"އެއްވެސް މިސައިލަކަށް ޓޭންކަކަށް އަދި ބަރު ހަތިޔާރަކަށްވިޔަސް، އިންސާނަކަށް ގެއްލުމެއް ދެވޭނީ ﷲ ތައާލާގެ އިޒުނަފުޅާއެކުގައެވެ. ބައެއްފަހަރު އެފަދަ އިމްތިހާނުތައް ކުރިމަތިވުމަކީވެސް ހިކުމަތަކެވެ. މުނާފިގުން ވަކިކުރާން އެނގުމާއި އެތައް ޣައިރު މުސްލިމުންނަށް ފަލަސްތީންގެ މުސްލިމުންގެ ކެތްތެރިކަމާއި އީމާންތެރިކަމުގެ ވަރުގަދަކަމުން ދީނަށް ޝައުގުވެރިކަން ހުރުމަކީވެސް މި ހަގުރާމައިގެ ކާމިޔާބެކެވެ. ޝަހީދެއްގެ ދަރަޖައަކީ މުސްލިމަކަށް ލިބޭނެ އެންމެ މަތިވެރި ނަސީބެވެ. އެއީވެސް ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ލިބުނު ނިއުމަތެކެވެ. ޝަހީދުވުން ނޫނީ ނަސްރު ލިބުމަކީވެސް މުސްލިމުންނަށް ލިބޭ ކާމިޔާބެކެވެ."

***

"ޖާރިދް ކޮޓަރިން ފެނުމުން ރަޖްވާއަށް ހީވީ ހުވަފެނެއް ފެނުނުހެންނެވެ. ބިރުންގޮސް ހިތް ތެޅިގަތުމާއެކު މޫނާއި އެއްކޮށް ރަޖާ އަޅާފައި ކުޝަން މޭގައި ޖައްސާ ބާރުކޮށްލައިގެން އިނީ ހިރިލާންވެސް ނޭގިފައެވެ. ކޮޓަރީގެ ދޮރު ލައްޕާނުލާ ނިދަން އޮންނަނީވެސް އެކަނި އޮންނަން ކޮންމެވެސް ވަރަކަށް ބިރުގަނެ ނުބައި ހުވަފެންތަކުން ސަލާމަތްވާންވެގެން ދުވެވޭނީވެސް ދޮރު ހުޅުވާފައި ހުރިކަމަށް ގަބޫލުކުރެވޭތީއެވެ.

"ފުރޭތައެއްކަމަށް ހީކޮށްތަ؟ ފެއިންޓްނުވާތީ. އަހަންނަކީ ހަމަ ރަޖްވާގެ ހަޒްބެންޑް..........."

ރަޖްވާ ރަގަޅަށް ލޯ ހުޅުވާފައި ބަލައިލުމުން ޖާރިދް ފުސްވަމުންގޮސް ލޮލުގެ ސްކްރީނުން ގެއްލިއްޖެއެވެ. ހީވީ ހަގީގަތެއްހެންނެވެ. އެހާ ރީތިކޮށް ހުވަފެން ފެންނަން ޖެހޭހެއްޔެވެ؟ ހާސްކަމާއެކު ތެދުވެގެންގޮސް ހުރިހާ ތަނެއް ހޯދުނުއިރުވެސް ޖާރިދްގެ ހިލަމެއްނުވުމުން ހުވަފެނެއްކަން ޔަގީންވިއެވެ. ޖާރިދްވެސް ދެނެއް ނާންނާނެއެވެ. އޭނަގެ ސިފަ ގެއްލިފައިވުމުން ލޯތްބަށް އުއްމީދުކުރާނެ ކަމެއްނެތެވެ. އޭނަގެ މުއްސަދިކަމުގެ ބޭނުމުގައި ނޫނީ ފިރިހެނަކު އިންނަން ނާހާނެއެވެ. ޒިޔާމްގެ ހަނދާންތައް އުދަގޫކުރަން ފެށުމުން ލޯ ތެމުނެވެ. އެއީވެސް ކިހާ އަމިއްލަ އެދުންބޮޑު މަކަރުވެރި ފިރިހެނެއްހެއްޔެވެ؟އިންސާނަކަށް އަނެއް އިންސާނަކަށް އޮޅުވައިލެވޭނީ އެވަރަށެވެ. އެއްވެސް މީހަކަށް އިތުބާރުކުރަން ހެޔޮނުވާނެއެވެ. އޭނަ ހުރިހާ ޚިޔާލުތައް އެއްފަރާތްކޮށްލުމަށްފަހު ތެދުވެގެންގޮސް ވުޟޫކޮށްލައިގެން ތަހައްޖުދު ނަމާދަށް ތައްޔާރުވާންފެށިއެވެ. އިތުރު އެއްވެސް ފަރާތަކަށް އޭނަ ބޭނުންވާންވީ ކީއްވެއްހެއްޔެވެ؟ ﷲއަކީ އަލްވައްހާބެވެ.

