އަންނަ އަހަރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް، 2024 ވަނަ އަހަރުގެ ބަޖެޓުގައި އަންދާޒާކޮށްފިއެވެ.

މި އަހަރަށް ލަފާކޮށްފައި ވަނީ 1.8 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށެވެ.

އިއްޔެ ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އަންނަ އަހަރުގެ ބަޖެޓުގައި އަންދާޒާކޮށްފައިވާ ގޮތުގައި އަންނަ އަހަރު 2.01 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެއެވެ. މިއީ މިއަހަރު އަންނާނެ ކަމަށް ލަފާކުރި ފަތުރުވެރިންގެ އަދަދާ އަޅާ ބަލާއިރު ދެ ލައްކަ އިތުރު އަދަދެކެވެ.

ބަޖެޓުގައިވާ ގޮތުގައި އަންނަ އަހަރަށް ފަތުރުވެރިކަމުގެ ދާއިރާއިން ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. އެގޮތުން:

  • ޓީޖީއެސްޓީ - 9 ބިލިއަން ރުފިޔާ

  • ރިސޯޓު ކުލި - 2 ބިލިއަން ރުފިޔާ
  • ގްރީން ޓެކްސްގެ 1 ބިލިއަން ރުފިޔާ

މީގެ އިތުރުން, ފަތުރުވެރިން އަންނަ އަދަދާ ގުޅިފައިވާ އާމްދަނީތަކުން ވެސް ދެ ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވެއެވެ. އެއީ:

  • އެއާޕޯޓް ޑިޕާޗާ ޓެކްސް - 1 ބިލިއަން ރުފިޔާ

  • އެއާޕޯޓް ޑިވެލޮޕްމަންޓް ފީ - 1 ބިލިއަން ރުފިޔާ

މި އަހަރުގެ މިހާތަނަށް 1.5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރިކަމަށް, ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބު ތަކުން ދައްކައެވެ. އެ މިނިސްޓްރީން ބުނާ ގޮތުގައި މި އަހަރުގެ ނިޔަލަށް އެ އަދަދު 1.8 މިލިއަނަށް އަރާނެއެވެ. އަދި މިމަހުގެ ނިޔަލަށް ކަނޑައެޅި ޓާގެޓް ހާސިލް ވެފަވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައީ 2019 ވަނަ އަހަރުއެވެ. އެ އަހަރު 1.7 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރާތް ކުރިއެވެ.