ދުނިޔޭގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާއަށް ދޭ ކޮޕާ ޓްރޮފީ ސްޕެނިޝް ލަލީގާގެ ރެއާލް މެޑްރިޑަށް ކުޅެމުންދާ އިންގްލަންޑްގެ ޖޫޑް ބެލިންހަމްއަށް ލިބިއްޖެއެވެ.

އޭނާއަށް މި އިނާމް ދީފައިވަނީ މި ފަހަރުގެ ބެލޮން ޑިއޯ އިނާމްތައް ދިނުމަށް ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި ރޭ ބޭއްވި ހަފްލާގައެވެ. އޭނާއަށް ކޮޕާ ޓްރޮފީ ދީފައިވަނީ މިދިޔަ ސީޒަންގައި އޭނާ ޖަރުމަނު ބުންޑަސްލީގާގެ ބޮރޫޝިއާ ޑޯޓްމުންޑްގައި ދެއްކި ކުޅުމުގެ އިތުރުން އިންގްލަންޑް ޓީމުގައި ދައްކާފައިވާ މޮޅު ކުޅުމަށެވެ.

އޭނާ ވަނީ ޑޯޓްމުންޑްގައި މިދިޔަ ސީޒަން ކުޅުނު 42 މެޗްގައި 14 ލަނޑު ޖަހައިދީ ލީގް ކާމިޔާބު ކުރުމާއި ވަރަށް ގާތަށް އެ ޓީމް ގެންގޮސްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި މިދިޔަ އަހަރު ޤަތަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕްގެ ކްއާޓާ ފައިނަލަށް އިންގްލަންޑް ގެންގޮސްދިނުމުގައިވެސް އޭނާ މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ.

މިދިޔަ ސިޒަންގެ އިތުރުން އޭނާ މިހާރު ކުޅެމުންދާ ރެއާލް މެޑްރިޑްގައި އަންނަނީ މިދިޔަ އަހަރަށް ވުރެވެސް މޮޅު ކުޅުމެއް ދައްކާ އެ ޓީމް ހޯދަމުންދާ ކާމިޔާބީ ތަކުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ. މިގޮތުން މިހާތަނަށް ރެއާލްއަށް ކުޅުނު 13 މެޗްގައި އޭނާ ވަނީ 13 ލަނޑު ޖަހައިދީފައެވެ.

މި ފަހަރުގެ އިނާމް ހާސިލް ކުރުމަށްފަހު ވާހަކަ ދައްކަމުން ބެލިންހަމް ހާމަކުރިގޮތުގައި މި އިނާމް ހާސިލް ކޮށްފައިވާ ކުޅުންތެރިންނަށް ބަލާލާއިރު މި ލިސްޓްގައި ފާހަގަ ކޮށްލެވޭ ކުޅުންތެރިންތަކެއް އެބަތިބި ކަމަށެވެ. އަދި މި އިނާމް ލިބުން މިއީ އޭނާއަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމުގައިވެސް ބެލިންހަމް ހާމަކުރިއެވެ.

އޭނާ ހާމަކުރިގޮތުގައި މި އިނާމް ވަރަށް މުހިންމު ކަމަށާއި ނަމަވެސް އޭނާއަށް ބޮޑަށް މުހިންމީ ޓީމާއެކު ހޯދޭ ކާމިޔާބީތައް ކަމަށެވެ. މި ގޮތުން ރެއާލް މެޑްރިޑާއި އިންގްލަންޑާއެކު ކުރިއަށް އޮތްތާނގާ ގިނަ ތަށި ތަކެއް ގިނަ އަހަަރު ތަކެއް ވަންދެން ކާމިޔާބު ކުރުމަކީ އޭނާ އެންމެ ބޭނުންވާ ގޮތް ކަމަށެވެ.

މި ފަހަރުގެ ޓްރޮފީއަށް ބެލިންހަމްއާ އެންމެ ގާތުން ވާދަކޮށްފައިވަނީ ޖަރުމަނު ބުންޑަސްލީގާގެ ބަޔޭން މިޔުނިކަށް ކުޅެމުންދާ ޖަރުމަނުވިލާތުގެ ޖަމާލް މުސިއެލާއެވެ. އަދި ތިން ވަނައަށް ދިޔައީ ބާސެލޯނާއަށް ކުޅެމުންދާ ސްޕެއިންގެ ޕެޑްރީއެވެ.