ތަހައްޖުދު ނަމާދު ކުރުމުން ހިތަށް ލިބުނު ފިނިކަމާއެކު ބަޔާންކުރަން ދަތި ތަސައްލީއެއް ލިބުނެވެ. ކިތަންމެ ހިތްދަތިވިޔަސް ދިރިއުޅުމުގެ މަގުސަދު ހަނދާންނައްތާލައިގެން ނުވާނެކަމަށް އޭނަގެ ޟަމީރު ވިސްނައިދިނެވެ.

***

އަރްސަމް ފްލައިޓް ސިމިއުލޭޓަރެއްގެ އެހީގައި ދުވަސްކޮޅަކަށް ތަމްރީނުތައް ހަދާ މެޑިކަލް ނިންމުމަށްފަހު އޭނަގެ ބައްޕައާއިއެކު ލަންޑަނަށް ދަތުރެއްކުރިއެވެ. އެފްލައިޓްގެ ކެޕްޓަނަކަށް ހާދިސާއެއް ދިމާވުމުން އަރްސަމް އެހީތެރިވެދީގެން ފްލައިޓް ލޭންޑްވެސް ކުރިއެވެ. ބައްޕަގެ ފަރާތުން ހިފެހެއްޓުމެއްނެތް ތައުރީފު އޮހުނެވެ.

"އައިމް ސޯ ޕްރައުޑް އޮފް ޔޫ މައި ސަން..."

އަރްސަމްއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ.

ދެބަފައިން އެކީ ކާރުގައި ހޮޓަލާއި ދިމާލަށް މިސްރާބުޖެހިއިރު ޖަހާންގީރު އާންޔާގެ ވާހަކަ ދެއްކިއެވެ. ރަޖްވާއާއި އޮމަރުގެ ކައިވެނި ހުއްޓުނަސް އަދްނާންގެ މި އުއްމީދު ފުރިހަމަކޮށްދީފިއްޔާ އެގުޅުމުގެ ވާފަށް ނުކެޑި ބަދަހިވާނެއެވެ. އަރްސަމް ބޭނުންނުވިޔަސް ބައްޕަ އެހާ ރީތިކޮށް ވާހަކަދެއްކުމުން ދެކޮޅުހަދަން ބޭނުންނުވީއެވެ. އޭނަގެ ހިތުގައި ދެން އެހެން މީހަކަށް އެއްވެސް ޖާގައެއްނެތެވެ. އޭނަގެ އުފަލާއި ލޯބިވަނީ އަންހެނުންނާއި ދަރިފުޅު އަދި އަލްރިކްއާއިއެކު ވަޅުލެވިފައެވެ.

"އޯކޭ. އެކަމަކު ދުވަސްކޮޅެއްފަހުން ތިކަމާއި އުޅެވޭނީ ބައްޕައަށް އެގޮތް ފެނިލައްވަންޏާ............."

"މައްސަލައެއްނެތް، ޓޭކް ޔޯ ޓައިމް ދަރިފުޅާ. އައި ނިއު އިޓް. ޔޫ ވޯންޓް ލެޓް މީ ޑައުން.........."

***

ބޯވާރޭގެ ސަބަބުން ފަޒާވެސް ފެންނަނީ ދުންފިނިގަނޑެއްގެ ސިފައިގައެވެ. އުސައިމީންވެސް ރޯގާޖެހިގެން ޑިއުޓީއަށް ނުގޮސް ހުއްޓަސް ސީތު ޑިއުޓީއަށް ފޮނުވިއެވެ. އޭނަ މުޅިން ރަގަޅުކަމަށާއި ކުޑަކޮށް އަރާމުކޮށްލުމުން ރަގަޅުވެދާނެކަމުގައި ބުންޏަސް އިރުގަނޑެއްފަހުން ގަދަޔަށް ހުންއައިސް ބުރާންތިވާވަރުވިއެވެ. ޒަހުރާ ފެންފޮތިލާދޭން އުސައިމީންގެ މަގަތުގައި އިންތަން ފެނުމުން އޭނައަށް ލޯ މަރައިލެވުނެވެ.

