17 May 2012, 15:47
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމަކުން އެ ޕާޓީގެ ރައީސްގެ މަގާމުން ޑރ. އިބްރާހީމް ދީދީ (ޑީޑީ) ވަކިކޮށްފައި ވަނީ އެ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް ކަމަށް ބެލެވެން ނެތް ކަމަށާއި އެ މައްސަލާގައި ޑީޑީގެ ޝަކުވާއެއް އޮތް ނަމަ ޝަރީއަތަށް ވަޑައިގަތުމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ޑީޑީ ވަކިކުރި މައްސަލަ ބައްލަވައި ދެއްވުމަށް އޭނާ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި މައްސަލައާ ގުޅޭ ގޮތުން އެ ކޮމިޝަންގެ ނާއިބު ރައީސް އަހުމަދު ފަޔާޒު މިއަދު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގަވާއިދު ބުނާ ގޮތުން ޕާޓީތަކުގެ ދާހިލީ މައްސަލަތައް ބެލުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެން ނުވާ ކަމަށާއި އެފަދަ މައްސަލަތައް ނިންމުގެ ބާރު ލިބިގެން ވަނީ ޕާޓީތަކަށް ކަމަށެވެ.
ފަޔާޒު ވިދާޅުވީ އެ މައްސަލަ އެ ކޮމިޝަނުން ނިންމި ގޮތް ވަނީ ޑީޑީ އަށް އަންގަވާފައި ކަމަށެވެ.
ޑީޑީ އިލެކްޝަންސް ކޮމިޝަނަށް މައްސަލަ ހުށަހެޅުއްވީ އޭނާ ވަކިކޮށްފައި ވަނީ އިލެކްޝަނުގައި ރަޖިސްޓްރީކޮށްފައިވާ، އެ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ އެވެ. ޑީޑީ ވިދާޅުވެފައި ވަނީ އިލެކްޝަންސް ކޮމިޝަނުގައި އޮތް އަސާސީ ގަވާއިދު އޮތް ގޮތުން، ޕާޓީގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު އޮތްތޯ ނުވަތަ ނެތްތޯ ބެލޭނެ ޖާގައެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން ވެސް އެއްބަސްވެފައިވާ ކަމަށެވެ.
ޑީޑީ މަގާމުން ވަކި ކުރި މައްސަލާގައި، ޑީޑީގެ ޝަކުވާއެއް އޮތް ނަމަ ޝަރީއަތަށް ދިއުމަށް އިލެކްޝަންސް ކޮމިޝަނުން މި ބުނީ އެ މައްސަލަ ޑީޑީ އެ ކޮމިޝަނަށް ހުށަހެޅުއްވިތާ ދެ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.
ޑީޑީގެ އިތުރުން އެ ޕާޓީގެ ނާއިބު ރައީސް އަލްހާން ފަހުމީގެ ވެސް އިތުބާރެއް ނެތް ކަމަށް ބުނެ އޭނާ ވެސް މަގާމުން ވަކިކޮށްފަ އެވެ.