ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބާރާއެކު އެމްޑީޕީން މަސައްކަތްކުރަމުން އަންނަނީ އުފެދެން އުޅޭ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ހުރަސް އެޅުމަށްކަމަށް ޑިމޮކްރެޓުންނަށް ނިސްބަތްވާ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އަލީ އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ނޫސްވެރިންނާ ބައްދަލުކުރެއްވިތާ އިރުކޮޅެއްފަހުން އާޒިމް ވެސް ނޫސްވެރިންނާ ވަނީ ބައްދަލުކުރައްވައިފައެވެ.

އެ ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ އެމްޑީޕީން މަސައްކަތްކުރަމުން އަންނަނީ އިންތިޚާބީ ރައީސްގެ ސަރުކާރު އުފެއްދުމަށް ހުރަސް އެޅުމަށްކަމަށެވެ.

އެ ކަމުގެ ހެއްކަކީ އެކި ގޮތްގޮތުން މަޖިލިސް ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތްތައް ކަަމަށް އާޒިމް ވިދާޅުވިއެވެ.

"ޑރ. މުއިއްޒުގެ ހުވައިކުރުމުގެ އިތުރަށް ވެސް ސަރުކާރު ހިންގުމަށް ކުރިއަށް އޮތް ތަނުގައި ނޫނިއްޔާމުން ދެން ކުރިއަށް އޮތް ދުވަސްތަކުގައި 2024ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު އޮތީ ޓޭބަލް ކުރެވިގެން ކުރިއަށް ދާގޮތަށް. އެހެންނަމަވެސް އެ ބަޖެޓު ފާސްނުވެއެއް ހަމަ ޔަގީނުން ވެސް ދެން އަންނަން އޮތް ސަރުކާރަކަށް ދިވެހި ރައްޔިތުންގެ އެކިއެކި ކަންކަމުގައި ކުރަން ހުރި ކަންކަން ކުރުމަކީ އެހައި ފަސޭހަ ކަމެއް ނޫން،" އެކި ފަަހަރު މަތިން އެ ހުރަސް ނޭޅުމަށް އެމްޑީޕީގައި އެދިފައިވާކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަޖިލިސް ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ނުބަލައި އެހެން ކަމެއް މަޖިލީހުގައި ނުކުރެވޭނެކަމަށް އެމްޑީޕީން ބުނާ ވަހަކައިގައި ގާނޫނީ އެއްވެސް ބުރަދަނެއް ނެތްކަމަށެވެ.

އެހެންކަމުން އެއީ ސީދާ އަންނަން އޮތް ސަރުކާރަށް 'ޖެއްސުން' ކުރުމަށް ކުރާ ކަންތައްތަކެއްގެ ގޮތުގައި އާޒިމް ސިފަކުރެއްވިއެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ނެގީ އެމްޑީޕީން ޑިމޮކްރެޓުންނާއެކު އެއްބަސްވުމަކަށް އައުމަށްފަހު ކަމަށެވެ. އޭގެ ފަހުން އަލުން އެ މައްސަލަ ވެއްދުމަކީ އެ ކަން ހިނގަންވާނެ ގޮތްކަމަށް ގަބޫލުނުކުރައްވާކަމަށް އާޒިމް ވިދާޅުވިއެވެ.

އެހެންކަމުން އެއްބަސްވުމެއް އޮއްވައި އެމްޑީޕީން އެއާ ޚިލާފުވުމަކީ އެންމެ ރިވެތި ނަމޫނާ ނޫން ކަމުގައި ވެސް އޭނާ އެކަން ސިފަކުރެއްވިއެވެ.