"ކުރުބާ ފޮދެއް ބޯލަންވީނު.."މަންމަގެ އޯގާތެރި އަޑު އިވުމުން އުސައިމީންގެ ހިތަށް ފިނިކަމެއްލިބުނެވެ.

ބޯދަށަށް އަތް ލައްވާފައި ކުޑަކޮށް އުފުލާލާފައި ޒަހްރާ އުސައިމީންގެ ތުމުގައި އެތަށި ޖައްސާލަދިނެވެ."އަވަހަށް ރަގަޅުވާނީ ގިނައިން ދިޔާ އެއްޗެހި ބުއީމަ.."

މަންމަ އޭނަގެ ބޮލުގައި ފިރުމާ މަސާޖްކޮށްލަދިނެވެ. އިރުއިރުކޮޅާ ކޮންމެވެސް އެއްޗެއް ގެނެސް ބޯންދިނުމުން ގައިގާ ވަރުޖެހި ހުން ފިނިވާއަތަށް އެޅިއެވެ. ސީތު ގެއަށް އައިއިރުވެސް ޒަހްރާ އިނީ ދަރިފުޅުގެ ޚިދުމަތުގައެވެ. ސީތުއަށް ޒަހްރާގެ ގައިގާ ބައްދައިލެވުނެވެ.

"މަންމަ ނެތްނަމަ އުސައިމީންއަށް ވާނެގޮތެއްވެސް ނޭގޭ...."

"ތިހެން ބުނީ ކީއްވެތަ؟"

"މަންމައަށްވެސް އެނގޭނެއްނު. އުސައިމީން އަމިއްލައަށް ބާކީވެގެން ހުންނަނީނު....."

ޒަހްރާއަށް ހަމްދަރުދީގެ ނަޒަރަކުން އުސައިމީންއަށް ބަލައިލުން ފިޔަވާ ދޭނެ ޖަވާބެއް ނޭގުނެވެ. ދަރިފުޅުވެސް ކުށްވެރިކުރާނީ މަންމައެވެ. އުސައިމީންގެ ލޮލުން ހިނދުކޮޅަކަށް ނަމަވެސް ސުވާލު މާކެއް ފެނުނެވެ. ބައްޕައަކީ ކާކުހެއްޔޭ އަހަން ބޭނުންވިފަދައެވެ. އޭނަ ބާކީވެ ދިރިއުޅުމުގެ މަގުސަދު ގެއްލުނު ސަބަބަކީ އެއީއެވެ.

***

ރަޖްވާގެ ނޫސް ވުޖޫދަށް އައުމާއެކު ސަފާޔާގެ ވާހަކައިގެ ފުރަތަމަ ބާބުވެސް އޭގެ ވާހަކަ ސަފުހާއިން ޖާގަ ހޯދިއެވެ. ފުރަތަމަކޮޅު އެހާ ވައިގާ ނުހިފިޔަސް ރަޖްވާ އުއްމީދު ގެއްލުވައެއް ނުލައެވެ. ސީއީއޯއަށް ވުމާއެކުވެސް ގަޑިން އޮފީހަށްގޮސް އެހެން މުވައްޒަފުންނަށް ނަމޫނާއަކަށްވިއެވެ. ރަޖްވާ ކޭކެއް ހިފައިގެން ސަފާޔާމެން ތިބޭ ބަޔަށް އައިއިރު އޮމަރު ސިޓިންރޫމްގައި ފުޓްބޯޅަ މެޗެއް ބަލަން އިނެވެ.

"ހޭއި ސްޓްރޭންޖަރ..."އޮމަރު ހިނިތުންވެލިއެވެ."ކޭކެއް ގެނައީ މަށަށްތަ؟"

"ތިހާ ދަހިވާކަށް ނުވާނެ އިނގޭ..ސަފާއަށް ނުދީ ކާން ހިތަށްވެސް ނާރުވާތި..."

