ދިރުވާލައިގެން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރި ހަތަރު މީހެއްގެ މައްސަލަ އާއި އައްޑުއަށް މަސްތުވާތަކެތި ގެންދަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހެއްގެ އިތުރުން އެ އަތޮޅަށް މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ މައްސަލައިގައި ޕީޖީއަށް ފޮނުވައިފި އެވެ.

ތަހުގީގު ނިންމާ ޕީޖީއަށް ފޮނުވި މައްސަލަތަކުގެ ތަފްސީލު ދެއްވަމުން ޑްރަގް ޑިޕާޓްމަންޓްގެ ވެރިޔާ އަހުމަދު އަޒްހާން ވިދާޅުވީ ދިރުވާލައިގެން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ޕާކިސްތާނުގެ ތިން މީހަކާއި ދިވެއްސެއްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވާ ކަމަށެވެ.

އެގޮތުން މާޗް މަހުގެ 29 ވަނަ ދުވަހު ދިއުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ސ. ހިތަދޫ ވެސްޓް ބްރީޒް، އަލީ އުގެއިލް 35، ގެ ހަށިގަނޑުން ބުލެޓް ސައިޒްގެ 76 ބުލެޓް ހެރޮއިން ފެނިފައިވާ ކަމަށް އަޒުހާން ވިދާޅުވި އެވެ.

އަދި ފެބްރުއަރީ 12 ވަނަ ދުވަހު ކޮލޮމްބޯއިން ރާއްޖެއައި ޕާކިސްތާނުގެ ދެމީހުން ކަމަށްވާ އިމްތިޔާޒް ޚާން 32، އާއި އިޝްފާގު 25، ދިރުވާލައިގެން މަސްތުވާތަކެތި އެތެރެ ކުރަން މަސައްކަތް ކުރި މައްސަލަ ޕީޖީ އަށް ފޮނުވާފައިވާއިރު، އެތަނުން އެކަކު ވަނީ 55 ބުލެޓް ހެރޮއިން ދިރުވާލައިގެން ރާއްޖެ އެތެރެ ކުރަން މަސައްކަތް ކޮށްފައިވެ އެވެ. އަދި އަނެއް މީހާ ވަނީ ދިރުވާލައިގެން 82 ބުލެޓް އެތެރެކޮށްފައި ކަމަށް އަޒުހާން ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ޖޫން މަހުތެރޭ ރާއްޖެ އައި ގަތަރު އެއާވޭއިން ރާއްޖެ އައި ޕާކިސްތާނުގެ އަރުޝާދު ޚާން 24، މަސްތުވާތަކެތި ދިރުވާލައިގެން ރާއްޖެ އެތެރެ ކުރަން އުޅުނު މައްސަލަ ވެސް ވަނީ ޕީޖީއަށް ފޮނުވާފަ އެވެ.

އައްޑުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މައްސަލައިގައި މިއަހަރުގެ ޖެނުއަރީ 25 ދުވަހު ހައްޔަރު ކުރި ސ. ހިތަދޫ ހަވާސް، މުހައްމަދު މަމްދޫހު 26، އާއި އެރަށު އަބީރީގެ، އިބްރާހިމް މުހައްމަދު 20 މައްސަލަ ވެސް ވަނީ ޕީޖީއަށް ފޮނުވާފަ އެވެ. އެދެމީހުންގެ އަތުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން 44 ޕެކެޓްފެނިފައި ވެއެވެ. އަދި ފިލްމު ހުސްކުރި ދެދަޅަށް އަޅާފައި ހުރި ކެނަބިސްފެނިފައިވާ ކަމަށް ވެސް އަޒްހާން ވިދާޅުވި އެވެ.

އަދި މާޗް މަހުގެ 21 ވަނަ ދުވަހު އައްޑުއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ލ. އިސްދޫ ކަނީރުގޭ، އަހުމަދު ހަނީފް 23، އާއި ސ. ހިތަދޫ އަލީ ބޮޚާރުގޭ އަހުމަދު ސުޖާއު 19ގެ މައްސަލަ ވެސް ވަނީ ޕީޖީއަށް ފޮނުވާފައި ކަމަށް އަޒްހާން ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް އޭޕްރިލް 18 ވަނަ ދުވަހު އައްޑުއަށް މަސްތުވާތަކެތި ގެންގޮސް ވިޔަފާރި ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ސ. ހިތަދޫ ޕެސިފިކް، ޒާހިދު ހަސަން 35، ގެ މައްސަލަ ވެސް ވަނީ ޕީޖީއަށް ފޮނުވާފަ އެވެ. ޒާހިދު ހައްޔަރުކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން ބޮޑު ޕެކެޓެއްގެ އިތުރުން ފިލްމުހުސްކުރި ދަޅެއްގައި ހުރި ކެނަބިސް ފެނިފައި ވެއެވެ.