31 Oct 2023, 15:00
މި ވަގުތު ރައްޔިތުންގެ މަޖިލީހުގައި އެންމެ މުހިންމީ ބަޖެޓުގެ މަސައްކަތް ކުރިއަށް ގެންދިއުން ކަމަށާއި އެ ކަމަށް ޖާގަ ދިނުން މުހިންމުކަމަށް އިންތިޚާބީ ރައީސްގެ އޮފީހުން މިއަދު ބުނެފިއެވެ.
އިންތިޚާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ޚަލީލް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި، ބައެއް ކަންކަމުގައި ކަންބޮޑުވުން ވަނީ ފާޅުކުރައްވައިފައެވެ.
އޭގެ ތެރޭގައި ބަޖެޓުގެ މަސައްކަަތް ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ގެންދިއުމަށް ހުރަސް އެޅިފައި އޮތުން ފާހަގަކުރެއްވިއެވެ.
ފިރުޒުލް އިޝާރާތް ކުރެއްވީ މަޖިލިސް ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުގެންދާތީ މަޖިލީހުގެ އެހެން މަސައްކަތްތަކަށް މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުން ހުރަސް އަޅުއްވާ އެޅުއްވުމަށެވެ.
ފިރުޒުލް ވިދާޅުވީ މި ވަގުތަކީ ރައްޔިތުންގެ މަޖިލީހުގައި ބަޖެޓުގެ މަސައްކަތް ހިނގަމުން އަންނަންޖެހޭ ވަގުތު ކަމަށެވެ. ރައްޔިތުންނާ ގުޅުންހުރި ބޮޑު ކަމަކަށް ބަޖެޓުގެ މަސައްކަތްވާއިރު އެ ކަމުގެ މަސައްކަތް ލަސްވުމަކީ ކަންބޮޑުވުންހުރި ކަމެއްކަމަށް ވިދާޅުވިއެވެ.
އެހެންކަމުން އެއްވެސް މަސައްކަތެއް ނުހުއްޓޭހެން ދައުލަތުގެ ތިން ބާރުން ވެސް ގުޅިގެން މަސައްކަތް ކުރުމަށް ވެސް އެދިލެއްވިއެވެ.
"އަޅުގަނޑުމެން އެދެނީ ދިވެހި ދައުލަތުގެ ތިން ބާރުން ވެސް ގުޅިގެން މަސައްކަތްކުރައްވައި ގާނޫނު އަސާސީގެ އިމުގެ ތެރެއިން ވީ އެންމެ އަވަހަކަށް މި ކަމަށް ހައްލެއް ލިބިގެން ދިއުން. އެއީ އަޅުގަނޑުމެންގެ އުންމީދަކީ،" ފިރުޒުލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކުރިމަތީ އޮތީ ހަމައެކަނި ބަޖެޓުގެ މަސައްކަތް އެކަނި ނޫންކަމަށެވެ. މި އަހަރުގެ ބާކީ މުއްދަތަށް ހުށަހަޅައިފައިވާ ސަޕްލިމަންޓަރީ ބަޖެޓުގެ މަސައްކަތް ވެސް ކުރަން އެބައޮތްކަމަށް ވިދާޅުވިއެވެ.
އެއާއެކު ފިރުޒުލް ވަނީ އިންތިޚާބީ ރައީސްގެ ވިސްނުންފުޅަކީ 2024ވަނަ އަހަރުގެ ބަޖެޓު 49 ބިލިއަން ރުފިޔާއަށްވުރެ ތިރީގައި ބަޖެޓު ހިފެހެއްޓެވުންކަމަށް ވިދާޅުވި ވާހަކަ ތަކުރާރުކުރައްވައިފައެވެ.
ފިރުޒުލް މިއަދު މިކަމުގައި ކަންބޮޑުވުން ފާޅުކުރެއްވިއިރު، ޑިމޮކްރެޓުންނަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އަލީ އާޒިމް ވަނީ އެމްޑީޕީން މަސައްކަތްކުރަމުން އަންނަނީ އުފެދެން އުޅޭ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ހުރަސް އެޅުމަށްކަމަށް ތުހުމަތު ކުރައްވައިފައެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓްރީން އިއްޔެވަނީ ހުށަހަޅައިފައެވެ. ނަމަވެސް ބަޖެޓު ހުށަހަޅަން މިނިސްޓަރު އިބްރާހިމް އަމީރު އޮތީ ވަޑައިގަންނަވާ ގޮތަކަށް ނޫނެވެ.