"މިގޭގައި ކާ އެއްޗެހި ގިނަވެގެން ފްރިޖްވެސް ބަރާވެފައި. އެންމެ ގިނައިން ވަދެ އުޅެނީ ކާކުކަން އެނގޭތަ؟ ހާލާ ބޮޑުދައިތަ....ޝީ ހަމަ މަދެކެ ލޯބިވޭ އަމިއްލަދަރިއެއްހެން. މަންމައެއްކަމުގައި ހަމަ އިހުސާސްވަނީ..."އޮމަރު ތަންކޮޅެއް މަޑުން ބުނެލިއެވެ."ސީރިޔަސްކޮށް....ބޮޑުދައިތަގެ ދަރިއެއް ނުގެއްލޭތަ؟"

ރަޖްވާ ކަންބޮޑުވެފައިވާގޮތަކަށް ހީލަމުން ކޭކު ތަބައް ބިއްލޫރިމޭޒުމަތީގައި ބެހެއްޓިއެވެ."ކޮބާ ސަފާ؟"

"ސަފާ މޭކަޕްކުރަންކަން ނޭގޭ...ތެދަށް ބުނަންޏާ އަދި އަސްލު ސޫރައެއްނުދެކެން...."

"އަންހެންކުދިން އުޅޭނީ އެހެން..."

"ރަޖްވާވެސް އެެހެެން ދޯ.."

"ކުރިން އުޅުނީ އެހެން...އެބަ ގެންނަން ވަޅި...."

ރަޖްވާ ވަޅިއެއް ގެނެސް ކޭކު ފޮތްޗެއް އޮމަރުގެ އަތަށްދިނެވެ. އަނގަޔަށް ހަމަ ވިރޭނެ.............."

"ކިއުޓް..ތޭންކްސް ލަވް........." އޮމަރު އެހެން ބުނެލިއިރު ސަފާޔާވެސް ދޮރު ހުޅުވައިލީއެވެ. ކަންފަތުގައި ޖެހުނު ޖުމްލަ ގަބޫލުކުރަން ބޭނުންނުވިިއިރު ރަޖްވާގެ އަމަލުވެސް ކުށްވެރިކުރެވުނެވެ. ރަޖްވާ ކޮންމެވެސް ބަހަނާއެއް ދައްކާފައި އެބަޔަށް ވަންނަންވީ ސަބަބެއް އެއްގޮތަކަށްވެސް ނޭގުނެވެ. ނޫނެކެވެ. އެނގިއްޖެއެވެ. ސަބަބަކީ އޮމަރުއެވެ. ރަޖްވާ އުޅެނީ އޮމަރުއާއި ހިތާވެގެންނެވެ. މިއީ އިންސާފެއްނޫނެވެ. ސަފާޔާގެ މޫނުމަތިން ފެނުނު ނުރުހުމުގެ ކުލަވަރު އޮމަރުއަށް ފެނުނެވެ.

"ސަފާޔާ ސްޓޯރީ ހިޓްވީމަ ސެލެބްރޭޓްކުރަން ރަޖްވާ ކޭކެއް ގެނެސްދިނީ...ކާނަންތަ؟"

"ބަޑުފައިނުވޭ.."ސަފާޔާ ގަދަކަމުން ހީލިއެވެ."ފްރިޖްގައި ބަަހައްޓާ ފަހުން ކާނީ...ބޮލުގައި ރިއްސާތީ މިއުޅެނީ........................"

"އެއަށްވުރެ މީރު. ފްރިޖަށްލާކަށް މި ސަލާމަތަކުން ނުހުންނާނެ....ރަޖްވާ ހެދި ކޭކެއްތަ؟"

"ހާލާ އާންޓް..."

"ސަފާ...އެންމެ ރަގަޅުވާނީ ބޮކި ނިވާލައިގެން ކުޑަކޮށް ނިދާލީމަ....އަވަހަށް ދޭ...."ރަޖްވާ އެންގިއެވެ.

ރަޖްވާ ލަދުކުޑަކަމާއެވެ. ސަފާޔާއަށް ދޮރު ލައްޕާލާފައި ދޮރަށް ލެނގުނުގޮތަށް ހުރެވުނީ ހުއްޓުން އަރާފައެވެ. އެދެމީހުން ބައިވެރިވެގެން އޭނަގެ ފަރާތުން ކަމެއްގެ ބަދަލުހިފަނީބާވައެވެ. ދެމީހުން އުޅޭގޮތުން ކުޑަކުއްޖަކަށްވެސް އެއްޗެއް ވިސްނޭނެނޫންހެއްޔެވެ؟ އޭނަ ކޮންމެހެން ޝައްކުކުރަނީއޭވެސް ނުބުނެވޭނެއެވެ. އޭނަ ފޮނުވައިލާހިތުން ރަޖްވާވެސް ހުރީ ކެތްނުލަވާފައެވެ. ދެމީހުން ވާހަކަދައްކާއަޑު އިރުގަނޑެއްވާންދެން އިވިފައި ހިމޭންކަން ފެތުރުނެވެ. ސަފާޔާގެ ލޮލުން ކަރުނަ އޮހިގަތްކަން އަމިއްލައަށް ރޭކާލީ ކޯތާފަތް ތެމުމުންނެވެ.

