17 May 2012, 16:03
ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް (ބީޕީޓީ) ގެ ޓެކްސް ބަޔާން ފުރާނެގޮތުގެ މަޢުލޫމާތު ދިނުމަށާއި، މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ)އަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަށް އޮޑިޓް ކުރުމަށާއި ޖީއެސްޓީއަށް ރަޖިސްޓަރީކުރަން ޖެހޭ ވިޔަފާރިތައް ރަޖިސްޓްރީ ކުރުމަށް އަތޮޅުތެރެއަށް ދާން މީރާއިން ނިންމައިފި އެވެ.
މީރާއިން ބުނީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ދާން ހަމަޖެހިފައިވާ މިދަތުރުގެ ފުރަތަމަ ބުރު ފަށަން ހަމަޖެހިފައިވަނީ މިމަހު 20 ވަނަ ދުވަހު ކަމަށާއި އެ ދަތުރުތައް އަންނަ މަހުގެ 27 ވަނަ ދުވަހާ ހަމައަށް ކުރިޔަށް ގެންދާނެ ކަމަށެވެ.
ފުރަތަމަ ބުރުގައި މީރާ އިން ދަތުރު ކުރާނީ ހދ. ކުޅުދުއްފުއްޓާއި ހދ. ހަނިމާދޫ އާއި ބ. އޭދަފުއްޓާއި ތުޅާދޫ އާއި ކެންދޫ އާއި ފުވައްމުލަކާއި ޅ. ހިންނަވަރާއި ނައިފަރާއި ގދ. ތިނަދޫ އާއި މަޑަވެއްޔާއި ހޯޑެއްދޫ އަށެވެ.
މީރާއިން ބުނީ ރަށްތައް ކަޑައެޅުމުގައި ވިސްނީ މީރާގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށާއި ކުންފުނިތަކަށާއި، ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުގެ އިތުރުން މިހާތަނަށް ޖީއެސްޓީގެ ގޮތުގައި އެ ރަށްރަށުން ދައްކާފައިވާ ފައިސާގެ ނިސްބަތަށް ބަލައިގެން ކަމަށެވެ.