17 May 2012, 13:59
އިންޓަނޭޝަނަލް ފެޑޭރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓަން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަން (އިފޯޕްކާ) ގެ މިޑް ޓާމް ބޯޑު މީޓިންގައި ރާއްޖޭގެ ކޮންޓްރަކްޝަންގެ ގައުމީ ޖަމިއްޔާ މަސީގެ ފަރާތުން ހިއުމަން ރިސޯސް ރިސާޗާއި ގުޅޭ ކަރުދާހެއް ހުށައަޅާނެ ކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.
ސައުތު ކޮރެއާގެ ޖޭޖޫ އައިލެންޑުގައި މި މަހު ބާއްވާ މިޑް ޓާމް ބޯޑު މީޓިންގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެއިން ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިނާއި ވާހަކަފުޅު ދައްކަމުން މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު (ޖަނާ) ވިދާޅުވީ ރާއްޖެއިން ހުށަހަޅާ ކަރުދާހުގައި އިސްކަން ދީފައިވާނީ ތަމްރީނާ ބެހޭގޮތުން ކަމަށެވެ.
"މި ކަރުދާހުގައި ބޮޑަށް އިސްކަންދީފައިވާނީ ޓްރެއިނިންނާއިބެހޭ ގޮތުން، ކޮންސްޓްރަކްޝަން އިންޑަސްޓްރީ މިހާރު ކުރިއަރާ ނިސްބަތުން މުޅި ދުނިޔެއަށް ވެސް މިދާއިރާއިން ތަމްރީނު ލިބިފައިވާ މީހުންގެ ދަތިކަން އިހުސާސް ކުރެވޭ،" ޖަނާ ވިދާޅުވި އެވެ. "ޓްރެއިނިން ސްކޫލްތައް މަދުވީމަ، ވަޒީފާ އުފެއްދެން ޖެހޭ މިންވަރަކަށް ނުއުފެއްދޭ. އަޅުގަނޑުމެއް އިރާދަ ކުރެއްވިއްޔާ މި ޖަލްސާގައި މިހުށަހަޅަނީ ރީޖަނަލް ޓުރެއިނިން ސެންޓަރުތައް ހަރުދަނާ ކުރުމަށް،"
އޭނާ ވިދާޅުވީ އިފޯޕްކާގެ މެންބަރު ގައުމުތަކުގެ މެދުގައި އިންވެސްޓާ ކްލަބެއް ނުވަތަ ބިޒްނަސް ކްލަބެއް ހެދުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށާއި އިފޯޕްކާގެ މިޑް ޓާމް ބޯޑު މީޓިންގައި މިކަރުދާހަށް ގައުމުތައް ޝްވަރާތަށް ކޮށް ކޮންސްޓުރަކްޝަން ދާއިރާ ފުޅާކުރުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.