ރަޖްވާ ގާތުން އޭނަ އަހައިލަން ބޭނުމެވެ. ޒިޔާމް އަތުލައިގެންފާ އަދިވެސް ރަޖްވާގެ ހިތް ނުފުރެނީހެއްޔެވެ؟

ނަމަވެސް އެފަދަ ހިތްވަރެއްކޮށްލަން ނުކެރޭވަރަށް އޭނަ ފިނޑިއެވެ.

***

ރުސްލާން ކަޕުޗިނޯއެއް ހިފައިގެންގޮސް ބިއްލޫރި ބިތު ކައިރީ މަޑުކޮށްލައިގެން ހުރީ ވިސްނުމެއްގައެވެ. ޔުނިފޯމުގައި ހުއްޓަސް ފަހަތުންވެސް ރޯޒްއަށް ރުސްލާން ވަކިކުރަން އެނގޭނެއެވެ.

"ގުޑް މޯނިން ކެޕްޓަން..."

ރުސްލާން ޖަވާބެއްނުދިނެވެ.

"އެކީގައިި ވޯކް ކުރާއިރު ހިތްހަމަނުޖެހިފައިތިބީމަ ކޮންފޮޓަބްލްއެއްނުވާނެ. ލެޓްސް ބީ ޕްރޮފެޝަނަލް.."

"މިއީ ޕްރޮފެޝަނަލްވުން. ވާހަކަދައްކަން ކޮންމެހެން ޖެހިއްޖެއްޔާ ވާހަކަދައްކާނީ.................."

"އަބަދު ސްޓެރައިލް ކޮކްޕިޓެއް ދޯ ބޭނުންވަނީ؟ތިހެން އުމުރަށް ހުންނާނީ؟"

"އާނ. އެގޮތް މަށަށް ފަސޭހައީ..."ރުސްލާން ހުސްކުރި މަގު މޭޒުމަތީގައި ބަހައްޓާފައި ދާން ހިނގައިގަތުމުން ރޯޒްއަށް ބުމަކައިރިކޮށްލެވުނެވެ. އޭނަ އެހާވަރުން ވާހަކަދައްކަން އުޅުނީމަވެސް "ރިޖެކްޓް"ކޮށްލީއެވެ. ރުސްލާންގެ ހިތް އެހެން ކުއްޖަކަށް ދެވުނީހެއްޔެވެ؟އެންމެ ރަގަޅެވެ. އަދިވެސް އުމުރުގައި ތަން ހުރިއްޔާ އޭނައަށްވެސް ހަގީގީ އުފަލެއް ލިބިދާނެކަން ނޭގެއެވެ.

***

ރަޖްވާ މުސައްލަމަތީގައި ގުރުއާން ކިޔަވަން އިން އަޑުއަހަން ދޮރުކައިރީގައިި ހުރި ޒަހްރާގެ ލޮލުން ކަރުނަތިކިތައް ވިދައިލިއެވެ. އޮންލައިންކޮށް ގުރުއާން ކޯހެއް ހަދަމުންދާތީ ރީތި ރާގަކަށް ކިޔަވަން އެނގޭއިރު އަޑުގައިވެސް ހުރީ އެހާ ފުރިހަމަކަމެކެވެ. ރަޖްވާ ކިޔަވާނިމިގެން މުސްހަފް މަތާރަންފިލާ މަތީގައި ރީތިކޮށް ބޭއްވުމަށްފަހު އެނބުރުނުއިރު މަންމަ ހުރީ ދޮރުމަތީގައެވެ.

"ރަޖްވާ..ﷲއަށް ހަމްދުކުރަން. ރަޖްވާ ތިހާ ރީތިކޮށް ގުރުއާން ކިޔަވާކަމެއް މަންމަ ނުދަންނަން......"

ރަޖްވާ އެއްޗެއް ބުނަން އަނގަ ހުޅުވާލާފައިވެސް ގޮސް މުސައްލަމަތީގައި އިނދެ ދޮޅި ބާލަންފެށިއެވެ.

