31 Oct 2023, 09:21
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރު މިއަދަށް އެޖެންޑާކޮށް ނުދިނުމުން މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން ދުންމާރިއާއެކު އިހުތިޖާޖުކުރަން ފެށުމާއެކު ޖަލްސާ މެދުކަނޑާލައިފިއެވެ.
މިއަދު ހެނދުނު 09:00 ގައި މަޖިލީހުގެ ޖަލްސާ ފެށުނުއިރު ވެސް އެމްޑީޕީގެ މެންބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖު ފަށައިފައެވެ. އެގޮތުން ރިޔާސަތުގެ ގޮނޑިކޮޅު ވަށައިގެން ވެސް މެންބަރުން ހުއްޓިގެން ތިއްބެވެ.
އެމްޑީޕީގެ މެންބަރުން ވަނީ ދުންމާރިއާއެކު މަޖިލީހުގެ އިހުތިޖާޖުކޮށްފައެވެ. އެއާއެކު މަޖިލިސް ކުރިއަށް ގެންދެވޭ ގޮތް ނުވެ ވަނީ ވަކި ގޮތެއް ނާންގާ ވަނީ ޖަލްސާ މެދުކަނޑާލައިފައެވެ.
އެމްޑީޕީ މެންބަރުން ވިދާޅުވާ ގޮތުގައި ގަވައިދާ ޚިލާފަށް މަޖިލީހުގެ ޖަލްސާއެއް ކުރިއަކަށް ނުގެންދެވޭނެއެވެ.
އެމްޑީޕީން މަޖިލީހުގެ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅާފައި އޮއްވައި، ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން އެ މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް ވިދާޅުވެ، މަޖިލީހުން ނިންމީ މިއަދަށް ބަޖެޓުގެ ކަންކަން އެޖެންޑާ ކުރާށެވެ. އަދި، ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފަސްކޮށްލައި، ބުދަ ދުވަހަށް އެޖެންޑާ ކުރުމަށެވެ.
އެކަން ކޮށްފައިވަނީ ނަޝީދުގެ އިތުބާރުގެ މައްސަލަ ނުނިމެނީސް އެހެން މަސައްކަތްތަކަށް ޖަލްސާ ނުބޭއްވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަަލަ ހުށަހަޅާފައިވަނިކޮށެވެ. ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ އިއްޔެ ބަލައިގެންފައެވެ.
އެ ކަމާ ހިތްހަމަނުޖެހި، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ފަރާތުން ރޭ ވަނީ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާއަށް ސިޓީއެއް ފޮނުވައިފައެވެ. އެ ސިޓީގައި މިއަދުގެ ޖަލްސާއަށް ނަޝީދު ވަކިކުރުމުގެ މައްސަލަ އެޖެންޑާ ކޮށްދޭން ވަނީ އެދިފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ރޭ "ސަން"އަށް ވިދާޅުވީ، ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅިފައި އޮއްވައި އިތުރު މަސައްކަތެއް މަޖިލީހުން ނުކުރެވޭނެ ކަމަށް ބަންޑާރަނައިބު ވެސް ލަފާ ދެއްވާފައިވާތީ، މިއަދުގެ ޖަލްސާއަށް ހާޒިރުވެ ބަޖެޓު ހުށަނާޅާން މިނިސްޓަރު އިބްރާހީމް އަމީރު ވެސް ނިންމަވާފައިވާ ކަމަށެވެ.
އަދި ނަޝީދުގެ މައްސަލައާ މެދު ގޮތެއް ނުނިންމަނީސް ބަޖެޓުގެ މަސައްކަތަށް އެއްބާރުލުން ނުދެއްވާނެ ކަމަށް އެމްޑީޕީގެ ޕީޖީން ވެސް ވަނީ އިއްޔެ ބުނެފައެވެ.
މަޖިލީހުގެ މިދިޔަ ދައުރުގައި ވެސް ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ފަހު އެމްޑީޕީން ވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށް ފަހު މައްސަލަ އަނބުރާ ގެންގޮސްފައެވެ. ނަމަވެސް މި ދައުރުގައި 49 މެންބަރުންގެ ސޮޔާއެކު އެ މައްސަލަ ވަނީ އަލުން ހުށަހަޅާފައެވެ.
މި މައްސަލަ އާދިއްތަ ދުވަހާއި ހޯމަ ދުވަހަށް ވެސް އެޖެންޑާ ކުރިއެވެ. އެކަމަކު، އީވާ ސަލާން ވިދާޅުވުމުން، އެ މައްސަލަ ކުރިއަކަށް ނުގެންދެވުނެވެ.
މިއަދަށް އެޖެންޑާކޮށްފައިވާ ސަޕްލިމެންޓްރީ ބަޖެޓާ ގުޅިގެން ވެސް މަޖިލީހުގެ ސަރުކާރާ ދެކޮޅު ޕާޓީތަކުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
މާލިއްޔަތު ގާނޫނުގައި ބަޔާންކުރާ ތަފުސީލުތައް ނުހިމަނައި ފުރަތަމަ އެ ސަޕްލިމަންޓަރީ ބަޖެޓު ހުށަހެޅުމުން، ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓްރީން އަލުން ސަޕްލިމަންޓަރީ ބަޖެޓު ހުށަހެޅީ މިދިޔަ ބުދަ ދުވަހުއެވެ. ފިނޭންސް މިނިސްޓްރީން ހުށަހެޅީ ޖުމުލަ ރިކަރަންޓު ޚަރަދަށް 3.1 ބިލިއަން ރުފިޔާ އަދި، ކެޕިޓަލް ޚަރަދުގެ ގޮތުގައި 3.3 ބިލިއަން ރުފިޔާއެވެ. ބަޖެޓަށް ހުށަހެޅި 6.5 ބިލިއަން ރުފިޔާއާ އެކު މި އަހަރު ދައުލަތުގެ ބަޖެޓު 49.3 ބިލިއަން ރުފިޔާއަށް އިތުރުވާނެއެވެ.
އެމްޑީޕީން ވަކިވެ މިހާރު ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެންބަރުން ވަނީ އެ ބަޖެޓު ފާސްކުރަން ފުރުސަތެއް ނުދޭނެ ކަމަށް ވިދާޅުވަމުންނެވެ. އަދި މި ސަރުކާރުން އުޅެނީ އާ ސަރުކާރު އައުމުގެ ކުރިން އިތުރަށް ދަރަނި ބޮޑުކުރަން ކަމަށް ޑިމޮކްރެޓްސްއިން އަންނަނީ ބުނަމުންނެވެ.