31 Oct 2023, 15:10
މޮސްކޯ (31 އޮކްޓޯބަރު 2023) : ދުނިޔޭގައި އޮތް އެންމެ ނުބައި ގައުމަކީ (ރޯގް ސްޓޭޓަކީ) އެމެރިކާ ކަމަށާއި އެމެރިކާއަކީ ބައިނަލްއަގްވާމީ އަމަނާއި ސުލްހައަށް އޮތް އެންމެ ބޮޑު ބިރުކަމަށް ރަޝިއާގެ ރައީސް ވަލްދިމިޔާ ޕޫޓިން ސަފަކުރައްވައިފިއެވެ.
ޕޫޓިން ވިދާޅުވިގޮތުގައި ޔުކްރެއިން ހަލާކުވުމާއި ފަލަސްތީނުގެ ބިމާއި ހައްގުތައް ގެއްލި ފަލަސްތީނު ރައްޔިތުން ހަލާކުވުމުގެ ފަހަތުގައިވެސް ވަނީ އެމެރިކާއެވެ. އިސްރާއީލަށް ވާގިވެރިވާ މައިގަނޑު ގައުމަކީވެސް އެމެރިކާއެވެ.
ރަޝިއާގެ ގައުމީ ސަލާމަތާބެހޭ މަޖިލީހާއި ލޯއެންފޯސްމެންޓް އެޖެންސީތަކާ އަދި ލޯކަލް ސަރުކާރުތަކުގެ އިސްވެރިންނާ ކްރެމްލިންގައި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ޕޫޓިން ވިދާޅުވީ ދުނިޔޭގެ ތަނެއްގައި ދެބަޔަކު ތަޅާފޮޅާނަމަ އެތަނަށް ހަތިޔާރުއަޅާ މައިގަނޑު ގައުމަކަށް އޮންނާނީ އެމެރިކާއެވެ. ދެބަޔަކު އަރާރުންވާނަމަ އެދެބައެއްގެ މެދުގައި ސުލްހަ ގާއިމް ވިޔަނުދޭން އެންމެބޮޑަށް މަސައްކަތް ކުރާނީ ވެސް އެމެރިކާއެވެ.
ޔޫރަޕްވެސް ހަލާކުކުރީ އެމެރިކާ ކަމަށާއި މަކަރާ ހީލަތުން ޔޫރަޕްގެ ބޮޑެތި ބާރުތައް ކުދިކުދި ގައުމުތަކަކަށް ހެދުމަށްފަހު އެމެރިކާ މިހާރުވަނީ އެމެރިކާގެ މުށުތެރެއަށް ޔޫރަޕް ލައި މުޅި ޔޫރަޕްގައި އެމެރިކާގެ އަސްކަރީ ބޭސްތައް ގާއިމްކޮށްފައި ކަމަށް ޕޫޓިން ވިދާޅުވިއެވެ.
ޕޫޓިން ވިދާޅުވިގޮތުގައި ޔުކްރޭންގެ އަތުން ކްރައިމިއާ ގެއްލުނީވެސް އަދި ޔުކްރެއިން ހަނގުރާމަ ފެށުނީވެސް ރަޝިއާ އާ ދިމާކުރުމަށްޓަކައި ޑިމޮކްރަސީގެ ނަމުގައި އެމެރިކާ ޔުކްރެއިންގެ ތެރެއަށް ވެދެގަނެ ޔުކްރެއިން ބޭނުންކޮށްގެން ރަޝިއާއާ ދިމާކުރަން އެމެރިކާ ކުރި ނުބައި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.
ޔުކްރެއިން ހަނގުރާމައިގެ ކުރީކޮޅު ތުރުކީ މެދުވެރިއަކަށް ވެގެން ރަޝިއާއާ ޔުކްރެއިނުން ސުލްހައިގެ ވާހަކަތައް ފެށުމުން އެކަމަށް ހުރަސްއެޅީވެސް އެމެރިކާ ކަމަށާއި މިހާރު ޔުކްރެއިންއަށް އެކަން ވިސްނެންޖެހޭނެ ކަމަށް ޕޫޓިން ވިދާޅުވިއެވެ.