އަދި އިންތިޚާބެއް ގެއްލުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ގެއްލެންޖެހޭ ސަބަބެއް ނޫންކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުން ލިބުނު ނާކާމިޔާބާއެކު އަލުން މައްސަލަ މަޖިލީހަށް ވެއްދުމުން ހާމަވަނީ އެމްޑީޕީގެ ލީޑާޝިޕުގައި އަމާޒެއް ނެތްކަން ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގަވައިދުން ބޭރުވެެގެން ގާނޫނު އަސާސީން ބޭރުވެގެން ކަންތައްތަކެއް ކުރަމުންނެއް ނުދަން. ޑިމޮކްރެޓްސް ރައްޔިތުންގެ މަޖިލީހުގައި އަމަލުކުރަމުންދަނީ ގަވައިދުތަކާއި ގާނޫނުތަކާ އެއްގޮތަށް،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ސިފަކުރެއްވީ އެމްޑީޕީގައި މި ވަގުތު ތިއްބެވި ބޭފުޅުންނަކީ މަގާމަށް ދަހިވެތި ބައެއްގެ ގޮތުގައެވެ.

"މަގާމާ ހުރެ ދެން ހަމަ ކޮންމެ ކަމެއް ވެސް އެ ބޭފުޅުން ކުރަން ތައްޔާރަށް ތިބިތަން ފެނިގެން މި ދަނީ،" އޭނާ ވިދާޅުވިއެވެ.

ވާހަކަދައްކައިގެން މައްސަލަތައް ހައްލުކުރުމަށް ޑިމޮކްރެޓުން ފެށުނީއްސުރެ މަސައްކަތްކުރަމުން އަންނަކަމަށާއި، މަޖިލީހުގެ ތެރެއިން ކަމެއް ކުރަން ބޭނުންނަމަ ރީތި ގޮތުގައި ވާހަކަދައްކައިގެން އެ ކަމެއް ކުރެވޭނެކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

"އެހެންވީމާ އެ އަދަދަށް ނަމްބަރުތައް އޮއްވައި ގަދަކަމުން ކަމެއް ކުރަން އުޅޭނީ އެއްގޮތަކަށް ވެސް ކަމެއް ނޭނގޭތީކަމަށް އަޅުގަނޑު ދެކެނީ، ގަބޫލު ވެސް ކުރަނީ. ކުރިއަށް މި އޮތްތަނުގައި ވެސް އަޅުގަނޑުމެންނާ ވާހަކަދައްކައިގެން ވަރަށް ގިނަ ކަންކަން، ވާހަކަދައްކައިގެން އެހެންނަމަވެސް ކުރެވިދާނެކަމަށް އަޅުގަނޑުމެން ގަބޫލުކުރަން،" އާޒިމް ވިދާޅުވިއެވެ.

އެމްޑީޕީން ބޭނުންވަނީ މަޖިލިސް ރައީސްގެ އިތުބާރުގެ މައްސަލަ ކުރިއަށް ގެންގޮސް ނިންމުމަށްފަހު މަޖިލީހުގައި އެހެން ކަންކަން އެޖެންޑާކޮށްގެން ކުރިއަށް ގެންދާށެވެ.

މަޖިލިސް ގަވައިދު ބުނާ ގޮތުން މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ބަލަން ރިޔާސަތުގައި އިންނަންވާނެކަމަށް ސާފުކޮށް ބުނެފައިވަނީ މަޖިލީހުގެ ނައިބު ރައީސްކަމަށެވެ. ނަމަވެސް ނައިބު ރައީސް ސަލާމުގައި ހުންނަވާތީ އެ ކަން އެޖެންޑާ ކުރެވޭ ގޮތްވަނީ ނުވެފައެވެ.

ނައިބު ރައީސް އުޒުރުވެރިވާނަމަ ދެން އަމަލުކުރާނެ ގޮތެއް ސާފުކޮށް ބަޔާންކޮށްފައި ނެތެވެ. އެހެންވެ މި ހަފުތާގެ މިހާތަނަށް އިތުބާރުގެ މައްސަލަަ ކުރިއަށް ގެންދެވިފައި ނުވެއެވެ. ނަމަވެސް މާދަމާއަށް އެ މައްސަލަ އޮތީ އެޖެންޑާކޮށްފައެެވެ.