01 Nov 2023, 09:35
އެހީ ހިފައިގެން ޣައްޒާއަށްދާ ޓްރަކްތަކަށް އެތެރެއަށް ވަނުމަށް ހުރަސް އެޅުމަކީ މީގެ ކުރިން ދުވަހަކު ވެސް ނުދެކޭފަދަ ލާއީންސާނީ އަމަލެއް ކަމަށް އދ ގެ ފަލަސްތީނު ރެފިއުޖީ އޭޖެންސީ (ޔޫއެންއާރްޑާބްލިޔުއޭ)އިން ބުނެފިއެވެ.
"ޣައްޒާއާއި މިސްރު ގުޅޭ ރަފާ ބޯޑަރު މެދުވެރިކޮށް ޣައްޒާއަށް ވަނުމަށް ހުއްދަ ދޭ މަދު ޓްރަކްގެ އެހީއަކީ ދެ މިލިއަނަށްވުރެ ގިނަ މީހުންގެ ބޭނުންތަކާ އަޅާބަލާއިރު އެއްވެސް އެއްޗެއް ނޫން،" ރެފިއުޖީ އޭޖެންސީގެ ވެރިޔާ ފިލިޕް ލަޒާރީނީ ވިދާޅުވިއެވެ.
އދ ގެ ތަރުޖަމާނު ސްޓެފަން ޑޫޖަރިކާ ހަވާލާދީ އަލްމަޔާދީން ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ފެނާއި ކާބޯތަކެއްޗާއި ސިއްހީ ފަރުވާދޭން ބޭނުންވާ ސާމާނު ހިފައިގެން ދިޔަ ޖުމްލަ 33 ޓްރަކް އާދީއްތަ ދުވަހާ ހަމައަށް ވަނީ ރަފާހު ހުރަސްކޮށް ޣައްޒާއަށް ވަދެފައެވެ.
ޔަހޫދީ އިސްރާއީލާއި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި ޔަހުދީން އަންނަނީ ޣައްޒާގެ އާންމުންނަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ. މުޅި ޣައްޒާ އެއްކޮށް ބަންދުކޮށް ވަންނަ ހުރިހާ އެއްޗެއް ކޮންޓްރޯލް ކުރިއިރު، ތެލާއި ކާބޯތަކެއްޗާއި، ބޭސް ވެސް ޣައްޒާގެ އާންމުންނަށް ބޭނުންވާ ވަރަށް ނުލިބެއެވެ.
ހަމަލާތަކުގެ ކުރިން ދުވާލަކު 500 ޓްރަކް ޣައްޒާއަށް ވަންނަ ކަމަށް އދ އިން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.
ޣައްޒާއަށް ބޭނުން ޖެހިފައިވާ މިންވަރާ އެއްވަރަށް އެހީ ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކޮށްދިނުމަށް އެދި ރެފިއުޖީ އޭޖެންސީން ވަނީ ބައިނަލްއަޤުވާމީ މުޖުމަތަމައަށް ގޮވާލާފައެވެ. އަދި، މިހާރުން މިހާރަށް ހަނގުރާމަ ހުއްޓާލުމަށް ވެސް އެ އޭޖެންސީން ގޮވާލާފައިވެއެވެ.