31 Oct 2023, 18:29
މާލެއާއި ހުޅުމާލެ ގުޅުވައިދޭ ސިނަމާލެ ބްރިޖު ހައިވޭގައި ސޯލާ ޕެނަލް ހަރުކުރުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން 2017 ވަނަ އަހަރު ނިންމާފައިވާ ނިންމުމެއް ކަމަށާއި އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ އޭރުގެ ކެބިނެޓް ވަޒީރެއް ކަމަށް ސަރުކާރުން ބުނެފިއެވެ.
ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް ރަށަކަށް ބަދަލުކުރައްވާނެ ކަމަށް، ދާދި ފަހުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މި ވާހަކަތަކަށް ރައްދުދެއްވާ އެންވަޔަރަމަންޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، މި މަޝްރޫޢުގެ ކޮންސެޕްޓާއި ޑިޒައިން ތައްޔާރުކޮށް ގުޅުންހުރި ފަރާތްތަކުގެ މަޝްވަރާތައް ފަށައި ނަގަންޖެހޭ ހުއްދަތައް ވެސް ނަގާފައި ވަނީ 2017 އައި 2018 އާ ދެމެދު، އޭރުގެ ސަރުކާރުން ކަމަށެވެ.
އަދި, 2018ވަނަ އަހަރު ސަރުކާރު ބަދަލުވުމާ ގުޅިގެން، އެއް ސަރުކާރުން ފަށައި ގައުމީ ތަރައްޤީގެ މިފަދަ މަޝްރޫތައް ދެން އަންނަ ސަރުކާރަކުން ހުއްޓައިނުލާ ކުރިއަށްގެންދިއުމަކީ ޤައުމެއް ކުރިއަރައި ދިއުމުގައި ދަމަހައްޓަން ޖެހޭ އަސާސެއް ކަމަށް ދެކި އެ މަޝްރޫޢު ރައީސް ޔާމީނުގެ ސަރުކާރުން އެކުލަވައިލި ކޮންސެޕްޓާއެއްގޮތަށް މިހާރުގެ ސަރުކާރުން ފެށީ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ހައިވޭގައި ގާއިމްކޮށްފައިވާ ސޯލާ ޕެނަލްތައް-- ފޮޓޯ/ މިނިސްޓްރީ
މިނިސްޓްރީން ބުނީ މި މަޝްރޫއުގެ އަމަލީ މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށެވެ. އަދި، މިހާރު ވަނީ މާލޭގެ ކަރަންޓު ވިއުގައާ ގުޅުވާލަން ތައްޔާރުވެފައި ކަމަށެވެ. އެހެންކަމުން މި ދަނޑިވަޅުގައި ސޯލާ ޕެނަލްތައް ނަގާނެ ކަމަށް ބުނުމަކީ ސަރުކާރަށް ކުރިމަތި ކުރުވާނެ ވަރަށް ބޮޑު މާލީ ބުރައެއް ކަމަށް އެ ބަޔާނުގައިވެއެވެ.
އެގޮތުން ސޯލާ ޕެނަލްތައް ބަދަލުކުރުމަށް ގާތްގަނޑަކަށް 170 މިލިއަން ރުފިޔާ ދައުލަތުން ޚަރަދުކުރަން ޖެހޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށާއި، ބަދަލުކުރާ ރަށްރަށުގެ ކަރަންޓު ދިނުމުގެ ނިޒާމުގެ ހާލަތު ހުރިގޮތުން ނެޓްވޯކް އަޕްގްރޭޑް ކުރުމަށާއި ބެޓެރި ސްޓޯރޭޖް ގާއިމުކުރުމަށް އިތުރު ބޮޑު ޚަރަދެއް ކުރަންޖެހޭނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
މިނިސްޓްރީން ބުނީ، މި ނިންމުމުގެ ސަބަބުން ރާއްޖޭގައި އިންވެސްޓް ކުރާ ބޭރުގެ ފަރާތްތަކުން ޖެހިލުންވެ، ވޯލްޑް ބޭންކް ފަދަ ރާއްޖެއަށް މާލީ އެހީ ފޯރުކޮށްދޭ ފަރާތްތައް ރައްޖެއާ މެދު ދެކޭގޮތް ބަދަލުވާނެ ކަމަށެވެ.
މި ބަޔާނުގައި ވާގޮތުން މި މަޝްރޫޢުގެ ދަށުން ލިންކު ރޯޑުގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކުން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކުމަށް ހަމަޖެހިފައިވަނީ 10.9 އެމެރިކާ ސެންޓަށެވެ. ކަރަންޓު ޔުނިޓެއް މިއަދުގެ ތެލުގެ އަގުން ބަލާ ސްޓެލްކޯގެ އިންޖީނުގެއިން އަމިއްލަ އުފައްދާނަމަ ގާތްގަނޑަކަށް 34 އެމެރިކާ ސެންޓް ޚަރަދުވާނެ ކަމަށާއި މި ސޯލާ ޕެނަލްތަކުން އުފައްދާ ކަރަންޓުގެ ސަބަބުން ކަރަންޓް ޔުނިޓެއް އުފެއްދުމަށް ކުރަންޖެހޭ ހޭދަ ވަރަށް ބޮޑުތަނުން ކުޑަކުރެވޭނެ ކަމަށް މި ބަޔާނުގައި ވެއެވެ.

ޑރ. މުއިއްޒު ވިދާޅުވީ، މާލޭ ސަރަހައްދުން އެންމެ ރީތި މަންޒަރަކަށް ފެންނަނީ ބްރިޖު ހައިވޭގައި ދުއްވާފައި ދާއިރު އެ ފެންނަ މަންޒަރު ކަމަށެވެ. ނަމަވެސް ސޯލާ ޕްރޮޖެކްޓުގެ ސަބަބުން މިހާރު އެ މަންޒަރު ގެއްލި، ހައިވޭ ވަނީ ވަރަށް ބޮޑަށް ހާސްވެފައި ކަމަށެވެ.