ޣައްޒާގެ އާންމުންނަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް އިތުރު ބޯޑަރެއް ހުޅުވާލުމަށް އދ. ގެ ހިއުމަނިޓޭރިއަން ފައިނޭންސިން އެންޑް ރިސޯސް މޮބިލައިޒޭޝަން ޑިވިޝަން (އޯސީއެޗްއޭ) ގެ ޑިރެކްޓަރު ލީސާ ޑާގެން ގޮވާލައްވައިފިއެވެ.

އެގޮތުން ޣައްޒާއާއި އިސްރާއީލް ގުޅޭ ކަރެމް ޝޮލޮމް ބޯޑަރު ހުޅުވާލުމަށް އޯސީއެޗްއޭއިން ވަނީ ގޮވާލާފައިވާ ކަމަށް އަލްމަޔާދީން ނޫހުން ރިޕޯޓުކުރެއެވެ.

"ޣައްޒާއަށް އެހީ ހިފައިގެން ވަންނަން އެއް މަގަށްވުރެ ގިނަ މަގު ހުޅުވާލަންޖެހޭ. އިސްރާއީލާއި ޣައްޒާއާއި ދެމެދު އޮންނަ ކަރެމް ޝޮލޮމް އަކީ ފުދޭވަރަކަށް ގިނަ އަދަދެއްގެ ޓްރަކްތައް ހަލުވިކަމާއެކު ދަތުރު ކުރުމަށް ތައްޔާރުކޮށްފައި އޮތް މަގެއް." ލިސާ ވިދާޅުވިއެވެ.

އޯސީއެޗްއޭއިން މިހެން ގޮވާލާފައިވާއިރު، ދުވާލަކު 100 ޓްރަކްގެ އެހީ ޣައްޒާއަށް ވައްދަން އިސްރާއީލުން އެއްބަސްވެފައިވާ ކަމަށްވެސް އެމެރިކާ ސަރުކާރުގެ އޮފިޝަލަކު އާދީއްތަ ދުވަހު ވަނީ ހާމަކޮށްފައެވެ. މި އެހީގެ ތެރޭގައި ޣައްޒާގެ މައި ހޮސްޕިޓަލްތަކަށް ބޭނުންވާ ވަރަށް ތެޔޮ ހުންނާނެ ކަމަށްވެސް އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

އިތުރު 40 ޓްރަކްގެ އެހީވެސް ހަމަ އެ ދުވަހު ޣައްޒާއަށް ވެއްދުމަށް ޝެޑިއުލްކޮށްފައިވާ ކަމަށް އދ ގެ ދުނިޔޭގެ ކާބޯތަކެއްޗާބެހޭ ޕްރޮގްރާމް (ޑަބްލިޔުއެފްޕީ) ގެ ޑިރެކްޓަރު އަދި ފަލަސްތީނު މަންދޫބު ސަމީރު އަބްދުލް ޖަބެރު ވަނީ ވިދާޅުވެފައެވެ.

ޔަހޫދީ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ އަމަލުތަކުގައި ނިކަމެތިވެފައިވާ އާންމު ރައްޔިތުންނަށް ބޭނުންވާ އެހީ ޣައްޒާއަށް މިހާރު ފޯރުކޮށްދޭ މަގަކީ މިސްރާއި ޣައްޒާ ގުޅޭ ރަފާ ބޯޑަރެވެ. ނަމަވެސް އެހީގެ ޓްރަކްތައް ބަލައި ފާސްކުރުމުގެ އިތުރުން ޔަހޫދީން އަޅަމުންދާ އެހެނިހެން ހުރަސްތަކުގެ ސަބަބުން ރަފާ ބޯޑަރުން ޣައްޒާއަށް ދުވާލަކު 12 ޓްރަކަށްވެސް ނުވަދެވެއެވެ. އިސްރާއީލުން އަޅާ ހުރަސްތަކުގެ ސަބަބުން ޣައްޒާއަށް އެހީ ފޯރުކޮށްދިނުމުގައި ލަސްތަކެއް އުޅޭ ކަމަށް މިސްރުގެ ހާރިޖީ ވުޒާރާއިންވެސް ވަނީ ފާހަގަކޮށްފައެވެ.

ހަމަލާތަކުގެ ކުރިން ދުވާލަކު 500 ޓްރަކް ޣައްޒާ ވަންނަ ކަމަށް އދ މީގެކުރިން ވަނީ ބުނެފައެވެ. ޖުމްލަ 37 ޓްރަކްގެ އެހީ މިހާތަނަށް ޣައްޒާއަށް ވަދެފައިވާ ކަމަށް އަލްމަޔާދީން ނޫހުން ރިޕޯޓުކުރެއެވެ.

ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ އާންމުންނަށް އަމާޒުކޮށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގައި ، ޣައްޒާގެ އާންމުންނަށް ވަނީ ފެނާއި ކާބޯތަކެތި އަދި ކަރަންޓު ލިބޭނެ ގޮތްވެސް ނުވެފައެވެ. މިވަގުތު ޣައްޒާއަށް ވައްދަމުންދާ މަދު އެހީ އަކީ 2.3 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޣައްޒާއަށް ބޭނުންޖެހިފައިވާ ވަރަށްވުރެ މާ މަދު އެހީ އެކެވެ.