01 Nov 2023, 09:09
ބޮލީވުޑްގެ އެންމެ އުއްމީދީ ބަތަލާއިންގެ ތެރޭގައި ހިމެނޭ އަނަންޔާ ޕާންޑޭގެ 25 ވަނަ އުފަންދުވަސް ފާހަގަ ކުރަން ރާއްޖެ އައިސްފިއެވެ.
ކުރީގެ މަޝްހޫރު ފިލްމީ ތަރި ޗަންކޭ ޕާންޑޭގެ ދަރިފުޅު އަނަންޔާ ޕާންޑޭ ރާއްޖެ އައިސްފައިވަނީ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބޮލީވުޑްގެ އެކްޓަރު އަދިތުޔަ ރޯއި ކަޕޫރާ އެކު ކަމަށް މީޑިއާ ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
އަނަންޔާއާއި އަދިތުޔަ ރޯއި ކަޕޫރު ވަކިވަކިން އެއާޕޯޓަށް ދިޔަ މަންޒަރު އިންޑިއާގެ މީޑިއާ ރިޕޯޓަރުންނަށް ފެނުމުން މި ދެ ތަރިންގެ ހަރަކާތްތަކަށް ރިޕޯޓަރުން ދިޔައީ ވަރަށް ގާތުން ފާރަލަމުންނެވެ. ފިލްމު "ސްޓޫޑަންޓް އޮފް ދަ އިޔާ"އިން ބޮލީވުޑަށް ތަޢާރަފުވި ބަތަލާ ވަނީ ރާއްޖޭގެ ފަސް ތަރީގެ ރިސޯޓު ކަމަށްވާ ސޮނެވާ ޖާނީގައި އުފަންދުވަސް ހޭދަކުރި ގޮތް އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް އާއްމުންނާ ހިއްސާކޮށްފައެވެ.
އެގޮތުން އުފަން ދުވަހުގެ ރޭ ހިތްގައިމު ފިލްމެއް ބެލުމަށް ފަހު، ރޮމޭންޓިކް ކެއުމަކަށް އިންސާފުކޮށް ލައިވް މިއުޒިކާ އެކު ހިތްގައިމު ނެށުމެއް ފުރިހަމަކޮށްފައިވާކަން ދައްކުވައިދޭ ފޮޓޯތަކެއް ބަތަލާ ވަނީ ސޯޝަލް މީޑިއާއަށް ދޫކޮށްލައިފައެވެ. މި ފޮޓޯތައް ޕޯސްޓު ކުރުމާ އެކު އަނަންޔާގެ ސަޕޯޓަރުން ބުނެފައިވަނީ މި ފޮޓޯތަކުގެ ހުރިހާ ކްރެޑިޓެއް ދެނީ "ނައިޓް މެނޭޖަރު" އަދިތުޔާއަށް ކަމަށެވެ.

އަނަންޔާ ޕާންޑޭ ދިވެހި ރާއްޖޭގެ ރިސޯޓު ސޮނެވާ ޖާނީގައި --
ދާދި ފަހުން ރިލީޒްވެ އާއްމުންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދި ފިލްމު "ޑްރީމް ގާލް2"ގެ ބަތަލާ މީގެ ކުރިން ވެސް ވަނީ ރާއްޖެ އައިސްފައެވެ.
އަނަންޔާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި ނޮވެމްބަރު މަހު 17ގައި ރިލީޒް ކުރުމަށް ނިންމާފައިވާ ފިލްމު "ކޯ ގަޔޭ ހަމް ކަހާން" އިންނެވެ. އަދި، އިއުލާނު ނުކުރާ އިތުރު ދެ ފިލްމެއްގައި މަސައްކަތް ކުރަމުން އަންނަ ބަތަލާ ދާދި ފަހުން ވަނީ ކެރިއަރުގެ ފުރަތަމަ ވެބް ސީރީސް ކަމަށްވާ "ކޯލް މީ ބޭ"ގެ މަސައްކަތް ވެސް ނިންމާލައިފައެވެ. މި ވެބް ސީރީސް ސްޓްރީމް ކުރަން ހަމަޖެހިފައި ވަނީ އެމޭޒަން ޕްރައިމުންނެވެ.