން ކާމިޔާބުކޮށްފިއެވެ.

ބެލްޖިއަމްގައި ކުޅުނު މި މެޗް އެ ޓީމުން ކާމިޔާބުކުރީ ތިން ލަނޑު ދެ ލަނޑުންނެވެ.

ދެ ޓީމްގެ ފަރަތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުދައްދައިފާ ވަނީ އިންގްލަންޑް އިންނެވެ. ނަމަވެސް މި މެޗްގެ ފެށުން ރަނގަޅުވީ ބެލްޖިއަމްގެެވެ. މިގޮތުން މެޗްގެ ނުވަ ވަނަ މި ނެޓްގައި ބެލްޖިއަމްއިން ވަނީ ލަނޑެއް ޖަހައި މެޗްގެ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ލިބުނު ހިލޭ ޖެހުމަކުން ލައުރާ ޑި ނެވޭއެވެ.

މި މެޗްގައި ދެން ފެނިގެންދިޔައީ އިންގްލަންޑްގެ ޑިފެންޑާ އެލެކްސް ގްރީޑްވުޑްގެ ބޮލަށް އަނިޔާ އަކާ ގުޅިގެން ވަރަށް ގިނައިރު ފަރުވާ ދިނުމަށްފަހު އަށިގަނޑުގައި ބޭލިތަނެވެ. މި އަނިޔާގެ އަސަރު އިންގްލެންޑްގެ ޓީމަށް ކުރި ނަމަވެސް އެ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް މެޗްގެ 38 ވަނަ މިނެޓްގައި ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައި ދިނީ ލޫސީ ބްރައުންއެވެ. އަދި މި ލަނޑު ޖެހިތާ ހަ މިނެޓް ފަހުން ފްރާން ކާބީ ވަނީ ލަނޑެއް ޖަހައި މެޗްގައި ފުރަތަމަ ފަހަރަށް އިންގްލަންޑަށް ލީޑު ނަގާދީފައެވެ.

ނަމަވެސް މި ލީޑު އިންގްލެންޑަށް ފުރަތަމަ ހާފް ނިމެންދެންވެސް ހިފަހައްޓާލެވޭ ގޮތެއް ނުވިއެވެ. މި ގޮތުން ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ހަ ވަނަ މިނެޓްގައި ބެލްޖިއަމްގެ ޓޭސާ ވުލާޓް ވަނީ ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މި މެޗުން ބެލްޖިއަމް މޮޅުވި ލަނޑު މެޗްގެ 85 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން އަނެއްކާވެސް ޖަހައި ދިނީ ވުލާޓްއެވެ. މި މެޗްގެ ފަހު ވަގުތު ކޮޅު އިންގްލަންޑްއިން ލަނޑެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް މި ފަހަރުގެ ނޭޝަންސް ލީގުގައި ދެވަނަ ފަހަރު ބަލިވުމުން ސަލާމަތްވެވޭ ގޮތެއް ނުވިއެވެ.

މި ކާމިޔާބީއާއެކު ބެލްޖިއަމް މިހާރު ވަނީ ކުޅުނު ހަތަރު މެޗުން ލިބިފައިވާ ހަތް ޕޮއިންޓާއެކު އިންގްލެންޑް ފަހަތަށް ޖައްސާލައި ދެވަނަ މަގާމަށް ކުރިއަށް ޖެހިލާފައެވެ. އަދި މިއީ މިދިޔަ ހަފުތާގައި އިންގްލަންޑް އަތުން ބަލިވި ބަލިވުމަށް ހިފުނު ރަނގަޅު ބަދަލު ހިފުމެކެވެ.

މި މެޗުން ބަލިވުމާއެކު މިފަހަރުގެ ނޭޝަންސް ލީގުގައި ކުރިއަށ ދިއުމަށް އިންގްލަންޑް އިން ކުރާ އުންމީދަށް މިވަނީ އަނެއްކާ އިތުރު ހުރަސްތަކެއް ކުރިމަތިވެފައެވެ. ހާއްސަކޮށް މިއަންނަ އަހަރުގެ އޮލިމްޕިކް ގޭމްސްއިން ގްރޭޓް ބްރިޓަންއަށް ޖާގަ ހޯދައިދިނުމަށް ކުރާ އުންމީދު ތަކަށް މި ވަނީ ހިޔަނި އެޅިފައެވެ. އިންގްލަންޑް މިހާރު އޮތީ ހަ ޕޮއިންޓާއެކު ގްރޫޕްގެ ތިން ވަނައިގައެވެ.