31 Oct 2023, 09:44
ފުޓްބޯޅައިގައި ދެވޭ އެންމެ ޝަރަފްވެރި އިނާމްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލްކުރާ ބެލޮން ޑިއޯގެ އަންހެން އެވޯޑް ސްޕެއިން އަދި ބާސެލޯނާގެ އައިޓާނާ ބޮންމާޓީ ފުރަތަމަ ފަހަރަށް ކާމިޔާބުކޮށްފިއެވެ.
އުމުރުން 25 އަހަރުގެ ބޮންމާޓީއަށް މިދިޔަ ސީޒަން ވެފައިވަނީ ވަރަށް ކާމިޔާބު ސީޒަނަކަށެވެ. މިގޮތުން ބާސެލޯނާއަށް ސްޕެނިޝް ލީގް ކާމިޔާބު ކޮށްދިނުމުގެއިތުރުން ޔުއޭފާ ވިމެންސް ޗެމްޕިއަންސް ޅިގުގައި ހޯދި ކާމިޔާބީއާއި ހާއްސަކޮށް ސްޕެއިން ޓީމަށް ފީފާ ވޯލްޑް ކަޕް މިއަހަރުގެ ޖޫންގައި ހާސިލް ކޮށްދިނުމުގައިވެސް އޭނާވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. ބޮންމާޓީއަށް ވަނީ މިއަހަރުގެ އޮގަސްޓް މަހު ޔުއޭފާގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އިނާމްވެސް ލިބިގެން ގޮސްފައެވެ.
މިފަހަރުގެ ވޯލްޑް ކަޕް ސްޕެއިން އިން ކާމިޔާބު ކުރިއިރު އޭނާވަނީ ތިން ލަނޑު ޖަހާދީފައެވެ. އޭނާ މިހާރު ވަނީ ބާސެލޯނާ އާއެކު ހަތަރު ފަހަރު ލީގް ކާމިޔާބު ކުރުމުގެ އިތުރުން ވިމެންސް ޗެމްޕިއަންސް ލީގުގެ ތަށި ދެ ފަހަރު ކާމިޔާބު ކޮށްފައެވެ.
އެވޯޑް ހާސިލް ކުރުމަށްފަހު ވާހަކަ ދައްކަމުން ބޮންމާޓީ ހާމަކުރިގޮތުގައި އޭނާއަށް ބެލޮން ޑިއޯ އެވޯޑް ހާސިލް ކުރެވުމުން ވަރަށް ފަހުރުވެރި ވާކަމަށެވެ. އަދި ފުޓްބޯޅައަކީ އެކަކަށް ކުޅެވޭ ކުޅިވަރަކަށް ނުވާތީ އޭނާއަށް ލިބުނު މި އެވޯޑް ބޮންމާޓީ ވަނީ އެކުގައި ކުލެމުންދާ ކުޅުންތެރިންނާއި ސްޓާފުންނާއި ހިއްސާކޮށްފައެވެ.
މި ފަހަރުގެ އެވޯޑްއަށް ބޮންމާޓީއާ އެންމެ ގާތުން ވާދަކުރީ ޗެލްސީ ވިމެންއަށް ކުޅެމުންދާ އޮސްޓްރޭލިއާގެ ފޯވާޑް ސޭމް ކާއެވެ. އަދި ތިންވަނަ ހާސިލްކޮށްފައިވަނީ ބާސެލޯނާއަށް ކުޅެމުންދާ ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ ސަލްމާ ޕަރަޔުއޭލޯއެވެ. ވޭތުވެދިޔަ ދެ ސީޒަންގައި ބެލޮން ޑިއޯ ހާސިލްކޮށްފައިވަނީ ސްޕެއިންގެ އެލެކްސިއާ ޕުޓެޔާސްއެވެ.