"މަންމަ ވަރަށް ހިތާމަކުރަން. ރަޖްވާމެން ދޫކޮށްފައި ދެވުނުކަމީ ކުށެއް..މާފުކުރުމަކީވެސް ދީނުގައި އޮތްކަމެއް. މަންމައަށް މާފުކުރޭ..." ޒަހްރާ ސޯފާގައި އިށީދެފައި ރަޖްވާގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ. ރަޖްވާއަށް ތަފާތު އިހުސާސެއް ކުރެވުނެވެ. ކުށާއި ލަދުވެތި އަދި މޮޅިވެރިކަމެވެ. މަންމަ ކުށް ގަބޫލުކޮށް މާފަށް އެދުމުން އޭނަގެ ހިތް މަޑުވިއެވެ. ނަމަވެސް އެހާ ފަސޭހައިން ހަތިޔާރު ބަހައްޓައިގެން ވާނެކަމަކަށް އޭނަ ގެ ޟަމީރު ގަބޫލެއްނުކުރިއެވެ.

"ސުވާލެއް އެބައޮތް. އުސައިމީންގެ ބައްޕައަކީ ކާކުތަ؟"

"ޖިންނިއެއް........"ޒަހްރާގެ ތަބީއަތު ވަގުތުން ގޯސްވިއެވެ. ސޯފާއިން ތެދުވެގެން ދާން ހިނގައިގަތުމުން ރަޖްވާ ކަންބޮޑުވިއެވެ. މަންމަ ޖިންނިއެކޭ އެބުނީ ކޮން މާނައެއްގައިހެއްޔެވެ؟ އެ "ޖިންނި"އަކީ ކާކުހެއްޔެވެ؟ މީހެއްގެ ވަނަމެއްހެއްޔެވެ؟ ސުވާލުތަކުން ސިކުނޑި ފުރުނެވެ." ތި ސުވާލު ދެން ރަޖްވާ ދެވަނަފަހަރަކު ނުކުރައްޗޭ....ތިކަމާއިހެދި މުޅި އާއިލާ ރޫޅުނީ..ކިހާ ދެރަކަމެއް؟ ރަޖްވާވެސް............."

ޒަހްރާގެ ނުރުހުމާއި ރުޅިވެރިކަން ރަޖްވާއަށް އިހުސާސްކުރެވުނެވެ. ރުޅިއަންނަންވީ މަންމައެއްނޫނެވެ. އޭނައެވެ. ނަމަވެސް ހިތުގައިވާ އެއްޗެއް ބަންޑުންކޮށްލުމުގެ ފުރުސަތު ނުދީ މަންމަ އެވަގުތު ދިޔުމުން ޔަގީނުންވެސް ދެން އެސުވާލު އަލުން ކުރުމުގެ ހިތްވަރު ލިބޭނެކަމާއިމެދު އޭނައަށް ޝައްކެވެ. އެއަށްވުރެ ނާޒުކް މައުޟޫއެކެވެ. މަންމައަށްވެސް އެކަމުން ކުރާނެ އަސަރާއިމެދު ވިސްނައިލާފާ އަމިއްލަ ބޮލުގައި އަތުން ޖަހައިލެވުނެވެ.

***

އުސައިމީންއާއި ސީތުގެ ކައިވެނީގެ ވީޑިއޯތައް ޒޯޔާއަށް ފެނުނީ އެކުވެރިއެއްގެ އަތުންނެވެ. ޒޯޔާއަށް ނުބައި އަސަރުތަކެއްކުރިއެވެ. އަމިއްލަ ދަރިއަކަށްނުވިޔަސް ޖަހާންގީރު ފައިސާ ޚަރަދުކުރިވަރު އެނގުނެވެ. ދެމީހުން ހަނީމޫން ހޭދަކުރަނީ ފްރާންސް އިޓަލީ އަދި ސްވިޒަލޭންޑްގައިކަން އެނގުމުން ޒޯޔާއަށް މޭގައި އަތްއަޅައިލެވުނުގޮތަށް ގޮނޑިއަށް ތިރިވެވުނީއެވެ.

އުސައިމީންއާއި ރުޅިވެވުނުކަމީ އޭނައަށް ހަޔާތުގައި ހެދުނު އެންމެބޮޑު ގޯހެވެ. އުސައިމީންއާއި ކައިވެނިކުރިނަމަ އޭނަގެ ހުވަފެންތައް ފުރިހަމަވީސްކަން ޔަގީނެވެ.

"ދޮންބެ...އުސައިމީންއާއި އަންހެނުން ވީީ ޔޫރަޕްގައި. ހުރިހާ ލަނޑެއް މިލިބުނީ ޒޯއަށް..............."ޒޯޔާ ސޯފާއަށް ވެއްޓި ދެފައި ތަޅައިގަތުމުން ޒިޔާމް ހިފެހެއްޓިއެވެ.