އެމެރިކާގެ ބަހަށް ހެއްލިގެން ސުލްހައަށް ފުރަގަސް ދިނުމުން ޔުކްރެއިންއަށް ލިބުނީ ކޮންއެއްޗެއްތޯ އެމެރިކާއާއި ޔޫރަޕްގެ ހަތިޔާރާއި އަސްކަރީ މަދަދުން ރަޝިއާ ބަލިކުރެވިއްޖެތޯ އެމެރިކާގެ ކޮންޓްރޯލްގެ ދަށުގައިވާ ޔުކްރެއިންގެ ލީޑަރުން ވިސްނާލުން ރަނގަޅު ކަމަށް ޕޫޓިން ވިދާޅުވިއެވެ.
ޔުކްރެއިންގައި އޮތް ރަޝިއާއާ ގުޅޭ ސަރުކާރު 2014 ގައި ވައްޓާލައި އެމެރިކާއަށް ތާއީދުކުރާ ސަރުކާރެއް ޔުކްރެއިންގައި ގާއިމް ކުރުމުގެ ފަހަތުގައި އޮތީ އެމެރިކާއާއި ޔޫރަޕެވެ. މިއީ ޔުކްރެއިން ނޭޓޯއަށް ވައްދައިގެން ރަޝިއާ ދިމާކުރަން އެމެރިކާ އެޅި ފިޔަވަޅެއްކަން ރަޝިއާއަށް އިހްސާސްކުރެވުމާއެކު ރަޝިއާ ވަނީ ރަޝިއާ ދަރިކޮޅުގެ މީހުންގެ އަޣްލަބިއްޔަތު އޮންނަ ކްރައިމިއާއަށް ކުއްލިގޮތަކަށް އަރައި ކްރައިމިޔާ ހިފައި އެސަރަހައްދު ޔުކްރެއިނުން ވަކިކޮށް ރަޝިއާގެ ތަނަކަށް ހަދާފައެވެ.
ރަޝިއާގެ މިފިޔަވަޅާއެކު ރަޝިއާގެ ދަރިކޮޅުގެ މީހުންގެ އަޣްލަބިއްޔަތު އޮންނަ ޔުކްރެއިންގެ ދެ ސަރަހައްދު ކަމަށްވާ ދޮނިޔެސްކް އާއި ލޮޣާންސްކް ގެ ރައްޔިތުން ޔުކްރެއިން ސަރުކާރާ ދެކޮޅަށް ދާޚިލީ ހަނގުރާމައެއް ފެށިއެވެ. އަދި 2021 ވަނަ އަހަރު ރަޝިއާ ޔުކްރެއިންއާ ދެކޮޅަށް ސީދާގޮތެއްގައި ހަނގުރާމަ ފެށިއެވެ. ނަމަވެސް ހަނގުރާމަ ފެށިތާ އެއްދުވަހުގެ ތެރޭގައި، ޔުކްރެއިން ނޭޓޯއަށް ނުވަންނާނެކަމުގެ ޔަގީންކަންދީފިނަމަ ހަނގުރާމަ ހުއްޓާލާނެކަމަށް ރަޝިއާ ބުންޏެވެ.
މިކަމާބެހޭގޮތުން ރަޝިއާއާއި ޔުކްރެއިން ސުލްހައިގެ ވާހަކަތައްވެސް ފެށިއެވެ. ނަމަވެސް އެމެރިކާ ޔުކްރެއިން އަށް ބާރުއަޅައިގެން ސުލްހައިގެ ވާހަކަތައް ހުއްޓުވާލިއެވެ. އަދި ރަޝިއާ ބަލިކުރެވޭނެކަމުގެ ވަސްވާސް ޔުކްރެއިންއަށް ދީގެން ޔުކްރެއިންއަށް ހަތިޔާރު ދީގެން ހަނގުރާމަ ދިގުދެންމިއެވެ. ނަތީޖާއަކީ ރަޝިއާ ސިފައިން ޔުކްރެއިންގެ ބިމުގެ އިތުރު 20 އިންސައްތަ ހިފުމެވެ.
