01 Nov 2023, 08:39
ނެޓްފްލިކްސްގެ މަގުބޫލު ރިއަލިޓީ ޓެލެވިޒަން ސީރީސް "ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް"އާ މަޝްހޫރު ކަޕޫރު ޚާންދާނަށް ނިސްބަތްވާ ރިދިމާ ކަޕޫރު ސާހްނީ ގުޅިއްޖެ ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.
ކަރަން ޖޯހަރުގެ ދަރްމެޓިކް އެންޓަޓެއިންމެންޓުން ނެޓްފްލިކްސްއަށް އުފައްދާ ސީރީސް އަކީ، ބޮލީވުޑްގެ ފިލްމީ ތަރިންގެ އަނބިންގެ ދިރިއުޅުން ދައްކުވައިދޭ ސީރީސް އެކެވެ.

ރިދިމާ ކަޕޫރު މަންމަ ނީތޫ ކަޕޫރާ އެކު --
މި ސީރީސްގެ ތިންވަނަ ސީޒަންގެ އަމާޒަކީ މުމްބާއީއަށް ފަހު ވެރިކަން ކުރާ ނިއު ދިއްލީގައި ދިރިއުޅޭ ބޮލީވުޑްގެ ނުފޫޒުގަދަ ފަރާތްތަކުގެ ދިރިއުޅުން ދައްކުވައިދިނުމެވެ. ކުރީގެ އެކްޓަރު ރިޝީ ކަޕޫރާއި ނީތޫ ކަޕޫރުގެ ދޮށީ ދަރިފުޅު ރިދިމާ ކަޕޫރު "ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް"އަށް ގެންނަން ނިންމީ ވެސް މި ނިންމުމާ ގުޅިގެން ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
އެކްޓަރު ރަންބީރު ކަޕޫރުގެ ދައްތަ ރިދިމާ ކައިވެންޏަށް ފަހު ދިރިއުޅެމުން އަންނަނީ ފިރިމީހާއާ އެކު ނިއު ދިއްލީގައެވެ. ގަހަނާ ޑިޒައިންކޮށް ކާމިޔާބުކަމާ އެކު ވިއްކުމުގެ އަމިއްލަ ވިޔަފާރިއެއް އޮތް ރިދިމާއަކީ އެއްވެސް އިރެއްގައި ފިލްމީ ދާއިރާގައި މަސައްކަތް ކުރަން ބޭނުންވި ފަރާތެއް ނޫނެވެ.
ކަޕޫރު އާއިލާގެ އަންހެން ކުދިން ފިލްމީ ދާއިރާއަށް ނުކުންނަން ބޭނުންވި ނަމަވެސް ރިދިމާގެ އެފަދަ އެއްވެސް ޝައުގެއް ނުހުންނަކަމަށް ރިދިމާ ވަނީ ކަލާސް ޓީވީގެ 'ކަޕިލް ޝަރުމާ ޝޯ'ގެ އެޕިސޯޑެއްގައި ބުނެފައެވެ.

"ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް"ގެ ތަރިން --
ރިދިމާ ކަޕޫރު މި ސީރީސްއަށް އެއްބަސްވެފައިވާ ކަމުގެ އިޝާރާތެއް ދީފައިވާއިރު ރިދިމާއާ އެކު އިންޑިއަން އާޓް ޑިޒައިނަރު ޝާލިނީ ޕައްސީ އަދި ލަގްޒަރީ ސިލްވަވެއާ ރެޒޮންގެ ވެރިޔާ ކަލްޔާނީ ޗާވްލާ ވެސް "ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް"އިން ފެންނާނެއެވެ. މި ދެ ފަރާތަކީ ވެސް ބޮލީވުޑްގެ ފިލްމީ ތަރިންނާ ވަރަށް ގާތް ގުޅުމެއް އޮންނަ ފަރާތްތަކެކެވެ.
ނިއު ދިއްލީގެ ބައިތައް ފެށޭ ސީޒަނުގައި ގެނެސްދޭއިރު ކުރީގެ ސީޒަންތަކުގައި މުހިއްމު ދައުރެއް އަދާކުރި ބާވްނާ ޕާންޑޭ، ނީލަމް، ސީމާ އަދި މަހީޕް ތިންވަނަ ސީޒަންއިން ވެސް ފެންނާނެ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ފިލްމީ ދުނިޔެއާ ބީރައްޓެހި ރިދިމީ ކަޕޫރު މި ސީރީސްއަށް އައުމާ އެކު ސީރީސްގެ މަގުބޫލުކަން އިތުރުވާނެ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.