"ހަމަޖެހިބަލަ ޒޯ....އަދި ހަމަ އެއަށްވުރެ ރަގަޅުމީހެއް ލައިފަށް އަތުވެދާނެ.."

"ދޮންބެ ރަޖްވާއާއި މެރީކުރޭ. އަހަރެން އެގެއަށްވަދެ ބަދަލުހިފާނަން...ޕްލީޒް ޕްލީޒް. ރަޖްވާ ކިޑްނެޕްކޮށްގެން ވިޔަސް ހެޔޮ..."ޒޯޔާ ރޮއިފާ އެތަނުން ތެދުވެ ބަލައިލިއިރު ލޮލުގައި އަޅާފައި ހުރި އަނދުންތައް ފޭދި އޭނަ ހީވަނީ ޖޯކެއްހެންނެވެ. ލޯގަނޑުން ސިފަ ބަލައިލާފާ ޒޯޔާ ދޫނެރެ ވައްތަރެއް ޖެއްސިއެވެ."މިހެންވާނީ ޗީޕް އެއްޗެހިވިއްޔަ ގަނެވެނީ..މަގޭ ލޯ ކައިރި ކަޅުވެސް ވާންފަށައިފި.."

ޒިޔާމްއަށް ބޯ ހޫރައިލެވުނެވެ. އޭނައަށްވެސް އަސަރުކުރަނީ ސަފާޔާ އަތުން ބީވެ ދިޔައިމައެވެ. ސަފާޔާ އަލުން ހޯދަން އޭނައަށް ކުރެވޭނީ ކޮންކަމެއްހެއްޔެވެ؟ އޭނަ އާދޭސްކޮށްކޮށް ވަރުބަލިވީއިރުވެސް ސަފާޔާގެ ޖަވާބެއް ނުލިބުނެވެ.

***

ޒަހްރާއާއި ހާލާއާއި ދެމީހުންނަނީ ޖަހްނާގީރުގެ ކިހާ ޚާއްސަ ބަޔެއްކަމާއި ހުރިހާ ދަރިންވެސް އިހުތިރާމްކުރުމަށް ޖަހާންގީރު އެދުނެވެ. ބައްޕަ ވަކިން ބައްދަލުކޮށްފައި ދެއްކި ވާހަކަތަކުން އެންމެނަށް މަޖުބޫރުވީ މަންމައާއި އަނގައިން ބުނުމަށެވެ. ނަމަވެސް އެދޭތެރޭގައިވަނީ ގަނޑުފެނުގެ ފާރެވެ. މަންމައާއި ދަރިންނާއި ދެމެދު އޮންނަފަދަ ލޯތްބާއި ގާތްކަމެއްނެތެވެ. ކޮންމެހެން ދައްކަން ޖެހޭ ވާހަކައެއް ފިޔަވާ އިތުރު ވާހަކަތަކެއް ހިއްސާނުކުރެވެއެވެ. މަންމައަށްވުރެ ބޮޑަށް އެންމެން ގާތްވެ ވާހަކަދައްކާ އުޅެންފެށީ ބޮޑުދައިތަ ހާލާއާއެވެ. މަޑުމަޑުން ގުޅުންތައް ބަދަހިވަމުން ދިޔަސް ޒަހްރާގެ ދަރިންތަކަށް މަންމަ ނެތުމުގެ އުނިކަމުން ލިބުނު ގެއްލުންތައް ފޫބައްދަން ދުވަސްތަކެއް ނަގާނެއެވެ. ޚާއްސަކޮށް ލޯބީގެ ތަޖުރިބާތައް އެކުދިންނަށް ބޭހަކަށްވުރެ ހިތްޗެވެ.

***

ސަފާޔާ ދަންވަރު ހޭލެވިގެން ބަލައިލިއިރު އޮމަރު ނިދީގައި އޮވެގެން ކޮންމެވެސް އެއްޗެއް ކިޔާފައި ތެޅިފޮޅެނީއެވެ. ކަންބޮޑުވެފައި ހުރުމާއެކު ކައިރިވެލިއިރު އޮމަރު ވާހަކަދެއްކީ ބީރައްޓެހި ބަހުރުވައަކުންނެވެ. ޔަގީނުންވެސް އޭނައަށް އެކިޔާ އެއްޗެއް ދޭހައެއްނުވިއެވެ. ތަކުރާރުކޮށް ކޮންމެވެސް އެއްޗެއް ކިޔަމުންގޮސް ހަޅޭއްލަވައިގަތުމާއެކު އޮމަރު ފުންމައިގެން ތެދުވެފައި ބޮލުގައި ދެއަތުން ހިފެހެއްޓިއެވެ. އޭރު އޭނަގެ މޫނުންވަނީ ފިނިދަލެއް ހިއްލާލާފައެވެ.

