31 Oct 2023, 13:36
އިންޑިއާގައި މިހާރު ކުރިއަށްދާ އައި.ސީ.ސީ. ކްރިކެޓް ވޯލްޑް ކަޕްގައި އަފްޣާނިސްތާނާއި ސްރީލަންކާ ބައްދަލު ކުރި މެޗް އަފްޣާނިސްތާނުން ކާމިޔާބުކޮށް މި މުބާރާތުގެ ސެމީފައިނަލަށް ކުރާ އުންމީދު އާކޮށްފިއެވެ.
ޕޫނޭގައި ކުޅުނު މި މެޗް އަފްޣާނިސްތާނުން ކާމިޔާބު ކޮށްފައިވަނީ ހަތް ވިކެޓުންނެވެ. މި މެޗްގެ ޓޮސް ދިމާވުމުން އަފްޣާނިސްތާނުން ބޭނުންވީ އެންމެ ފުރަތަމަ ފީލްޑް ކުރާށެވެ. މިގޮތުން ސްރީލަންކާއިން އެންމެ ފުރަތަމަ ކުޅެން އަރާ 49 އޯވަރު ތިން ބޯޅައަށް ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 241 ލަނޑެވެ.
ސްރީލަންކާ ޓީމަށް މި މެޗްގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 46 ލަނޑު ހަދައިދިން ޕަތުމް ނިސާންކާއެވެ. އަދި ކެޕްޓަން ކަސުލް މެންޑިސް 39 ލަނޑު ހަދާދިން އިރު ސަދީރާ ސަމަރަވިކްރަމަ ވަނީ 36 ލަނޑު ހަދާދީފައެވެ.
މި އީނިންގްސްގައި އަފްޣާނިސްތާން ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ 10 އޯވަރު 34 ލަނޑަށް ހަތަރު ވިކެޓް ނަގައިދިން ފަޒާލްހައްގު ފާރޫގީއެވެ. އަދި މުޖީބުއް ރަހްމާން ވަނީ ދެ ވިކެޓް ނަގައިދީފައެވެ.
ޖަވާބުގައި އަފްޣާނިސްތާނުން ކުޅެންއަރާ 45 އޯވަރު ދެ ބޯޅައަށް ތިން ކުޅުންތެރިން ނުބައިވެގެން 242 ލަނޑު ހަދައި މެޗް ކާމިޔާބު ކުރިއެވެ. އަފްޣާނިސްތާން ޓީމަށް މި މެޗްގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ނުބައިނުވެ 73 ލަނޑު ހަދައިދިން އަޒްމަތުﷲ އޮމަރްޒާއި އެވެ. އަދި ރަހްމަތު ޝާހް 62 ލަނޑު ހަދާދިން އިރު ކެޕްޓަން ހަޝްމަތުﷲ ޝާހިދުވަނީ 58 ލަނޑު ހަދާދީފައެވެ.
ސްރީލަންކާ ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ ނުވަ އޯވަރު 48 ލަނޑަށް ދެ ވިކެޓް ނަގައިދިން ދިލްޝާން މަދުޝަންކާއެވެ.
މި ކާމިޔާބީއާއެކު އަފްޣާނިސްތާނުން މި ވަނީ ކުޅުނު ހަ މެޗުން ލިބިފައިވާ ހަ ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ސެމީފައިނަލަށް ދިއުމަށް ކުރާ އުންމީދުވެސް އާކޮށްފައެވެ. މި މެޗުން ބަލިވުމުން ސްރީލަންކާ މިހާރު އުޅެނީ ހަތަރު ޕޮއިންޓާއެކު ތާވަލްގެ ހަ ވަނައިގައެވެ.