އެއަށްފަހު މި 20 އިންސައްތަ ބިމުގައި ހިމެނޭ ރަޝިއާ ދަރިކޮޅުގެ މީހުން ދިރިއުޅޭ ދެސަރަހައްދު ކަމަށްވާ ދޮނިޔެސްކް އާއި ލޮޣާންސްކް ރަޝިއާގެ ތަންތަނުގެ ގޮތުގައި ރަސްމީ ސިފައެއްގައި ރަޝިއާ ހަމަޖެއްސިއެވެ. ހަނގުރާމައަށް ދޮޅު އަހަރުވީއިރުވެސް އެމެރިކާ ގެންދިޔައީ އެމެރިކާގެ ޒަމާނީ ހަތިޔާރު ޔުކްރެއިންއަށް އޮއްސަމުންނެވެ.
ނަމަވެސް ރަޝިއާ ހިފާފައިވާ ޔުކްރެއިންގެ އެއްވެސް ސަރަހައްދެއް މިނިވަންކުރުމުގައި ޔުކްރެއިން އަށް ކާމިޔާބެއް ނުލިބުނެވެ. މިއާއެކު ޔުކްރެއިންގެ ސިފައިންގެ ލަޝްކަރުތައް ނިކަމެތިވެ ވަރުބަލިވެ ހަނގުރާމަ މައިތިރިވާގޮތް ވިއެވެ.
ޕޫޓިން ވިދާޅުވިގޮތުގައި އިސްރާއީލުން ޣައްޒާގެ އާންމުންނަށް ދެމުންގެންދާ ހަމަލާތަކުގެ އަޑީގައި އިސްރާއީލަށް ހިއްވަރުދޭން އޮތީވެސް ނުރައްކާތެރި އެމެރިކާއެވެ. އެމެރިކާއަކީ ދުނިޔޭގެ އަމަނާއި ސުލްހައަށް އޮތް އެންމެ ބޮޑު ބިރުކަމަށް ޕޫޓިން ވިދާޅުވާ ވިދާޅުވުން އޭނާ ތަކުރާރު ކުރެއްވިއެވެ.
އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރުގެ ތަރުޖަމާން ޖޯން ކާބީ ވަނީ ޣައްޒާއަށް އިސްރާއީލުން ދޭ ހަމަލާތައް ހުއްޓާލާކަށް އެމެރިކާ ތާއީދު ނުކުރާކަން ރޭ ހާމަކުރައްވާފައެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އިސްރާއީލަށް ހަތިޔާރު ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށާ ނަމަވެސް ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ މުޖާހިދުންނަށް ހަތިޔާރު ދިނުމަކީ ޓެރަރިޒަމް ކަމަށް ސިފަކުރައްވާފައެވެ.
ޕޫޓިން ވަނީ އިސްރާއީލު ން ޣައްޒާއަށް ދޭ ހަމަލާތައް ހުއްޓާލުމަށް އެމެރިކާ ދެކޮޅު ހަދާ މައްސަލަ ފާހަގަ ކުރައްވައި ޣައްޒާގެ އާންމުންގެ ގެދޮރަށާއި ހޮސްޕިޓަލްތަކަށް ހަމަލާދީ ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުންނާއި ދުވަސްވީ މީހުންމަރަނީ އަދި ޣައްޒާގެ އާންމުން ބަނޑަށް ޖައްސައި ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލުން ޖަރީމާ ހިންގަނީ އެމެރިކާ ބުނެގެންކަމަށް ވިދާޅުވެ އެމެރިކާއަކީ ދުނިޔޭގެ ބޮޑު މުޖުރިމު ކަމަށް ސިފަކުރައްވައި ވާހަކަ ދައްކަވާފައެވެ.