"ކިހިނެއްވީ؟ނައިޓްމެއާއެއް ފެނުނީތަ؟"

އޮމަރު ޖަވާބެއްނުދީ ތެދުވެގެންގޮސް ވަނީ ފާޚާނާއަށެވެ. އޮމަރުގެ ހިތުން ޖާގައެއް ހޯދަން މަސައްކަތްކުރަމުން ދިޔަ ސަފާޔާއަށް ލިބުނު ރަގަޅު ފުރުސަތަކަށްވިއެވެ. އޭނަ މިސްރާބު ޖެހީ ބަދިގެއާއި ދިމާލަށެވެ. އަދި ދާދި އަވަހަށް ކޮފީތަށްޓެއް ގިރައިގެން ގެނައިއިރު އެއިން ދުންއަރާހާ ހޫނެވެ.

"ތެންކިއު..."ފާޚާނާއިން ނުކުތް އޮމަރު ކޮފީތަށީގައި ހިފަމުން ޝުކުރުއަދާކުރިއެވެ.

އޮމަރުގެ ފަހަތުން ސަފާޔާވެސް ބެލްކަންޏަށް ނުކުތެވެ. އުދަރެހުން ފެންނާން ހުރި ތަރިތައްވެސް ވިލާތަކުގެ ފަހަތަށްވަދެ ފިލަން މަސައްކަތްކުރަނީއެވެ. ދުނިޔެވެސް ފެންނަނީ މޮޅިވެރިކަމުގެ ސާލެއްލާފައިވަނިކޮށެވެ.

"ތިހާވަރުން އަހަންނާއިހެދި ނޫޅުނިއްޔާ ރަގަޅީ ސަފާޔާ..."އޮމަރު ރެއިލިންއަށް ލެނގިލިއެވެ.

"އެއީ ކީއްވެތަ؟"

"އަހަންނަކީ ކާކުކަން އެނގުނީމަ ނަފްރަތުކުރާނެ.."

"ސަބަބު............"

"ވަރަށް ގިނަ ސަބަބު....ތި ހިތުގައި ކުޑަ އިހުސާސެއް އޮތިއްޔާވެސް ފިލުވައިލިއްޔާ ރަގަޅުވާނީ. ދެމީހުންގެ މެރިޖް.....މިވެސް އަދި ނިމޭނެކަން ޔަގީން.."އޮމަރުގެ އިންޒާރުން ސަފާޔާގެ ހިތަށް އުދަގޫވެ ލޮލުން ކަރުނަ އަންނަގޮތްވިއެވެ. އޭނަގެ ހިތުގައި އޮމަރުއަށްޓަކާ ޖާގައެއް ހޯދީ ޒިޔާމްވެސް ފަހަތަށް ޖައްސާލާފައެވެ.

ސަފާޔާއަށް ވިސްނުނެވެ. އޭނައާއި ރަޖްވާވެސް ހިމެނެނީ ލޯބީގައި ނާކާމިޔާބު އަދި ހަގުރާމައެއްކުރަން ޖެހިފައިވާ ދެކުދިންނަށެވެ. ދެން އޮތީ އިންތިޒާރުކުރުމެވެ. ގަދައަޅާ މަސައްކަތްކުރުމެވެ. ލޯބި ކާމިޔާބު ނުވާނެކަމާއި ކައިވެންޏަށް ނިމުނަކަށް އަންނާނެކަމަށް އޮމަރު ގަބޫލުކުރާކުރުންތަކުގައި ހަގީގަތެއްނެތްކަން ސާބިތުކޮށްދިނުމެވެ.

ނަމަވެސް އޮމަރުގެ ސިއްރު އޭނަގެ ދުލުން ބޭރުވުމާއެކު ސަފާޔާއަށް ލިބުނު ޝޮކާއި ރިހުމުގެ އަސަރުތައް އެލޮލުން ފާޅުވުމާއެކު ސަފާޔާ ދުރަށް ދާން ހިނގައިގަތެވެ.

އެންމެ ލަފުޒަކުން ހަގީގަތުގައި އޭނައާއި އޮމަރުގެ ގުޅުން ކެނޑިއްޖެއެވެ.