31 Oct 2023, 08:46
ފުޓްބޯޅައިގައި ދެވޭ އެންމެ ޝަރަފްވެރި އިނާމް ކަމަށް ގިނަ ބަޔަކު ގަބޫލް ކުރާ ބެލޮން ޑިއޯގެ ފިރިހެން އެވޯޑް އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އަށް ވަނަ ފަހަރަށް ކާމިޔާބުކޮށްފިއެވެ.
އުމުރުން 36 އަހަރުގެ މެސީއަށް މި އެވޯޑް ލިބުމުގައި އެންމެ ބޮޑު ދައުރެއް އަދާކޮށްފައިވަނީ މިދިޔަ އަހަރު ޤަތަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕްގެ ތަށި އާޖެންޓީނާއަށް ކާމިޔާބު ކޮށްދިނުމުގައި އޭނާ ކުޅުނު މުހިންމު ދައުރެވެ.
މި ކާމިޔާބީއާއެކު މެސީ މިވަނީ މިއެވޯޑް ހާސިލް ކުރުމުގައި އޭނާ ހަދާފައިވާ ރިކޯޑް އިތުރަށް ފުޅާކޮށްފައެވެ. ދެން އެންމެ ގިނައިން ފިރިހެން ބެލޮން ޑިއޯ އެވޯޑް ހާސިލްކޮށްފައިވާ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ހާސިލް ކުރެވިފައިވަނީ ފަސް އެވޯޑެވެ. އެހެން ކަމުން މެސީ މިވަނީ ތިން އެވޯޑް އިތުރަށް ހޯދައިފައެވެ.
އާޖެންޓީނާއަށް ވޯލްޑް ކަޕް ހާސިލް ކޮށްދިނުމުގެ އިތުރުން މެސީ ވަނީ އޭނާ މިހާރު ކްލަބް ފުޓްބޯޅަ ކުޅެމުންދާ އެމެރިކާގެ އިންޓަ މައޭމީއަށް ފުރަތަމަ ތަށި ހާސިލް ކޮށްދިނުމުގައިގައިވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ. މިގޮތުން އިންޓަ މައޭމީއަށް އޭނާވަނީ 14 މެޗްގައި 11 ލަނޑު ޖަހާދީފައެވެ.
އެވޯޑް ހާސިލް ކުރުމަށްފަހު މެސީ ހާމަކުރިގޮތުގައި އަނެއްކާވެސް މި އެވޯޑް ހާސިލް ކުރުމަށް މި ހަފްލާގައި ބައިވެރިވުމުގެ ފުރުސަތު ލިބުމުން ހިތްހަމަ ޖެހޭކަމަށެވެ. އަދި ހާއްސަކޮށް އޭނާގެ ހުވަފެން ކަމަށްވާ ވޯލްޑް ކަޕްގެ ތަށި ކާމިޔާބު ކުރުމަށްފަހު މި އިނާމް ލިބުމުން ލިބޭ ހިތްހަމަ ޖެހުން އިތުރު ކަމަށް އޭނާ ހާމަކުރިއެވެ. އަދި އޭނާއަށް ލިބިފައިވާ ހުރިހާ ބެލޮން ޑިއޯ އެވޯޑެއްވެސް އެކި ސަބަބު ތަކަށްޓަކައި ހާއްސަ ކަމަށްވެސް މެސީ ހާމަކުރިއެވެ.
މިފަހަރުގެ ބެލޮން ޑިއޯ އަށް މެސީ އާއި އެންމެ ގާތުން ވާދަކޮށްފައިވަނީ އިންގްލިޝް ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް ކުޅެމުންދާ ނޯވޭގެ ފޯވަޑް އާލިން ހާލަންޑްއެވެ. ހާލަންޑް ވަނީ އޭނާ ސިޓީއަށް ކުޅުނު ފުރަތަމަ އަހަރު ޕްރިމިއާ ލީގުގައި އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ އާ ރިކޯޑެއް ކަމަށްވާ 36 ލަނޑު ޖަހާފައެވެ. އަދި ސިޓީއަށް ތިން ތަށި މިދިޔަ ސީޒަންގައި ކާމިޔާބު ކޮށްދިނުމުގައި އޭނާ ވަނީ 52 ލަނޑު ސިޓީއަށް ކާމިޔާބުކޮށްދީފައެވެ. އޭނާ ހޯދި މި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން އެންމެ މޮޅު ލަނޑު ޖެހުންތެރިޔާއަށް ދޭ ގާޑް މުލާ ޓްރޮފީ ވަނީ ހާލަންޑަށް ދީފައެވެ.
މިފަހަރު ތިން ވަނަ މަގާމް ހާސިލްކޮށްފައިވަނީ ފަރަންސޭސިވިލާތުގެ ޤައުމީ ޓީމްގެ މިހާރުގެ ކެޕްޓަން ކިލިއަން އެމްބާޕޭއެވެ. މިދިޔަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލްގައި އާޖެންޓީނާއާ ބައްދަލުކޮށް ބަލިވި މެޗްގައި އެމްބާޕޭ ހެދި ހެޓްރިކާ އެކު އޭނާ ވެފައިވަނީ ވޯލްޑް ކަޕްގެ ފައިނަލްގައި ހެޓްރިކް ހެދި ދެވަނަ ކުޅުންތެރިޔާއަށް ވެގެން ގޮސްފައެވެ.
ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި ރޭ ބޭއްވި ހަފްލާގައި އެންމެ މޮޅު ގޯލް ކީޕަރަށް ދޭ ޔަޝިން ޓްރޮފީ ލިބިގެންދިޔައީ އާޖެންޓީނާގެ ކީޕާ އެމިލިއާނޯ މާޓިނޭޒްއަށެވެ. އަދި އެންމެ މޮޅު ކްލަބްގެ އިނާމް ޖެހިޖެހިގެން ދެވަނަ ފަހަރަށް ލިބިގެންދިޔައީ މެންޗެސްޓާ ސިޓީ އަށެވެ. އެޓީމްގެ އަށް ކުޅުން ތެރިންވަނީ މިފަހަރުގެ ބެލޮން ޑިއޯ އިނާމަށް ޝޯޓްލިސްޓް ކޮށްފައެވެ.