31 Oct 2023, 13:43
ސަސްޕެންޝަނުގައި ހުރި އިނގިރޭސި ފޯވަޑް އިވާން ޓޯނޭގެ ޓްރާންސްފާ އަގު ބްރެންޓްފޯޑުން ކުޑަކޮށްފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.
އަންނަ ޖެނުއަރީ ޓްރާންސްފާގައި ޓޯނޭ ހޯދުމަށް ބޮޑެތި ކްލަބުތަކަކުން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ޓޯނޭ ހޯދުމަށް އެންމެ ބޮޑަށް މަސައްކަތްކުރާ ދެ ކްލަބަކީ އާސެނަލާއި ޗެލްސީންނެވެ. އެ ދެ ކުލަބުން ޖެނުއަރީގައި އޭނާއަށް ބިޑުކުރުމަށް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިދިޔަ މަހުގެ ކުރީކޮޅު ބްރެންޓްފޯޑުގެ ކޯޗު ތޯމަސް ފްރޭންކް ބުނެފައިވާ ގޮތުގައި، ޓޯނޭއަށް ރަނގަޅު އަގެއް ހުށަހަޅައިފި ނަމަ، އެ ކްލަބުން އޭނާ ދޫކޮށްލުމަށް ހުރީ ތައްޔާރަށެވެ. އޭރު ބްރެންޓްފޯޑުން ޓޯނޭއަށް ބޭނުންވީ 80 މިލިއަން ޕައުންޑުގެ އަގެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިތުބާރު ހުރި ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ރިޕޯޓުކޮށްފައިވާ ގޮތުގައި އެ އަގު ބްރެންޓްފޯޑުން މިހާރު ވަނީ ކުޑަކޮށްފައެވެ. އެގޮތުން މިހާރު ޓޯނޭގެ އަގަކީ 60 މިލިއަން ޕައުންޑު ކަމަށް ރޮމާނޯ ރިޕޯޓުކުރެއެވެ.
ޓޯނޭ މިވަގުތު ހުރީ ބެޓިން ގަވާއިދުތަކާ ހިލާފުވުމުން އަށް މަސް ދުވަހުގެ ސަސްޕެންޝަނެއްގައެވެ. އޭނާގެ އެ ސަސްޕެންޝަން ނިމުމަކަށް އަންނާނީ އަންނަ އަހަރުގެ ޖެނުއަރީ 16 ގައެވެ.
އިނގިރޭސި އެފްއޭ އިން ހަދާފައިވާ ބެޓިންގެ ގަވައިދުތަކާ ހިލާފުވެގެން، ޓޯނޭގެ 232 މައްސަލައެއް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސަމާލުކަމަށް އައިސްފައިވާ އިރު، ޑިސެމްބަރު މަހުގެ ތެރޭގައި އިތުރު 30 މައްސަލައެއް އެފްއޭގެ ސަމާލުކަމަށް އައިސްފައިވެއެވެ. ޓޯނޭއަށް ސަސްޕެންޝަނާ ކުރިމަތިލާން ޖެހިފައިވަނީ ރަނގަޅު ކުޅުމެއް ދައްކައި، އިނގިރޭސި ގައުމީ ޓީމުން ވެސް ފުރުސަތު ލިބިފައިވަނިކޮށެވެ.