ލ. ގާދޫ އާއި ފޮނަދޫ އާ ދެމެދު ކޯޒްވޭއަކުން ގުޅާލުމަށް ހަދަން ޖެހޭ ސާވޭ ނިންމައި ދިރާސާ ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ފަށައިފި އެވެ.

މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ ގާދޫ އާއި ފޮނަދޫއާ ދެތޭރޭގައި ކޯޒްވޭއަކުން ގުޅާލުމުގެ ކުރިން އެކަމަކީ ހަރަދުގެ ގޮތުން ކުރެވޭނެ ކަމެއްތޯ މިހާރު ބަލަމުން އަންނަ ކަމަށާއި ކޯޒްވޭއަކުން ގުޅާލުމަށް ވުރެ އެރަށުގެ މީހުން ފުނަދުއަށް ނުވަތަ ބިން ބޮޑު އެހެން ރަށަކަށް ބަދަލުކުރުން ހަރަދު ކުޑަކަމަށްވާ ނަމަ މަޝްވަރާ ކުރުމަށް ފަހު އެ ރަށު މީހުން ފޮނަދޫއަށް ބަދަލުކުރުމަކީ ވެސް ސަރުކާރުން ވިސްނާނެ ކަމެއް ކަމަށެވެ.

"ކޯޒްވޭ ހެދުމުގެ ސާވޭ އެއް މިހާރުވަނީ ކޮށްފައި. އެތަނުގެ ފުންމިނާއި ކަންކަން ބެލުމަށް ފަހު މިހާރު ބަލަމުން ގެންދަނީ އެތަނަށް ކިހާވަރެއްގެ ހަރަދެއް ހިނގާކަމެއްތޯ. އިކޮނޮމި ސްޓަޑީޒްއެއް ހެދުމަށް ފަހު އެންމެ ފީޒިބަލް ގޮތަކީ ކޮބައިތޯ ބަލާނީ ދޭތެރޭ ގުޅުވާލުންތޯ ނޫނީ ގާދޫގެ ރައްޔިތުން ފޮނަދުއަށް ނުވަތަ އެހެން ރަށަކަށް ބަދަލުކުރުންތޯ ހަރަދު ކުޑަގޮތަކީ،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގާދޫއާގުޅޭ ކޯޒްވޭގެ މަސައްކަތް ފެށުމުގެ ކުރިން އިގުތިސާދީ ގޮތުން އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ދެނެގަތުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި އެ މަސައްކަތް ނިންމޭނެ ތާރީހެއް ދަންނަވަން އަދި އަވަސް ކަމަށެވެ.

ސަން އައް އެނގިފައިވާ ގޮތުގައި ގާދޫން ފެށިގެން މުންޑޫއާ ހަމައަށް ކޯޒްވޭ އެއް ހެދުމުގެ މަސައްކަތަށް ލުބުނާނުގެ ބިލިޔަނަރަކު ވަނީ ޝައުވެރިކަން ފާޅުކޮށްފަ އެވެ. ނަމަވެސް މިނިސްޓަރު މުއިއްޒު ވިދާޅުވީ އަދި އެކަހަލަ އެއްވެސް ހުށައެޅުމެއް އެ މިނިސްޓްރީ އަށް ހުށަހެޅިފައިވާކަން އެގިވަޑައިނުގަންނަވާ ކަމަށާއި އެކަން ޖެހޭނީ ބަލައިލަން ކަމަށެވެ.

ލ. ފޮނަދޫ އާއި ކައްދޫ އާއި މާންދޫ އަދި ގަން މިހާރު ވަނީ ފާލަމުން ގުޅާލާފަ އެވެ.

މިދިޔަ މާޗްމަހުގެ ފަހުކޮޅު ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ގާދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވިދާޅުވެފައި ވަނީ ގާދޫގެ ރައްޔިތުން އެކަހެރިކޮށް ބޭތިއްބުމުގެ ބަދަލުގައި ގާދޫއާ ފޮނަދޫ އާއި ދެމެދު ކޯޒްވޭއަކުން ގުޅާލުން ނުވަތަ ބިން ބޮޑު ހިދުމަތް ރަނގަޅު އެހެން ރަށަކަށް ގާދޫގެ ރައްޔިތުން ބަދަލު ކުރުމުގެ މަސައްކަތުގެ ތެރެއިން ކޮންމެވެސް އެއްކަމެއް ކޮށްދެއްވޭތޯ ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ.

"ގުދްރަތީ ގޮތުން މިރަށް މި އުފެދިފައި ވަނީ ދެ ކިލޯ މީޓަރަށްވުރެން ދުރުމިނުގައި ފުނަދުއާ. އެހެންވީމާ، އެރަށާ ގުޅެން އޮންނާނެ ހަމަ އެންމެ ގޮތަކީ، މިދޭތެރޭގައި ކޯޒްވޭއެއް ހެދުން. އެއީ އެއްގޮތް. އަނެއްގޮތަކީ، ބިން ބޮޑު ތަނަކަށް، ޚިދްމަތްތައް ހުރި ތަނަކަށް ރައްޔިތުން ދިޔުން. މިދެގޮތް މިއޮތީ. ރައްޔިތުންގެ ޚިޔާލުފުޅާއި، ރައްޔިތުން ބޭނުންފުޅުވާގޮތް، މީގައި މިއީ ވަރަށް މުހިންމު ބައެއް ކުޅޭނެ ކަމެއް. އަޅުގަނޑަށް އެނގޭ، މިރަށުގެ ލޮބުވެތި އަޚުންނާއި އުޚުތުން ބޭނުންފުޅުވާނީ، މިރަށުގައި ތިއްބެވުމަށް. އެހެންވީމާ، މިދެންނެވި ދެ ގޮތުންކުރެ ތިޔަބޭފުޅުން ބޭނުންފުޅުވާގޮތް ތިޔަބޭފުޅުން ތި ވިދާޅުވީ. އަޅުގަނޑުމެންގެ ވާޖިބަކީ، ސަރުކާރުން އެކަން އެއީ، ކުރެވޭވަރުގެ ކަމެއްތޯ ބެލުން. ބަލާފައި، އެކަން އޮތްގޮތް ތިޔަބޭފުޅުންނަށް ދެންނެވުން،" ރައީސް ވިދާޅުވި އެވެ.

ގާދޫ މަޝްހޫރުވެފައި އޮންނަނީ ވެލާ އަރާ ރަށެއްގެ ގޮތުގަ އެވެ.