31 Oct 2023, 13:23
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުގެ މައްސަލައިގައި ކޯޓަށް ދާން ޖެހުނީ މަޖިލީހުގެ ތެރެއިން އެކަމަށް ހައްލެއް ނުހޯދުމުގެ ސަބަބުން ކަމަށް މެޖޯރިޓީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުން ކުރިއަށް ނުގެންދެވި ލަސްވުމާ ގުޅިގެން މަޖިލީހުގެ އިދާރާގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ އަސްލަމް ވިދާޅުވީ، އެހެން ޕާޓީތަކާއެކު މަޝްވަރާތައް ކުރެވުނު ކަމަށާއި އެ ނޫންވެސް އެހެން ގޮތް ގޮތުން މަޖިލީހުގެ އިދާރާ ތެރެއިން އެކަން ކުރެވޭތޯ އެމްޑީޕީން މަސައްކަތްކުރި ކަަމަށެވެ.
ނަމަވެސް އެކަމަށް ހައްލެއް ނުލިބުމުން މަޖިލީހުން ބޭރުން އެހެން މުއައްސަސާއެއް ވައްދަން މަޖުބޫރުވީ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ މިއީ މަޖިލީހުގެ ބާރުތަކުގެ ތެރެއަށް ކޯޓުތައް ވެއްދުން ނޫން ކަމަށާއި، ސުޕްރީމް ކޯޓުގެ ލަފާއަކަށް އެދި މައްސަލައެއް ހުށަހެޅީ މި އަލަށް ނޫން ކަމަށެވެ.
"ސުޕްރިމް ކޯޓުން މިކަމާ ގުޅިގެން ނިންމާ ނިންމުމަށް އެމްޑީޕީން ތަބާވާނަން،" އަސްލަމް ވިދާޅުވިއެވެ.

އެމްޑީޕީން މަޖިލީހުގެ އިދާރާގައި ބޭއްވި ޕްރެސްކޮންފަރެންސެއްގެ ތެރެއިން-- ފޮޓޯ/ މަޖިލިސް
އޭނާ ވިދާޅުވީ ނަޝީދު ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށް، ނޯޓިހުގެ މުއްދަތު ހަމަވެ، އެ މައްސަލަ ނުނިމެނީސް އެހެން ކަމެއް ނުކުރެވޭ ގޮތްވެ މަޖިލިސް ހުއްޓުމަކަށް އައުމުގެ ކުރިން ކުރެވޭނެ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް އެ މައްސަލަ ނުބެލޭހާ ހިނދަކު އެމްޑީޕީން ކޮމިޓީތަކުގެ މަސައްކަތްތަކާއި މަޖިލީހުގެ އިތުރު ޖަލްސާއެއް ވެސް ބޭއްވިޔަ ނުދޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
މީގެ އިތުރުން ސަޕްލިމެންޓްރީ ބަޖެޓްގެ މަސައްކަތާއި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ މަސައްކަތް ހުއްޓި، ރައްޔިތުންގެ މަޖިލީހަށް މިހާރު ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް އެއްވެސް ގޮތަކަށް މަޖިލީހުގެ ރިޔާސަތުން ނުބަލާ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އެގޮތުން ސަރުކާރުން މަޖިލީހަށް ފޮނުވާފައިވާ ސަޕްލިމެންޓްރީ ބަޖެޓްގެ މަސައްކަތް ފަށަން އޮތް ޖަލްސާގެ ކޯރަމް ހަމަނުވެގެން ޖަލްސާ ނުބޭއްވުނު ދުވަހަށް އިޝާރާތްކުރައްވާ އަސްލަމް ވިދާޅުވީ އެ ޖަލްސާ ހުއްޓައިލި އިރު އެ ޖަލްސާއަށް ކޯރަމް ހަަމަކުރެވެން އެ ދުވަހު އޮތް ކަމަށެވެ. މަޖިލީހުގެ ގޯތިތެރޭ މަޑުކޮށްގެން ތިބި މެންބަރުންނަށް އެ ޖަލްސާގައި ބައިވެރިވެ ކޯރަމް ހަމަކުރެވުނީސް ކަން ވެސް އަސްލަމް ފާހަގަކުރެއްވިއެވެ.
ނަޝީދުގެ އިތުބާރުގެ މައްސަލަ އެޖެންޑާ ކުރި ދެ ދުވަހު ވެސް އެ ޖަލްސާ ނުބޭއްވުމުގެ ސަބަބުން އެމްޑީޕީން ވަނީ މިއަދަށް ސަޕްލިމެންޓްރީ ބަޖެޓު އެޖެންޑާކުރި ޖަލްސާ ބޭއްވިޔަ ނުދީ ހުއްޓުވައި މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖުކޮށްފައެވެ.