01 Nov 2023, 08:48
ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ޣައްޒާގެ އުތުރުގައި އޮންނަ ޖަބަލިޔާ ރެފިއުޖީ ކޭމްޕް އެއްކޮށް ސުންނާފަތި ކޮށްލައިފިއެވެ.
އަލްމަޔާދީން ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޖަބަލިޔާ ކޭމްޕަށް އިސްރާއީލުން އެޅި ހަ ބޮމާ އެކު ސަތޭކައަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. ޖުމުލަ 300 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ވެސް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ. ބޮން ގޮއްވާލުމާ އެކު ފުޑުފުޑު ވެފައިވާ އިމާރާތްތަކުގެ ތެރެއިން ސަލާމަތްވުމަށް މީހުން އުޅޭތަން އާންމުވެފައިވާ ފޮޓޯތަކުން ފެނެއެވެ.
މި ކަމާ ގުޅިގެން ޔަހޫދީންގެ އަސްކަރިއްޔާއިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އިސްރާއީލުން މީގެ ކުރިން ބުނެފައިވާ ގޮތުން ހަމާސްއާ އެކު ޣައްޒާގެ އެތެރޭގައި ހަނގުރާމަ ކުރަމުންދާ ކަމަށާއި ހަމަލާތަކުގައި މިހާރު ވެސް އެތައް ބަޔަކު ޝަހީދުވެފައިވާ ކަމަށެވެ.
ޔަހޫދީންގެ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ޣައްޒާއިން ޝަހީދުވީ މުސްލިމުންގެ އަދަދު މިހާރު ވަނީ 8500 އަށް ވުރެ މަތިވެފައިވާ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާގެ ތަރުޖަމާނާ ހަވާލާދީ އަލްމަޔާދީން ނޫހުން ބުނެއެވެ. އެތައް ބަޔަކު ޒަޚަމްވެފައިވާއިރު، އެތައް ސަތޭކަ ބަޔަކު ވަނީ ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުގައެވެ.
މީގެ އިތުރުން، 2000 މީހުން ގެއްލިގެން ރިޕޯޓުކޮށްފައިވާއިރު، އިމާރާތްތަކުގެ ދަށުގައި ތިބި މީހުންގެ ތެރޭގައި 1100 ކުޑަކުދިން ހިމެނޭ ކަމަށް ވެސް ސިއްހީ ވުޒާރާއިން ހާމަކުރެއެވެ.
ފާއިތުވި ގަޑިއިރުތަކުގެ ތެރޭގައި އިސްރާއީލުން 18 ގަތުލުއާންމު ޣައްޒާގައި ހިންގާފައިވާ ކަމަށާއި، މި ހަމަލާތަކުގެ ސަބަބުން 216 މީހުން ޝަހީދުވެފައިވާ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވިއެވެ. އަދި، ގެދޮރު ދޫކޮށްލަން މަޖްބޫރުވެފައިވާ ގިނަ ބަޔަކު ވަނީ ޣައްޒާގެ ދެކުނަށް ދަތުރުކޮށްފައެވެ. މިއާ އެކު އިސްރާއީލުން މިހާތަނަށް ޣައްޒާގައި ހިންގި ގަތުލުއާންމުގެ އަދަދު ވަނީ 926 އަށް އަރާފައެވެ.
ޔަހޫދީން އަންނަނީ އެ މީހުންގެ ހަމަލާތައް ހޮސްޕިޓަލްތަކަށް ތަކުރާރުކޮށް އަމާޒުކުރަމުންނެވެ. އެގޮތުން ތުރުކީވިލާތުގެ އެހީގައި ޣައްޒާގައި ގާއިމުކޮށްފައި ހުންނަ ހަމައެކަނި ކެންސަރު ހޮސްޕިޓަލަށް ހޯމަ ދުވަހު ވެސް ވަނީ ހަމަލާތައް ދީފައެވެ. އަދި، ހޮސްޕިޓަލް ކައިރިއަށް މިހާރު ވެސް ދޭތެރެއަކުން ބޮން އަޅަމުން އަންނަ ކަމަށް އެ ހޮސްޕިޓަލްގެ މެޑިކަލް ޑިރެކްޓަރު މުހައްމަދު އަބޫ ނަދާ ވިދާޅުވެފައިވެއެވެ.
ޣައްޒާގައި ހުންނަ އަލް ޤުދުސް ހޮސްޕިޓަލް ކައިރިއަށް ވެސް އިއްޔެ ރޭ އިސްރާއީލުން ވަނީ ބޮން އަޅައިފައެވެ. ޣައްޒާގެ އެންމެ ދުވަސްވީ ހޮސްޕިޓަލް، އަލް އަހްލީ އަރަބި ހޮސްޕިޓަލަށް ވެސް މީގެ ދެ ހަފުތާ ކުރިން އިސްރާއީލުން ވަނީ ބޮން އަޅައިފައެވެ. އެ ހަމަލާތަކުގައި 800 އަށް ވުރެ ގިނަ މައުސޫމު އާންމުން ވަނީ ޝަހީދުވެފައެވެ.