31 Oct 2023, 12:24
އަންނަ މަހުގެ 17 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އިންތިޚާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ޖަލްސާއަށް ހުރަސް އެޅުމުގެ ރޫހެއް އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުން ކުރިއަށް ނުގެންދެވި ލަސްވުމާ ގުޅިގެން މަޖިލީހުގެ އިދާރާގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ އަސްލަމް ވިދާޅުވީ، އެ މައްސަލަ ލަސްވުމާ ގުޅިގެން ކަންބޮޑުވުންތައް ހުރި ނަމަވެސް އިންތިހާބީ ރައީސް ހުވާ ކުރެއްވުމުގެ ޖަލްސާއަށް ހުރަސް އެޅުމުގެ ރޫހެއް ޕީޖީގެ ނެތް ކަމަށެވެ.
"އާ ސަރުކާރަށް ހުރަސް އެޅުމުގެ އެއްވެސް ނިންމުމެއް ނިންމާފައެއް ނެތް. ޒިންމާދާރު އޮޕޮސިޝަނެއް ގޮތުގަ އަޅުގަނޑުމެން ތިބޭނީ،" އަސްލަމް ވިދާޅުވިއެވެ.
"އެމްޑީޕީގެ އެއްބާރުލުން ލިބޭނެ އާ ސަރުކާރަށް. އިންތިޚާބީ ރައީސަށް އެއްވެސް ޖެއްސުމެއް ކުރުމުގެ ނިޔަތެއް ނެތް. އެހެންނަމަވެސް ސަރުކާރުން ގޯހުން ކުރާ ކަންކަމަށް އަޑު އުފުލާނެ،"
އެހެން ނަަމަވެސް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެ އިދާރާއަށް ހުށަހަޅައިފައި ވަނިކޮށް އެ މައްސަލަ ކުރިއަށް ނުގެންގޮސް ބާއްވާ ޖަލްސާއެއްގައި އިންތިޚާބީ ރައީސް ކުރައްވާ ހުވައަކީ ސައްހަ ހުވައެއް ކަމަށް އެމްޑީޕީގެ ޕީޖީން ގަބޫލު ނުކުރާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. އެހާލަތުގަ ބާއްވާ ޖަލްސާއެއްގައި ހުވާ ކުރައްވައިފިނަމަ މަޖިލީހަށް ފޮނުއްވާ ކެބިނެޓަށް ވެސް ރުހުން ނުދޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ހުވާ ކުރުމުގެ ރަސްމިއްޔާތު އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ނޫން ކަމަށާއި ހުވާ ކުރާ ތަނަށް ގޮސް އެ ރަސްމިއްޔާތަށް ހުރަސް އެޅުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ.
"އަޅުގަނޑުމެން އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕަކުން ގަބޫލެއް ނުކުރާނަން އެއީ ސައްހަ ގޮތުގައި ގާނޫނީ ގޮތުން ސައްހަ ޖަލްސާއެއްގައި ކުރެވޭ ހުވައެއް ކަމަށް،" އޭނާ ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް ނަޝީދުގެ އިތުބާރު ނެތް މައްސަލައަށް ހައްލެއް ނުލިބެނީސް ކޮމިޓީތަކުގެ މަސައްކަތަށްވެސް އެއްބާރުލުން ނުދޭނެ ކަމަށާއި އެމްޑީޕީގެ އެ ސްޓޭންޑު ބަދަލު ނުކުރާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އެމްޑީޕީން މަޖިލީހުގެ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅާފައި އޮއްވައި، ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން އެ މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް ވިދާޅުވެ، މަޖިލީހުން ނިންމީ މިއަދަށް ސަޕްލިމެންޓްރީ ބަޖެޓުގެ ކަންކަން އެޖެންޑާ ކުރާށެވެ. އަދި، ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފަސްކޮށްލައި، ބުދަ ދުވަހަށް އެޖެންޑާ ކުރުމަށެވެ.
އެކަން ކޮށްފައިވަނީ ނަޝީދުގެ އިތުބާރުގެ މައްސަލަ ނުނިމެނީސް އެހެން މަސައްކަތްތަކަށް ޖަލްސާ ނުބޭއްވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަަލަ ހުށަހަޅާފައިވަނިކޮށެވެ. ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ އިއްޔެ ބަލައިގެންފައެވެ.
އެ ކަމާ ހިތްހަމަނުޖެހި، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ފަރާތުން ރޭ ވަނީ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާއަށް ސިޓީއެއް ފޮނުވައިފައެވެ. އެ ސިޓީގައި މިއަދުގެ ޖަލްސާއަށް ނަޝީދު ވަކިކުރުމުގެ މައްސަލަ އެޖެންޑާ ކޮށްދޭން ވަނީ އެދިފައެވެ.
އެކަށް އެގޮތަށް ނުކޮށްދިނުމުގެ ސަބަބުން އެމްޑީޕީން ވަނީ މިއަދުގެ ޖަލްސާ ބޭއްވުމަށް ހުރަސް އަޅައިފައެވެ.