31 Oct 2023, 23:38
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާން ވިދާޅުވުމުން، މާދަމައަށް އެޖެންޑާ ކުރި މަޖިލީހުގެ ޖަލްސާ ވެސް ކެންސަލް ކޮށްފިއެވެ.
އެމްޑީޕީގެ ފަރާތުން ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅައިފައެވެ. އެކަމަކު، އީވާ އާލާސްކަންފުޅާ އުޅުއްވާ ސަލާން ވިދާޅުވާތީ، ފާއިތުވި ތިން ދުވަހު ވެސް އެ މައްސަލަ ކުރިއަކަށް ނުގެންދެވުނެވެ.
މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި އޮތީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެވެ.
އެކަމަކު، މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިއާއު މިރޭ "ސަން"އަށް ވިދާޅުވީ، އީވާ ސަލާން ވިދާޅުވުމުގެ ސަބަބުން މާދަމާގެ މަޖިލިސް ޖަލްސާ މިހާރު ކެންސަލްކޮށްފައިވާ ކަމަށެވެ.
އީވާ އާލާސްކަންފުޅާ އުޅުއްވާތީ، މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އޮތީ ބަޖެޓުގެ މަސައްކަތް އެޖެންޑާ ކޮށްފައެވެ. އެކަމަކު، އެމްޑީޕީ މެންބަރުން ރިޔާސަތަށް ހުރަސްއަޅައި ޖަލްސާ ކުރިއަށް ގެންދިޔަ ދީފައެއް ނުވެއެވެ. އަދި، ބަންޑާރަނައިބުގެ ލަފާފުޅުގެ މަތިން ފިނޭންސް މިނިްސްޓަރު އިބްރާހިމް އަމީރު ވެސް ވަނީ ބަޖެޓު ހުށަހަޅަން މަޖިލީހަށް ދުރުނުވާން ނިންމައިފައެވެ.
ބަންޑާރަނައިބުގެ ލަފާފުޅުގައި ވަނީ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، ރިޔާސަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅާފައި އޮއްވައި، އެ މައްސަލައާ މެދު ގޮތެއް ނުނިންމާ އިތުރު މަސައްކަތެއް ނުކުރެވޭނެ ކަމަށެވެ. އެހެންވެ، ބަޖެޓުގެ މަސައްކަތް ކުރިއަށް ގެންދެވޭނީ އިތުބާރުގެ މައްސަލައާ މެދު މަޖިލީހުން ގޮތެއް ނިންމުމުން ކަމަށް އެ ލަފާގައި ވެއެވެ.
އެކަމަކު، މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ރިޔާސަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއްގައި ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ ނައިބު ރައީސެވެ. އެހެންވެ، އީވާ އާލާސްކަންފުޅާ އުޅުއްވާތީ، އެނބުރި ވަޑައިގަތުމުން ނޫނީ އެ މައްސަލަ އެޖެންޑާ ކުރެވިދާނެ ކަމަކަށް މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ގަބޫލެއް ނުކުރައްވައެވެ.
އެމްޑީޕީން ބުނާ ގޮތުގައި އެ މައްސަލައިގައި ނައިބު ރައީސް ނެތް ހާލަތުގައި އެހެން މެންބަރުންނަށް ވެސް ރިޔާސަތު ބެލެހެއްޓޭނެއެވެ.
އެމްޑީޕީން މިހާރު ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ވެސް ހުށަހަޅައިފައެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ މެދު ގޮތެއް ނުނިމެނީސް މަޖިލީހުގެ އެއްވެސް މަސައްކަތަކަށް އެއްބާރުލުން ނުދީ، އާ ސަރުކާރުގެ ކެބިނެޓަށް ވެސް ރުހުން ނުދޭން މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އޮތް އެމްޑީޕީން ވަނީ ނިންމައިފައެވެ.