31 Oct 2023, 12:41
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދީފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށްފިއެވެ.
މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ރޭ ބޭއްވި ހަފްލާއެއްގައި ބީއެމްއެލްގެ 64 މުވައްޒަފުންނަށް އެވޯޑް ދީފައެވެ. އޭގެތެރޭގައި ހިމެނެނީ، ބޭންކަށް 15 ،20 ،25، 30، 35 އަދި 40 އަހަރު ޚިދުމަތްކޮށްދީފައިވާ މުވައްޒަފުންނެވެ.
މީގެއިތުރުން، މި ހަފްލާގައި، 40 އަހަރުގެ ދިގު މުއްދަތެއްގައި ބޭންކަށް ޚިދުމަތްކޮށްފައިވާތީ ހެޑް އޮފް އިންޓާނަލް އޮޑިޓް ފާތިމަތު ރަޝީދާއަށް ވަނީ ޚާއްޞަ އެވޯޑެއް ދީފައެވެ.

މުވައްޒަފުންގެ އަގު ވަޒަންކޮށް ރޭ ބޭއްވި ހަފްލާގެ ތެރެއިން-- ފޮޓޯ/ ބީއެމްއެލް
ހަމައެއާއެކު، 35 އަހަރުގެ ދިގު މުއްދަތެއްގައި ޚިދުމަތްކޮށްފައިވާތީ ހެޑް އޮފް ބްރާންޗަސް އެންޑް ސާވިސް ސެންޓާސް ހުސައިން ރަޝީދު، އޮޑިޓް މެނޭޖާ އައިމިނަތު ހަސަން އަދި ޑެޕިއުޓީ ސީނިއާ އޮފިސާ އައިމިނަތު ނަސީރުގެ ޚިދުމަތްވެސް މި ހަފްލާގައި ފާހަގަކުރިއެވެ.
ބީއެމްއެލްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތުދީފައިވާ އެއް ކުންފުންޏެވެ. އެގޮތުން، ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ.
ރޭ ބޭއްވި ލޯންގް ސާވިސް އެވޯޑަކީ ބޭންކުގެ މުވައްޒަފުންގެ އަގުވަޒަންކުރުމަށް ބޭންކުން ހިންގާ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެކެވެ. މި އަހަރުގެ އޯގަސްޓް މަހު ބޭންކުންވަނީ ވަޒީފާއަދާކުރުމުގައި އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށް ބޭންކުން ކޮންމެ އަހަރަކު ކުރިޔަށްގެންދާ ސްޓާފް އެވޯޑް ބާއްވާފައެވެ.